ދުނިޔެ

ބީޖޭޕީގެ ޕޯސްޓުތަކަށް ފޭސްބުކުން އަޅައެއް ނުލި

Aug 16, 2020
1

ވޮޝިންގްޓަން (އޯގަސްޓް 16) - މުސްލިމުންނާމެދު ނަފުރަތު އުފެދޭ ގޮތަށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ބޭފުޅުން ކުރި ޕޯސްޓުތަކަށް ފޭސްބުކުން އަޅާ ނުލާކަމަށް މަޝްހޫރު ވޯލް ސްޓްރީޓް ޖާނަލް ނޫހުގެ ރިޕޯޓެއްގައި ތުހުމަތުކޮށްފި އެވެ.

މިދިއަ ހުކުރު ދުވަހު އާއްމުކުރި ރިޕޯޓުގައި ބުނެފައި ވަނީ، ނަފުރަތު އުފެއްދުމާއި ބައިބައިވުން އުފެއްދުމާ ދެކޮޅަށް ފޭސްބުކުން ގެންގުޅޭ ވަރުގަދަ ސިޔާސަތުތައް ބީޖޭޕީ އާއި އަދި ހިންދޫ ގައުމިއްޔަތުގެ ހަރުކަށި ފިކުރުގެ އެހެން ގުރޫޕުތަކަށް ތަންފީޒު ކުރަން އިންޑިއާގައި ހުންނަ އެ ކުންފުނީގެ އިސް އޮފިޝަލަކު ދެކޮޅު ހެއްދެވި ކަމަށެވެ.

ފޭސްބުކްގެ މުވައްޒަފުންތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނީ ދެކުނުގެ ތެލަންގަނާ ސްޓޭޓްގައި ގާނޫނު ހަދާ މަޖިލީހުގައި ބީޖޭޕީ ތަމްސީލު ކުރައްވައި ޓީ ރާޖާ ސިންގް އިސްވެ މުސްލުމިންނާ ދެކޮޅަށް ކުރެއްވި އެކި ޕޯސްޓުތައް ހުއްޓުވަން އިންޑިއާގައި ހުންނަ ފޭސްބުކްގެ އިސް އޮފިޝަލެއް ކަމަށްވާ އަންކީ ދާސް ދެކޮޅު ހެއްދެވި ކަމަށެވެ.

ސިންގް އަކީ ރޯހިންޔާ މުސްލިމުން މެރުމަށާއި، މިސްކިތްތަކަށް ގެއްލުން ދިނުމަށް ތަކުރާރުކޮށް ފާޅުގައި ހިތްވަރުދެމުންދާ ލީޑަރެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސިންގްގެ އިތުރުން ބީޖޭޕީގެ އިސް ދެ ލީޑަރަކު ވެސް ކޮވިޑް-19 ފަތުރަނީ މުސްލިމުން ކަމަށް ބުނެ ނަފްރަތު އުފައްދާކަމަށް ވެސް އެ ނޫހުން ބުންޏެވެ. ނަމަވެސް، ބީޖޭޕީއާމެދު ސީދާ ގޮތުން ފިޔަވަޅު އަޅަން ފޭސްބުކް އަށް ނުކުރެނީ އެ ޕާޓީއާއެކު އޮންނަ ގުޅުން ގޯސްވެދާނެތީކަމަށް ވެސް އެ ނޫހުން ވަނީ ތުހުމަތުކޮށްފަ އެވެ.