(31 މާރިޗު 2019 އާ ގުޅޭ)
ބޭރީތު އޭނާގެ ކޮޓަރީގައި ނެތިގެން ހޯދަނިކޮށް ފެނުނީ ލާވީއާއެކު އިންދައެވެ. ރައުލްއާއި ރާވިން އެ ދެ މީހުންނާ ބައްދަލުކުރީ އެކުއެކީއެވެ.
ލާވީއާއި ބޭރީތު އެ މީހުންގެ ކުރިމަތީ ހުއްޓި ތިބި ދަރީންނަށް ބަލާލިއެވެ. ދެ މީހުން ވެސް ހަށިގަނޑު ސީދާކޮށް ރަނގަޅަށް އިށީނީ ރައުލްއާއި ރާވިންއާ ކުރިމަތިލައި އެ މީހުން އައި ބޭނުމެއް އޮޅުން ފިލުވާށެވެ. ބޭރީތު އަތުން އިޝާރާތްކޮށްލީ އެ މީހުންގެ ގާތުގައި އެ ދެ ޒުވާނުން ވެސް އައިސް އިށީނުމަށެވެ. ނަމަވެސް ރައުލް އެކަމާ މަނާވެ ގަތުމުން ރާވިން ވެސް ގަސްދުކުރީ ރައުލްއާއެކު މަޑުކުރުމަށެވެ. ބޭރީތާއި ލާވީ އެކަކު އަނެކަކަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެހިނދު ރައުލްގެ އަޑުއިވުނެވެ. އޭނާ ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިކަން ހާމަކުރުމުން ބޭރީތު އެދުނީ އެކަހެރިވެ އެ ވާހަކައެއް ނުދެއްކިޔަސް ރަނގަޅުވާނޭކަމެވެ. ލާވީއަކީ ދުރުމީހެއްނޫންކަމާއި ރާވިންއަކީ ރައުލް އިތުބާރުކުރާ އެކުވެރިއަކަށްވާތީ ބުނަން އައި ވާހަކަ ދެއްކުމުގެ ހުއްދަ ބޭރީތު ދިނެވެ. އަދި އެތަނުގައި ދެކެވޭ ވާހަކައެއް އަޑު އެހުމަށް ފަރާވެރިވާ ކަންފަތެއްނެތްކަން ބޭރީތު ބުންޏެވެ.
"އަޅުގަނޑު މިއައީ ބައްޕަ ނުރުހޭނޭ ފަދަ ނިންމުމެއް ނިންމައި އެ ޚަބަރު ދޭންވެގެން" ރައުލް ބުންޏެވެ. ބޭރީތު ކުޑަ ވެސް އިޝާރާތެއްކޮށްނުލައި އިނީ ރައުލް އިތުރަށް އެއްޗެކޭ ބުނޭތޯއެވެ. އޭނާއަށް ރައުލް އެ ބުނި އެއްޗެއް ނުވިސްނުނެވެ. އެހެންވެ މަޑުކުރީ އެ ބުނި ބުނުމާ ގުޅޭ ވާހަކަތައް ރައުލް ހާމަކުރަންދެނެވެ.
