ހަބަރު

ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސާވޭ މިމަހު ކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަށް އޯފް-ޕީކް ސީޒަން ސާވޭ ނުވަތަށް ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދަ އާއި ގުޅޭ ސާވޭ، މިމަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަށް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް އަމާޒުކޮށްގެން ކުރާ މިސާވޭ އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްގައި މިމަހު 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިސާވޭ ކުރުމުގައި މައިގަނޑު ގޮތެއްގައި އެމްއެމްއޭ އިން ބަލާނެ ކަންތައްތަކަކީ، ދަތުރު ދިޔަ ގައުމާއި، ޓިކެޓުގެ އަގާއި، ދަތުރުގެ މައިގަނޑު މަގްސަދާއި، ބޭސް ފަރުވާއަށް ކުރެވުނު ހަރަދު އަދި ޖުމްލަ ގޮތެއްގައި މުޅި ދަތުރުގައި ހޭދަކުރެވުނު ފައިސާގެ އަދަދެވެ. ސާވޭއަށްދޭ މައުލޫމާތު ހުންނަނީ ސިއްރު މައުލޫމާތެއްގެ ގޮތުގައި ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ. ސާވޭއަށް މައުލޫމާތުދޭ ފަރާތުގެ ޒާތީ މައުލޫމާތު ނުނަގާނެ އެވެ.

މިސާވާ ކުރަން ހަމަޖެހިފައިވާ މުއްދަތުގައި، އެމްއެމްއޭގެ މުވައްޒިފުން ވީއައިއޭގެ އެރައިވަލް ހޯލުގައި ސާވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން ސާވޭއަށް އެއްބާރުލުން ދެއްވުމަށް އެމްއެމްއޭ އިން ވަނީ އެދިފަ އެވެ.