ކުޅިވަރު

ޖޫރިމަނާ ކުރުމުން މާޒިޔާ މެޗަށް ހާޒިރެއްނުވި

Jul 10, 2015

ޖޫރިމަނާ ކުރުމާ ގުޅިގެން މައިލޯ ވެޓަރަންސް ކަޕުގައި މިއަދު ވެލެންސިއާއާ ދެކޮޅަށް ކުޅެން މެޗަށް ހާޒިރުވާން ދެކޮޅު ހަދައި މާޒިޔާ ހާޒިރެއް ނުވެ ގެއަށް އެވެ.

ހަވީރު 4:45 ގައި ފަށަން އޮތް މެޗަށް މާޒިޔާ ހާޒިރުނުވި ސަބަބަކަށް އެ ޓީމުން ބުނީ ޖޫރިމަނާ ފައިސާ ދައްކާފައިނޫނީ މެޗު ނުކުޅެވޭނެ ކަމަށް އެ ޓީމަށް އެފްއޭއެމުން ފޮނުވި ސިޓީގައި އޮތުމުން ކަމަށެވެ.

"މިއަދު މީ ހުކުރު ދުވަހެއް. ބެންކް ހުޅުވައިގެންތާ ފައިސާ ދައްކާނީ ވެސް. ދެން މުބާރާތް ހިންގަނީ ސޮކާ ވެޓަރަންސް (އެސޯސިއޭޝަނުން). ސަސްޕެންޑްކުރީ އެފްއޭއެމުން. އަހަރުމެން ފައިސާ ދައްކަންވީ ކޮންތަނަކަށް ކަމެއް ވެސް ނޭނގެ. އެފްއޭއެމުން ބުނަނީ ސޮކާ ވެޓަރަންސަށޭ. އެކަމަކު އަހަރުމެން ސޮކާ ވެޓަރަންސަށް ފައިސާ ދައްކައިން ބޯޅަ ކުޅޭކަށް ނުޖެހޭނެ. ޖޫރިމަނާކުރީ އެފްއޭއެމުން،" ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔަ މާޒިޔާގެ އޮފިޝަލް ބުންޏެވެ.

ނަމަވެސް ސޮކާ ވެޓަރަންސްގެ ފަރާތުން މުބާރާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި މުބާރާތުގައި ކުޅޭ ސޮކާ ވެޓަރަންސް ޓީމުގެ ފޯވަޑް އަލީ ޝަމީމް (ކޮޔަރު އައްޔަ) ބުނީ މުބާރާތް ފެށުމުގެ ކުރިން ވެސް ޑިސިޕްލިނަރީ މައްސަލަތައް ބަލާނީ އެފްއޭއެމުގެ ޑިސިޕްލިންރީ ކޮމިޓީން ކަމަށް ބުނެފައިވާނެ ކަމަށެވެ. އައްޔައަކީ މި މުބާރާތުގެ މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ.

މާޒިޔާ ޖޫރިމަނާ ކުރީ މާލޭވެޓަރަންސް ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ބާކީ އެއްމިނިޓްގައި އޮއްވައި މެޗު ހުއްޓާލަން ޖެހުމުގައި އެ ޓީމުގެ އިހުމާލުއޮތް ކަމަށް އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ގަބޫލު ކުރެވުމުންނެވެ. އަދި މި މެޗުގައި ރެފްރީގެ ހުއްދަނެތި ދަނޑަށް އެރުމުން އެ ޓީމުގެ ދެ ކުޅުންތެރިއަކު ވެސް ވަނީ 4000ރ. އިން ޖޫރިމަނާކޮށް ހަތަރު މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

މީގެ އިތުރުން ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މާޒިޔާ އާއި މާލޭވެޓަރަންސް މެޗު އަލުން ކުޅުމަށެވެ. ސޮކާ ވެޓަރަންސްއިން ބުނީ މި މެޗު ކުޅޭނީ މާދަމާނޫން އަނެއް ދުވަހު ކަމަށެވެ.