އީޝަލްއަކީ މުއިމިނު ޖިންނީންގެ ނަސްލަކުން އައިސްފައި އަންހެން ޖިންނިއަކަށްވާތީ އޭނާއާ ކައިވެނިކޮށް އެ މީހުންނާ ގުޅި އެ މީހުންގެ ތެރެއަށް ރައުލްގެ ދިރިއުޅުން އެކީ ބަދަލުކުރަން ނިންމާފައިވާކަން އޭނާ ބުންޏެވެ. އީޝަލްއާ ކައިވެނިކޮށް އޭނާ ގޮވައިގެން ބޭރީތުގެ ގަނޑުވަރުގައި ދިރިއުޅުމުގެ އެއްވެސް ވިސްނުމެއްނެތްކަން ވެސް ރައުލް ހާމަކުރިއެވެ. އޭނާގެ މި ނިންމުންތަކަކީ އީޝަލްމެންގެ ފަރާތުން އައި ނުފޫޒެއްގެ ސަބަބުން ނިންމާނިންމުމެއްނޫންކަން ތަކުރާރުކޮށް ބުންޏެވެ. އޭނާގެ އެކުވެރީން އޭނާއާ އެއްބައިވާން ނިންމައިފައިވާނަމަ އެކަން ރައުލް މަނާނުކުރާނޭކަމާއި އޭނާއާއެކު ދާން ބޭނުންވާ ބަޔަކު ގޮވައިގެންކަން ދާނީ ރައުލް ބުންޏެވެ. އަދި އޭނާގެ މި ނިންމުން ބޭރީތު ވެސް ޤަބޫލުކުރުމަށް ރައުލް އެދުނެވެ.
ރައުލް ވާހަކަދައްކައި ނިމުމުން ބޭރީތު އަނގައިން ނުބުނެ އިނީއެވެ. ލާވީ އިނީ އަޖައިބުވެ ބުނާނޭ އެއްޗެއް ނޭނގިފައި އިންހެނެވެ. އޭނާގެ ނަޒަރު އެއްފަހަރު ރައުލްއަށް އަނެއްފަހަރު ރާވިންއަށް ހުއްޓާލައެވެ. ބައްޕަގެ އެ ހަރަކާތްތަކަށް ބަލަން ހުރެފައި ރާވިން ވާހަކަދެއްކިއެވެ. ރައުލްއާއެކު އޭނާއާއި ޔާފިއާ ވެސް ދާން ނިންމާފައިވާކަން ބުންޏެވެ. އެއާއެކު ލާވީއަށް އެ ވާހަކަތައް ޤަބޫލުކުރުން ފަސޭހައެއްނުވިއެވެ. ފުންމައިގެން އޭނާ ތެދުވަން އުޅުނު ހިނދު ބޭރީތު އޭނާގެ އަތުގައި ހިފިއެވެ. ލާވީ ބަލާލުމާއެކު ބޭރީތު ބޮލުން އިޝާރާތްކުރީ އިށީނުމަށެވެ.
"އީޝަލް އެނބުރި ދާއިރު އެ މީހުންނާއެކު އަޅުގަނޑުމެން ވެސް ދާނަން" ރާވިން ބުންޏެވެ. އޭނާގެ ދަރިފުޅާމެދު ކަންބޮޑުވެފައި އިން ލާވީއަށް ދަތްކުނޑިވިކާލެވުނެވެ. މަޑުމަޑުން ދެފަރާތަށް ލާވީ ބޯހޫރުވާލީ ރާވިންގެ އެ ނިންމުން ބަލައިނުގަނެވޭނޭ ބުނާ ފަދައިންނެވެ.
"ދެން ކޮންބައެއް ދަނީ؟" ބޭރީތު ސުވާލުކުރިއެވެ. ރާވިން ބަލާލީ ރައުލްއަށެވެ.
"އެންމެން މިތަނަށް ހާޟިރު ކުރުމުގެ ހުއްދައަށް އެދެން، އެ މީހުން ބޭނުންވާގޮތް އޭރުން އެނގޭނެ" ރައުލް ބުންޏެވެ. މިފަހަރު ވެސް ބޭރީތު ބޯޖަހާލީއެވެ. ރާވިންއަށް ބަލާލުމުން ރައުލް އެ އެދެނީ ކޮންކަމަކަށްކަން އޭނާ ދެނެގަތެވެ. ހަލުވިކޮށް އެ ތަނުން ނުކުމެގެން ދިޔައީ ރައުލް އެ އެދޭ ފަދައިން ކަންތައްކުރުމަށެވެ.
