ދުނިޔެ

އިންޑިއާގެ މިސައިލް ޓެސްޓުން ސްޕޭސް ސްޓޭޝަނަށް ނުރައްކާ

Apr 2, 2019

އިންޑިއާއިން މިދިޔަ ހަފްތާގައި ކުރި މިސައިލް ޓެސްޓެއްގައި ދުނިޔޭއިން ބޭރުން ދަތުރުކުރާ ސެޓެލައިޓެއް ވައްޓާލުމާއި ގުޅިގެން، ބައިނަލްއަގުވާމީ ސްޕޭސް ސްޓޭޝަނަށް ގެއްލުންވެދާނެ ކަމަށް ނާސާ އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ ޖައްވާބެހޭ އޭޖެންސީ އިން ބުނި ގޮތުގައި، އިންޑިއާއިން ގޮއްވާލި ސެޓެލައިޓުން ޖައްވު ތެރެއަށް ބުރައިގެން ދިޔަ ބައިތަކުގެ ސަބަބުން، ސްޕޭސް ސްޓޭޝަނަށް ކުރިމަތިވެފައިވާ ނުރައްކާ ފާއިތުވި 10 ދުވަހުގެ ތެރޭގައި 44 ޕަސަންޓް އިތުރުވެފައިވާ ކަމަށެވެ.

އެ ކާމިޔާބީ އިއުލާނުކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާ އަކީ އެމެރިކާ، ރަޝިއާ އަދި ޗައިނާއަށްފަހު އެފަދަ އެންޓައި ސެޓެލައިޓް މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބުނު ހަތަރު ވަނަ ގައުމު ކަމަށެވެ.

"މިއީ އިންޑިއާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އަހަރެމެން އެންމެން ފަހުރުވެރިވާންޖެހޭ ކަމެއް. ހަމައެކަނި އެއްގަމާއި، ކަނޑާއި، ވައިގެ މަގުން އެކަންޏެއް ނޫން. މިހާރު ޖައްވުގައި ވެސް މިގައުމު ދިފާއުކުރުމުގެ ގާބިލުކަން ލިބިގެން މިދިޔައީ،" މޯދީ ވިދާޅުވި އެވެ.

ސެޓެލައިޓް ގޮއްވާލުމުން ބުރައިގެން ދިޔަ 400 އެތިކޮޅުގެ ތެރެއިން، ޖައްވުގައި މިހާރު އެނބުރެމުންދާ 24 އެތިކޮޅުން ސްޕޭސް ސްޓޭޝަނަށް ނުރައްކާވެދާނެކަމަށް ނާސާ އިން އިތުރަށް ބުނެފައިވެ އެވެ.

މިސައިލް ފޮނުވާލައިގެން ވައްޓާލާފައިވަނީ ދުނިޔޭއިން 300 ކިލޯމީޓަރު ދުރުގައި އޮތް ސެޓެލައިޓެއްކަމަށް އިންޑިއާ އިން ބުނެފައިވެ އެވެ.

މޯދީއަށް ތާއީދުކުރާ ފަރާތްތަކުން ސަރުކާރަށް މަރުހަބާ ކިޔަމުން ދިޔަނަމަވެސް، އާންމު އިންތިހާބާއި ދިމާކޮށް އެކަން އިއުލާނުކުރުމަކީ ސިޔާސީ އުކުޅެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު، އިންޑިއާ އިން ފުރަތަމަ ފަހަރަށް ޖައްވަށް މީހުން ފޮނުވުމަށް 1.4 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ފެށި އެވެ. އެ ޕްރޮޖެކްޓުގެ ފުރަތަމަ ޓެސްޓު ރޮކެޓް އަންނަ އަހަރުގެ ޑިސެމްބަރު މަހު ފޮނުވާލަން ވަނީ ތާވަލުކޮށްފަ އެވެ.