ދުނިޔެ

މުސްލިމުން ނުހިމަނައި އިންޑިއާގެ ރައްޔިތުކަން ލިބޭ ގާނޫނު ފާސްކޮށްފި

ނިއު ދިއްލީ (ޖެނުއަރީ 8) - އަވަށްޓެރި ގައުމުތަކުން އިންޑިއާއަށް އެތެރެވާ މުސްލިމުން ފިޔަވާ އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރައްޔިތުކަން ލިބޭގޮތަށް ގާނޫނެއް ފާސްކޮށްފި އެވެ.

އިންޑިއާގެ ޕާލިމަންޓުގެ ތިރިގެއިން ފާސްކުރި ގާނޫނުގައިވާ ގޮތުން، ލިޔެކިޔުންނެތި އަވަށްޓެރި ބަންގްލަދޭޝް، ޕާކިސްތާނު އަދި އަފްގާނިސްތާނު ފަދަ ގައުމުތަކުން އިންޑިއާއަށް ހިޖުރަކުރާ މީހުންގެ ތެރެއިން މުސްލިމުން ފިޔަވައި، ހިންދޫންނާއި ފާރިސީން ފަދަ ދީންތަކުގެ މީހުންނަށް ރައްޔިތުކަން ލިބޭގޮތްތައް ވަނީ ކަނޑައަޅާފަ އެވެ.

ނަމަވެސް، އެ ގާނޫނު ވުޖޫދަށް އަންނާނީ، ޕާލިމަންޓުގެ މަތި ގެއިން ފާސްވުމުންނެވެ.

"އިންޑިއާ ފިޔަވާ، އެމީހުން ދާނެ އިތުރު ގައުމެއް ނެތް،" ހޯމް މިނިސްޓަރު ރަޖްނަތު ސިންގް ޕާލިމަންޓުގައި ވިދާޅުވި އެވެ. އެ ބިލުގެ މަންފާ ލިބޭ މީހުންނަށް އިންޑިއާގެ ކޮންމެ ސްޓޭޓެއްގައި ދިރިއުޅުމުގެ ހައްގު ލިބޭނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެ ގާނޫނަކީ، ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން އަންނަ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގައި ހިންދޫ އާބާދީގެ ސަޕޯޓު ހޯދުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެކަމާއި ދެކޮޅަށް، މިދިޔަ އަހަރު ގާތްގަނޑަކަށް ހަތަރު މިލިއަން މީހުންގެ ރައްޔިތުކަން ގެއްލުވާލި އިންޑިއާގެ ބޯޑަރުގައި އޮންނަ އައްސާމް ސްޓޭޓުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

އައްސާމް ސްޓޭޓަށް ހާއްސަ ނެޝަނަލް ރެޖިސްޓާ އޮފް ސިޓިޒެންސް (އެންއާރުސީ) ގެ ނަމުގައި ލިސްޓެއް އެކުލަވާލީ 1951 އަހަރު އެވެ. އެއީ އިންޑިއާ ރައްޔިތުންނާއި އޭރުގެ އިރުމަތީ ޕާކިސްތާނު (1971 އަށް ފަހު ބަންގްލަދޭޝް) ރައްޔިތުން ދެނެގަތުމަށެވެ.

އެ ގޮތުން 1985 ސޮއި ކުރެވުނު އައްސާމް އެއްބަސްވުމުގެ ދަށުން، އިންޑިއާ ރައްޔިތެއް ކަމަށް ބަލާނީ 1951 ވަނަ އަހަރު އެކުލަވާލެވުނު ލިސްޓުގައި ހިމެނުނު މީހުންގެ އާއިލާ މެމްބަރުންނާއި 24 މާޗް 1971 ގެ ފަހުން އެ ސަރަހައްދުގެ ވޯޓުލާ މީހުންގެ ލިސްޓެއްގައި ނުވަތަ އެފަދަ ރަސްމީ ލިޔެކިއުމެއްގައި ނަން ހިމެނުނު މީހުންގެ އާއިލާގެ މެމްބަރުންނެވެ.

ބިދޭސީންގެ މައްސަލަ އައްސާމް ސްޓޭޓުގައި އުފެދުނީ، ޕާކިސްތާނާއެކު ކުރި ދާހިލީ ހަނގުރާމައަށްފަހު ބަންގްލަދޭޝް އުފެދި އެ ގައުމުން އެތަކެއް މިލިއަން މީހުންނެއް 1971 ގައި ހިޖުރަ ކުރުމުންނެވެ.

މުސްލިމުން ނުހިމެނުމުގެ އިތުރުން، މުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުމަކީ އެ ގާނުނޫގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ހިންދޫންނަށް ރައްޔިތުކަން ލިބޭނެ ދޮރު ހުޅުވުގެން ދިޔުމެވެ.

އެ މުޒާހަރާތަކާއި ގުޅިގެން މިގާތަނަށް 700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އެ ސަރަހައްދުގައި ހުރި ވެރިކަންކުރާ ޕާޓީގެ ދެ އޮފީހަކަށް މުޒާހަރާގެ ބައިވެރިން ގެއްލުންދީފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.