"އަހަރެން ކަލޭގެ ހުށަހެޅުން ޤަބޫލުނުކޮށްފިއްޔާ" ބޭރީތު އެއްސެވެ. ރައުލްގެ މޫނުން ޖެހިލުންވުމުގެ އަސަރު ފާޅުނުވީތީ ބޭރީތު ހިނިތުންވެލިއެވެ. އޭނާ އެ ހުރީ ފަސްޖެހޭ ގޮތަކަށްނޫންކަން ޚުދު ބޭރީތަށް ވެސް ވިސްނުނެވެ.
"އެއީ އަޅުގަނޑުގެ މި ނިންމުން ބަދަލުވާނޭ ކަމެއްނޫން، އީޝަލްއާއި އޭނާގެ ޢާއިލާއަށް މިކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އަޅުގަނޑު މަޑަކުން ނުހުންނާނަން" ރައުލް ބުންޏެވެ.
"އެ މީހުން ކަލެއަށް ކިހިނެއް ހެދީ... މި އިނީ ކަލޭގެ ބައްޕައެއްނޫންތަ؟ ކަލެއަށް ހުރިހާކަމެއް ކޮށްދިނީ އޭނާ" ލާވީ ބުނެލިއެވެ. ނަމަވެސް ރައުލް އެ ސުވާލުތަކަށް ޖަވާބެއް ނުދިނެވެ.
"ކަލެއާ އެ މީހުންނާ ތަފާތުކަން އެނގޭތަ؟ ކަލެއަށް އެއްގަމުގައި ރައްކާތެރިކަން ލިބުނަސް ރާވިންއާއި ކަލެއާ ބައިވެރިވާ އެހެން މީހުން ރައްކާތެރި ކުރާނީ ކިހިނެއް؟ އަހަރެމެންގެ ދިރިހުރުންވަނީ މިތަނުގައި، ކަނޑުގެ ތެރޭ... ރައުލް... އެ އަންހެންކުއްޖާއާ ހެދި ކަލޭގެ ބުއްދި ވެސް ގޯސްވެއްޖެހެން އަހަރެންނަށް ހީވަނީ، އަހަރެން ކަލޭގެ ހޮވުން ބަލައިގަނެ ކައިވެންޏަށް ހުއްދަނުދެންތަ؟ ކަލޭ ބޭނުންވަނީ ގަނޑުވަރުގެ އެއްވެސް މީހެއްގެ ނުފޫޒުނުފޯރާ ތަނެއްގައި އީޝަލް ބަހައްޓަންނަމަ މިހާރު އޭނާ އެހުރި ތަނުގައި ކަލޭމެން ދެ މީހުންނަށް ދިރިއުޅެވިދާނެ، އަހަރެން ބޭނުންވަނީ އޭނާއާއެކު އަހަރެންނަށް ފެންނަ ހިސާބުގައި ކަލޭމެން ދިރިއުޅެން، ރައުލްއާއި އީޝަލްގެ ފަރާތުން އުފަންވާ ދަރިފަސްކޮޅު އަހަރެމެންގެ ތެރޭގައި އިތުރުވާތަން ދުށުމަށް" ބޭރީތު ވާހަކަދެއްކިއެވެ.
"މިތަނުގައި އީޝަލްއަށް ފުރިހަމަ މިނިވަންކަމެއްނެތް، އޭނާގެ ޢާއިލާ މީހުންނާ ވަކިކުރުމުގެ ގަސްދެއް އަޅުގަނޑުގެ ނެތް" ރައުލް ބުންޏެވެ. އެވަގުތު އެންމެންނަށް އިވުނީ ސޭމެސްގެ އަޑެވެ. އަދި ފެނުނީ ރާވިންއާއެކު ސޭމެސްއާއި ހަތޯރުގެ އިތުރުން ދާރިއުސް އެތަނަށް ހާޟިރުވީތަނެވެ.
"އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އިތުރު މީހަކަށް ބޭނުމެއްނުވޭ، މަރަކީ ޔަގީންވާ އެއްޗެއް، އެ ވަގުތު ޖެހެންދެން އަޅުގަނޑުގެ ހަޔާތުގެ ބާކީ ދުވަސްތައް ރައުލްއާއެކު ހޭދަ ކުރުމަށް ނިންމައިފިން" ސޭމެސް ބުންޏެވެ.