މިއަދުގެ މެޗަށް މާޒިޔާ ހާޒިރު ނުވިނަމަވެސް އެ މެޗު ކުޅެގެން އަދިވެސް އެ ޓީމަށް ސެމީގެ ފުރުސަތު އެބައޮތެވެ. އެއީ މާޒިޔާ އަށް ހަ ޕޮއިންޓް، މާލޭ ވެޓަރަންސް އަށް ހަތަރު ޕޮއިންޓް ލިބިފައިވާތީ އެވެ. ނަމަވެސް މާޒިޔާގެ އޮފިޝަލަކު ބުނީ "އެ މެޗު ވެސް ދެން ނުކުޅޭނަން،" ކަމަށެވެ. ސަބަބަކީ މީގެ ކުރިން މުބާރާތުގައި ހިނގާފައިހުރި ބައެއް ޑިސިޕްލިނަރީ މައްސަލަތަކަށް ފިޔަވަޅުނާޅައި މާފަހުން ހިނގިކަމެއްގައި އެ ޓީމަށް ފިޔަވަޅު އެޅުމުންނެވެ.

"ކިހިނެތް މިހާ އިންސާފުވެރިކަމެއް ނެތް ކަމެއްގައި ކުޅޭނީ. ބީޖީ، ވެލެންސިއާ މެޗުގައި ބީޖީ ކުޅުންތެރިން ރެފްރީގައިގައި ތަޅާ ހެދިތަން އެންމެނަށް ވެސް ފެންނާނެ. އެކަން ނުބަލައި އަހަރުމެން މެޗުގެ މައްސަލަ މިބެލީ. ފުރަތަމަވީ ކަންތައްތައް ފުރަތަމަ ބަލަންޖެހޭނީ. ދެން އެފްއޭއެމުން އެބަބުނޭ އެކަން ވެސް ނިންމާފައި ސޮކާ ވެޓަރަންސަށް އަންގާފައޭ އޮންނާނީ. އަދި މިކަން (ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުންތައް) އަންގަންވެސް ޖެހޭނީ އެމީހުން (ސޮކާވެޓަރަންސްގެ) ނަމުގައޭ. އެކަމަކު އެއިންކަމެއް އަދިވެސް ނިންމިގޮތެއް ނޭނގެ. ދެން އެފްއޭއެމުން (ބާއްވާ މުބާރާތެއްނަމަ) އެމީހުން މީގެ ކުރިން ސަސްޕެންޑްކޮށްފައިތިބި މީހުންނަށް ވެސް ކުޅެވިގެންވެސް ނުވާނެތާ. އެހެންވީމަ މާޒިޔާ ދެން ނުކުޅޭނަން މިމުބާރާތުގައި،" މާޒިޔާގެ އޮފިޝަލް ބުންޏެވެ.

މި މުބާރާތުގައި ހިނގާ އެއްވެސް ކަމަކާ ގުޅިގެން އެފްއޭއެމުން ރާވައި ހިންގާ މުބާރާތްތަކުގައި ކުޅުމަށް ހުރަހެއްނެތެވެ.

ހަ ޓީމު ލީގު އުސޫލުން އެއްބުރު ކުޅެ ސެމީ އަށް ހަތަރު ޓީމު ހޮވޭ މުބާރާތުގެ މިއަދުގެ މެޗު ވެލެންސިއާ އަށް ލިބުމުން އެ ޓީމު ވަނީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ގޮސްފަ އެވެ. ސެމީން ދެން ޖާގަ ހޯދާފައިވަނީ ސޮކާ ވެޓަރަންސް އާއި ބީޖީ އެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ މާޒިޔާ ނުވަތަ މާލޭ ވެޓަރަންސް އަށެވެ.

ސެމީގައި ކުޅޭނީ އެއްވަނަ ޓީމާއި ހަތަރު ވަނަ ޓީމެވެ. ފައިނަލުގެ ފަހު ޖާގެ ލިބޭނީ ދޭކާއި ތިނެއް ކުޅެގެން މޮޅުވާ ޓީމަކަށެވެ.