ލައިފްސްޓައިލް

ކާމިޔާބު ހަޔާތަކަށް ވޯކް ލައިފް ބެލެންސްކޮށްލަމާ

މަސައްކަތުގެ މައިދާނުގެ ޑިމާންޑްތަކާއި އެކު އާއިލާ، ރަހުމަތްތެރިން އަދި އިޖުތިމާއީ ކަންކަމާއި، އަމިއްލަ ނަފްސަށް ވަގުތު ހުސްކޮށް މުޅި ދިރިއުޅުން އެއްކޮށް ބެލެންސް ކުރުމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކުހެން ކުރިމަތިވާ ޗެލެންޖެކެވެ. ވޯކްލައިފް ބެލެންސް ކުރުމަކީ ގިނަ މީހުންނަށް ކުރަން އުނދަގޫ ކަމަކަށްވެސް ވެދާނެ އެވެ. ކާމިޔާބު މީހުންނަކީ މަސައްކަތާއި އަމިއްލަ ދިރިއުޅުން ވަރަށް ރަނގަޅަށް ބެލެންސްކޮށްގެން ކުރިއަށްދާ މީހުންނެވެ.

ވޯކްލައިފް ރަނގަޅަށް ބެލެންސް ކުރުމުން ދިރިއުޅުމުގައި ހުރިހާ ކޮޅަކުން މީހާއަށް ކާމިޔާބު ލިބެއެވެ. މިގޮތަށް ބެލެންސް ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ވަގުތުގެ ބޭނުން ރަނގަޅަށް ހިފުމެވެ. އޮފީހުގައި މަސައްކަތްކުރާ ވަގުތުގައި އަދި ގޭގައި ހޭދަކުރާ ވަގުތުތަކުގައިވެސް ވަގުތަށް ސަމާލުކަން ދީގެން ކަންކަން ރާވާލުމެވެ.

ވަގުތު ގެ ފުރިހަމަ ބޭނުން ހިފުމުގެ ގޮތުން ހަފްތާއެއްގެ ތެރޭގައި ކުރަން ގަސްދުކުރާ ކަންކަން ޝެޑިއުލް ކުރެވިދާނެއެވެ. މަސައްކަތްތަށް ރާވާލާ ނުވަތަ އަމިއްލައަށް ކުރަން ކަނޑައަޅާ ކަންކަންވެސް ޝެޑިއުލްގައި ހިމަނާލުމުން ކުރިއަށް ކުރަން ހުރި ކަންކަން ސާފުވެގެންދެއެވެ.

ޝެޑިއުލެއް ހަދާއިރު، ޝެޑިއުލްއަށް ހުސްވަގުތު ލުމަށްވެސް މުހިއްމެވެ. މަސައްކަތަށާއި ގޭތެރޭގެ ކަންކަމުން ފުރާލާފައި އޮންނަ ޝެޑިއުލެއްގެ ބަދަލުގައި އާއިލާއި ރައްޓެހިންނާއި އެކު ކޮފީއަށްވެސް ވަގުތު ލާފާ ޝެޑިއުލް ތައްޔާރުކުރަންވީއެވެ. އަދި މީހާއަށް ރިލޭކްސްވާ ފަދަ ކަންކަމަށްވެސް ވަގުތު ހުސްކުރަންވެއެވެ. މިއީ މީހާގެ ބެޓެރީ ރީޗާޖްކޮށްލާ މަސައްކަތުގައި ބިޒީކޮށް އުޅުމަށްފަހު ނޭވާލާ ހިންދަމާލަން ލިބޭ ފުރުސަތެކެވެ.