"ސޭމެސް..." ބޭރީތަށް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ.
"ރައުލްއަށް ވިސްނައިދިނުމުގެ ބަދަލުގައި ކަލޭ ވެސް އޭނާއާ އެއްބައިވަނީތަ؟" އިރުކޮޅަކު އިނދެފައި ބޭރީތު ބުންޏެވެ. އެއާއެކު ސޭމެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ.
"ހަތޯރު... ކަލޭ ވެސް... ކަސްދިޔާ ކަލޭ ދާން ދޫކޮށްލާނޭ ހީވޭތަ؟... އަމިއްލައަށް މުސީބާތެއްގެ ތެރެއަށް ނަފްސު ހުށަހައަޅަން ކަލޭމެން ބޭނުންވަނީތަ؟ ދާރިއުސް... ކަލޭ... ކަލެއަކީ އަދި ކުޑަކުއްޖެއް" ބޭރީތުގެ އަޑުގައި އިހު ހުރި މަޑުމައިތިރިކަން އެކޮށް ގެއްލިއްޖެއެވެ. އޭނާގެ އަޑު ބާރުވެފައި ހަރުކަށްޓެވެ. ނުދައްކަން މަސައްކަތްކުރި ރުޅިވެރިކަން މޫނުމަތިން ފާޅުވާން ފަށައިފިއެވެ. އިށީނދެ އިނުން އުނދަގޫވެ ކޮޅަށް ތެދުވެއްޖެއެވެ. އޭނާއާ އެއްވަރަށް ލާވީ ވެސް ހުރީ ކޮޅަށް ތެދުވެއެވެ.
"މަންމަ ކަންބޮޑުވާންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ... ރައުލްއާއި އަޅުގަނޑަކީ ބައްޕަގެ ދެ ދަރީން، އުމުރުގެ ގޮތުން ވެސް އަހަރެމެން އެއްވަރު، ދެން މިތިބީ ވެސް ބައްޕަގެ ދަރީން، އެކަމަކު ރައުލްދެކެ މަންމަ އެހާ ނަފުރަތު ކުރަނީ ކީއްވެ؟ ރައުލްއަށް ދެރަގޮތްތައް ކުރިމަތިވާން މަންމަ ބޭނުންވަނީ ކީއްވެ؟ ރައުލްގެ މަރުގެ އިންތިޒާރުގައި މަންމަ އިންނަންވީ ކީއްވެ؟... އަބަދާއަބަދު ރައުލްގެ ޝަކުވާކުރުމާއި އޭނާއަށް ބަދު ބަސްބުނުން ނޫންކަމެއް މަންމައަށް ނޯންނަ ފަދަ، އަޅުގަނޑު ނެތަސް މަންމައަށް ޒަގަންއާއި ބައްޕަ ހުރުމުން ފުދޭނެ، ރައުލްއަށް ޓަކައި އަޅުގަނޑުގެ ފުރާނަ ގުރުބާންކުރާހާ އޭނާދެކެ ލޯބިވޭ، އޭނާ ދުވަހަކުވެސް އަޅުގަނޑަށް ނުބައިގޮތެއްވުމަށް ނޭދޭ، އޭނާ ފުށުން ނުރުހުމާއި ހަސަދަވެރިކަމެއް އަޅުގަނޑު ނުދެކެން، މީހުންގެ މައްޗަށް ނުބައި ރޭވުން ރާވައި އަނިޔާވެރިވާތީއެއް ނުދެކެން، ރައުލް ނިންމުމެއް ނިންމައިފިނަމަ އަޅުގަނޑު ޔަގީންކުރަން އެއީ އެންމެ ރަނގަޅު ނިންމުންކަން، މިތަނުގައި އޭނާގެ އެންމެ ބޮޑު ހަތުރަކީ އަޅުގަނޑުގެ މަންމަ" ހަތޯރުގެ ވާހަކަ ހުއްޓުމަކަށް އައީ ރައުލް އޭނާގެ ކޮނޑުގައި ހިފާލައި އިތުރަށް ވާހަކަނުދެއްކުމަށް އެދުމުންނެވެ. ލާވީއާއި ބޭރީތު ތިބީ ހަތޯރުގެ ހިތްވަރު ފެނި ހައިރާންވެފައެވެ. ހަތޯރުގެ މުޅި އުމުރުގައި ވެސް ބޭރީތުގެ ކުރިމަތީ އެހާ ދިގުކޮށް ވާހަކަދެއްކިތަން ދުށް މީ ފުރަތަމަ ފަހަރެވެ.
ރައުލްއާއެކު އެހެން މެންބަރުން ހުއްޓިލައިގެން ތިބިއިރު އެ މީހުންގެ މޫނުތަކުން ބޭރީތުގެ ނިންމުން އަތުވެދާނޭ ގޮތާމެދު ކަންބޮޑުވުމެއް ނުވެއެވެ. ރައުލްގެ ކުޅަދާނަކަމާމެދު ބޭރީތު ފަޚުރުވެރިވީ ނަމަވެސް އޭނާއާ ވަކިވެގެން ދިއުމަކީ އޭނާ ބޭނުންވާ ގޮތެއްނޫނެވެ. އޭނާއަށް އީޝަލް ފެނުނު ހިނދުން ފެށިގެން އެ އަންހެންކުއްޖާ އެ ގަނޑުވަރުން ބޭރުކޮށްލުމުގެ ވިސްނުމެއް ނެތެވެ. އެއަށްވުރެ އޭނާވަނީ ރައުލްއާއި އީޝަލްގެ ފުށުން ނިކުންނަ މޭވާގެ ފުރިހަމަކަން ދުށުމަށް ޝައުގުވެރިވެފައެވެ. އޭނާ ހޯދަން މަސައްކަތްކޮށް ކާމިޔާބުނުވި ސިއްރުތަކަކީ އުޑުގައި ދަތުރުކުރާ ނަސްލުތަކުގެ ސިއްރުތަކެވެ. ޚާއްޞަކޮށް މުއިމިނުން ޖިންނީންގެ ރޭވުންތެރިކަން މޮޅުވެފައި އުސޫލުތައް ހަރުދަނާއެވެ. އެމީހުންގެ އަގީދާ ވަރުގަދައެވެ. ނުގުޑާ ފަދަ އަޒުމެއް އެ މީހުންގެ ވެއެވެ. އެ އުސޫލުތައް ފުނޑުފުނޑުކޮށްލުން ފަސޭހަކަމަކަށްނުވެއެވެ. ތަފާތު ދާޢިރާތަކުގެ މުޢައްލިމުން އެ މީހުންގެ ތެރޭގައި ގިނައެވެ. ބާރަކީ ދަހިވެތިކަން އިތުރުކުރުވާ ކަމަކަށްވާއިރު ބޭރީތުގެ ނަފްސު ފުރޭހާ ގާތް ވެސް އަދި ނުވެއެވެ.
ބޭރީތު ބަހެއް ވެސް ނުކިޔައި ނުކުމެގެން ދިއުމުން އޭނާގެ ފަހަތުން ލާވީ ހަލުވިކޮށް ދިޔައެވެ. ފިނިނޭވާއެއް ރައުލް ދޫކޮށްލަމުން އިސްޖަހާލިއެވެ. އަދި ނިތްކުރިއާއެކު ބޮލުގައި އެއްއަތްތިލަ ހިންގާލިއެވެ. އޭނާގެ ކޮނޑުގައި ސޭމެސްގެ ކަނާއަތް ބާއްވާލިއެވެ.
"ކުރިން ވެސް އެނގެއެއްނު މީ ހީކުރާ ފަސޭހައިން ނިމޭނޭ ކަމެއް ނޫންކަން" ސޭމެސް ބުންޏެވެ. އެންމެން އެކުގައި ހިނގައިގަތި ގަނޑުވަރުގެ އުތުރުބައިގައި އެ މީހުން ނިދުމަށް ހަމަޖެއްސި ކޮޓަރިތަކާ ދިމާއަށް ދިއުމަށެވެ.
* * * * *
ހިނގަމުންއައި އީޝަލްއަށް ތަފާތު ފިނިކަމެއް އިޙްސާސް ކުރެވެމުންދިޔައެވެ. އަނދިރިކަމުން އެއްވެސް ތަނެއް ނުފެންނާތީ ދެވެނީ ކޮންތާކަކަށްކަމެއް އޭނާއަކަށް ނޭނގުނެވެ. ކުއްލިއަކަށް އީޝަލް މަޑުޖެހިލިއެވެ. އޭނާގެ އަމިއްލަ ބާރެއްނެތި ހިނގަމުން އާދެވެނީކަން ސިކުނޑި ވިސްނައިދިނީއެވެ. އެއާއެކު ހާސްވާގިތްވިއެވެ. މީހަކު އޭނާއާ ނުބައި ސަމާސާއެއް ކުރަނީކަން ޔަގީންވިއެވެ. ދާދި ގާތުން އީޝަލްއަށް ގޮވާލިއަޑު އިވުނެވެ. ލުއި ހީނލުމެއްގެ އަޑު ވެސް އިވުނެވެ.
"ކާކު؟... އަހަރެންނަށް އެނގޭ މީ ކަލޭ ކުރާކަމެއްކަން" އީޝަލް ބުންޏެވެ. ހާސްވެގެން ތެޅިފޮޅިނުގަތުމަށް އަމިއްލަ ނަފްސަށް އީޝަލް ވިސްނައިދިނެވެ. އަދި އޭނާއާވަމުންދާ ގޮތާމެދު ވިސްނައި އެކަމުން ސަލާމަތްވާނޭ ގޮތެއް ފެނޭތޯ މަސައްކަތް ފެށިއެވެ.
"އީޝަލް... ކީއްވެތަ އަހަރެންނާ ދުރުދުރުން ތިއުޅެނީ، އަހަރެންދެކެ ބިރުގަންނަނީތަ؟ އަހަރެން ކަމެއްނުކުރާނަމޭ ބުނެފިއްޔާ އަހަރެންނާއެކު ވާހަކަދައްކާލަން މަޑުކޮށްލާނަންތަ؟" އެ ޒުވާނާ ބުންޏެވެ.
"ތި ކުރާކަމެއް ހުއްޓާލާ، އަހަރެންނަކީ ރައުލްގެ އަނބިމީހާ، ކަލެއަކީ ކާކުކަން އަހަރެންނަށް އެނގިއްޖެ، ރައުލް ކަލޭދެކެ ނުރުހޭނަމަ އެކަމުގައި ރަނގަޅު ސަބަބެއް އޮންނާނެ، ތިހެން އަހަންނަށް އުނދަގޫނުކޮށް ދާންއުޅޭ" އީޝަލް ބުންޏެވެ.
"ކަލޭ ހާދަ ހުސިޔާރޭ، ރައުލް އަހަރެން ހުއްޓުވީ ކީއްވެތޯ އެނގޭކަށް ބޭނުމެއްނޫންތަ؟ އަހަރެން މިފަދަ އުކުޅެއް ބޭނުންކުރަން ޖެހުނީ އަހަރެމެން ދެ މީހުން ވާހަކަދައްކާލާނޭ ފުރުޞަތެއް ރައުލް ނުދޭނޭކަން އެނގޭތީ... އީޝަލްއަށްވުރެ ކުރީން މިގަނޑުވަރަށް ރައުލްގެ ކައިވެންޏަށް އަންހެންކުއްޖަކު އައި، އެ ދެމީހުންގެ ދެމެދުގައި ކަމެއްހިނގިކަން އެއީ މިތަނުގެ ބާންދީންނަށް ވެސް އެނގޭ ހަޤީޤަތެއް، އޭނާ އެ ހުރިހާކަމެއް އީޝަލްއަށް ސިއްރުކުރަން އުޅޭހެން އަހަރެންނަށް ހީވަނީ" ޒަގަން ޖަހާލީ ހިނިގަނޑެކެވެ.
"ވަހުމު އުފައްދަންތަ ބޭނުންވަނީ" އީޝަލް އެއްސެވެ.
"ދަންވަރުގެ ވަގުތު ގަނޑުވަރު ހިމޭންވެފައިވަނިކޮށް ރައުލްގެ ކޮޓަރިން ސަމިއާނާ ނުކުމެގެން ދިއުމާ، އޭނާގެ ކޮޓަރީގައި ރައުލް ވަގުތު ހޭދަކުރުމާ މީ ހަޤީޤަތް، ޤަބޫލުކުރުމާއި ނުކުރުން އެއީ އީޝަލްގެ އަތްމަތީ އޮތްކަމެއް" ޒަގަން ބުންޏެވެ.
"ދެން ދާންވީނު މިތަނުން" އީޝަލް ހަރުކަށިކަމާއެކު ބުނެލިއެވެ.
"ހާދަ އަވަހަކަށް ފޮނުވާލަން ތިއުޅެނީ، މިގޮތަށް ވިޔަސް އީޝަލްއާ ބައްދަލުކޮށްލުމުގެ ފުރުޞަތު ދީބަލަ، އަހަރެން ތި އަންހެންކުއްޖާ ގާތުން ބަލާލާހިތުން... ވާ... ކަލޭގެ ކަޅިރަވައިގެ ސިހުރުގައި އަހަރެން ހަމަ ރަނގަޅަށް ވެސް ޖެހިއްޖެ، ކޮންތާކުން ހޯދި ރީތިކަމެއްތަ ތީ، އެންމެ ފަހަރަކު... ހަމަ އެންމެ ފަހަރު ތި މަޑު ކޯތާފަތުގައި އިނގިލީގެ ކުރިން ވިޔަސް ފިރުމާލާ ހިތުން ހުރެވެނީއެއްނޫން... އީޝަލް... އީޝަލް... ރައުލް ޚިޔާރުކުރީ ކީއްވެތަ؟ އޭނާއަށް ވުރެ އަހަރެން ހުތުރީތަ؟ އެކަމަކު އޭނާއަށްވުރެ އަހަރެން ކަލޭދެކެ ލޯބިވެޔޭ ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟" އަނދިރިގަނޑުގެ ތެރެއިން ފާޅުވި ޒަގަންގެ ސޫރަ އީޝަލްއަށް ފެނުނެވެ. އީޝަލް ފަހަތަށް ފިޔަވަޅު އަޅާލަން އުޅުމުން ގަދަ ބާރަކުން އޭނާ ހިފަހައްޓަން މަސައްކަތްކުރާކަމުގެ އިޙްސާސް ކުރެވުނެވެ. ދެ ލޯ ބޮޑުކޮށްލަމުން ކުރިމަތިން އޭނާއާ ދިމާއަށް އަންނަ ޒަގަންއަށް އީޝަލް ބަލާލިއެވެ. އެސްފިޔަ ޖަހާލަންވީ ހިނދު ޒަގަން ހުރީ އީޝަލްގެ ގާތުގައެވެ. އޭނާގެ ގައިގާ ޒަގަން އަތްލަން އުޅުމުން އީޝަލް ނުރުހުމާއެކު ހަޅައިލަވައިގަތެވެ. އޭރު އޭނާގެ ދެ ލޯ ފެހިކުލައިން ދިއްލިއްޖެއެވެ. އަދި އިންތިހާ ދަރަޖައިގެ ނުރުހުމާއެކު ޒަގަންއަށް ބަލަންހުރެ އޭނާއަށް ފަހުމުނުވާ ބަހަކުން އީޝަލް އެއްޗެކޭ ބުންޏެވެ. ކަނާއަތުގެ ޝަހާދަތްއިނގިއްޔާއި މެދު އިނގިލި ސީދާކޮށްލައި ގަލަމެއް ފަދައިން އެ ދެ އިނގިލި ފަޒާގެ ތެރޭ ހިންގާލައި އެއްޗެއް ލިޔުނެވެ. އޭނާ ހުއްޓުވުމަށް އީޝަލްގެ އަތުގައި ހިފަން ޒަގަން މަސައްކަތް ކުރި ހިނދު އަނެއްކާ ވެސް ބާރު ހަޅޭކެއްގެ އަޑު އީޝަލްގެ އަރުން ނުކުތެވެ. ޒަގަންގެ އަތް އީޝަލްއާ ހަމައަކަށް ނުފޯރިއެވެ. އީޝަލްގެ ދެ އިނގިލި އޭނާގެ ނިތްކުރީގައި ޖައްސާލިއެވެ. ޒަގަންގެ ކިބައިން ސަލާމަތްވުމަށް އޭނާ ތެޅިފޮޅިގަތެވެ. މުޅިތަން އަލިވެގެންދިއުމާއެކު ޒަގަން އޭނާގެ ލޮލާ ދިމާއިން އަތްތިލަ ހުރަސްކޮށްލިއެވެ. އޭނާ އަނގަހުޅުވި އަޖައިބުވެ އަންތަރީސްވެގެންދިޔައެވެ. ލޮލާ ދިމާއަށް ހުރަސްކޮށްލައިގެން ހުރި އަތްތިލައިގެ އިނގިލިތަކުގެ ދޭތެރެއިން އީޝަލްގެ ބަދަލުވެފައި ހުރި ސޫރަ ފެނި ޒަގަންގެ ހިތް ވަކިން ބޮޑަށް އީޝަލްއަށް ދަހިވެތިވެއްޖެއެވެ. ނަމަވެސް އޭނާގެ ބާރު ކެނޑިއްޖެކަން އެނގުމުން އަވަހަށް އީޝަލްގެ ފުށުން ގޯނާއެއް ނުވަނީސް އޭނާ ކުރަމުންދިޔަ ކަންތައް ހުއްޓާލީއެވެ.
"އީޝަލް...އީޝަލް..." އީޝަލްއަށް ލޯ ހުޅުވާލެވުނު އިރު އޭނާއަށް ހުރެވުނީ ކޮޓަރިތެރޭ މެދުގައި ކޮޅަށެވެ. އޭނާގެ ދެވަރަ ހުޅުވި ކޮޓަރީގެ އެއްފަޅި އެއްކޮށް ބަންދުވެފައިވާ ކަހަލައެވެ. އެ ކޮޓަރި ވެސް އީޝަލްގެ ދެވަރަ ފެތުރޭވަރަށްވުރެ ކުޑައީއެވެ. އީޝަލްއަށް އޭނާގެ އަތަށް ބޭއިޚްތިޔާރުގައި ބަލާލެވުނެވެ. ޝަހާދަތްއިނގިއްޔާއި މެދުއިނގިލި ސީދާކޮށްލެވި ދެންހުރި އިނގިލިތައް ލައްޕާލި ގޮތަށް އަތްތިލަ އޮތެވެ. ފުންނޭވާއެއް ދޫކޮށްލަމުން އީޝަލް ހަމަޖެހިލިއެވެ. އެހިނދު އޭނާގެ ވަރަ ފޮރުވިއްޖެއެވެ. ލާމިއާ ކަންބޮޑުވުމާއެކު އީޝަލްގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލިއެވެ. އޭނާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ދޮރުގައި ޓަކިދިން އަޑު އިވުނެވެ.
(ނުނިމޭ)