ވޯކްލައިފް ބެލެންސް ކުރުމަށް ދެން ކުރަންވީ ކަމަކީ ހާސިލުކުރަން ބޭނުންވާ ގޯލްތައް ކަނޑައެޅުމެވެ. މަސައްކަތުގަ އާއި އަމިއްލަ ދިރިއުޅުމުގައި ކުރަން ބޭނުންވަނީ ކޮންކަމެއްކަން އަބަދުވެސް އެމީހަކަށް ރަނގަޅަށް އިނގެންވެއެވެ. މާ ގިނަކަންކަން ކުރުމަށް އެއްފަހަރާ އުޅުމުން މީހާއެއްކޮށް " ބާންއައުޓް"ވެއެވެ. މީގެ ބަދަލުގައި ކުރެވޭނީ ކޮންކަމެއްތޯ ދުރާލާ ރާވާފައި އޮތުމުން އެއްވެސް ކަމެއް ހާސިލުނުވެގެން އުޅޭ ކަމުގެ އިހުސާސްތަކެއް ކުރާކަށް ނުޖޭހޭނެއެވެ.

މީގެ އިތުރުންވެސް ވޯކްލައިފް ބެލެންސް ކުރުމަށް އޮފީސް މަސައްކަތް އޮފީހުގައި ކުރުމަށް އިސްކަމެއްދޭންވީއެވެ. އަދި އޮފީހުގެ މަސައްކަތަށް ބުރޫއަރާކަންކަން އޮފީހުގައި ނުކޮށް މީހާގެ އުފެއްދުންތެރިކަން މި ވަގުތުގައި އިތުރުކުރުމަށް އަޒުމް ކަނޑައަޅަންވީއެވެ. އޮފީސް މަސައްކަތް ގެއަށް ގެނައުމުން އެއްވެސް ހުސްވަގުތެއް ނުލިބި މީހާގެ ސްޓްރެސް އިތުރުވެގެންދެއެވެ.

މިކަމުގެ ސަބަބުން އާއިލާއާއި އެކު ހޭދަކުރާ ވަގުތަށް ބުރޫއަރައެވެ. މީގެ ސަބަބުން އާއިލާ އާއި އެކު ކޮލިޓީ ވަގުތު ހޭދަކުރުމުން ދުރުވެ ގުޅުންތައް ބަލިވެއެވެ. މަސައްކަތުގެ މައިދާނުގައި ކުރިއެރުންތަކަކާއި ކަމިޔާބީތަކެއް ހޯދާ، ދުވަސް ނިމޭއިރު މި ކާމިޔާބީ ފޮނި އުފާ އެކީގައި ފާހަގަކުރާނެ އާއިލާއެއް ނުވަތަ ރަހުމަތްތެރިންތަކެއް ނެތްނަމަ ކާމިޔާބު ވީ ކަމުގެ އިހުސާސްއެއް ނުކުރެވެއެވެ.



ވޯކްލައިފް ބެލެންސް ކުރުމުގައި ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ އަމިއްލަ ނަފްސަށް ވަގުތު ހޯދުމެވެ. ދިރިއުޅުމުގެ ކަންކަމާއި ބިޒީވެގެން އަބަދުވެސް ލައިނުގަނެގެން އުޅުމުގެ ބަދަލުގައި ކުޑަކޮށް މަޑުޖެހިލަންވީއެވެ. އަމިއްލަ ސިއްހަތަށްޓަކާއި ފިޓްކޮށް ހުރުމަށް ރަނގަޅު ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވުން މުހިއްމެވެ. ކަސްރަތުކުރުމަކީ މީހާގެ ހަކަތަ އިތުރުކޮށްދީ، މޫޑު ރަނގަޅުކޮށްދީ، ކަންކަމަށްދޭ ސަމާލުކަމާއި ފޯކަސް އިތުރުކޮށްދޭ ކަމެކެވެ. އަދި މީހާގެ ސިއްހީ އެތަށް ފައިދާއެއްގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ ކަމެކެވެ.

އަމިއްލަ ނަފްސަށް ވަގުތު ހޯދާއިރު ގަޔާވާކަހަލަ ހޮބީއެއްވެސް ހޯދިދާނެއެވެ. މިގޮތުން ކުޑައިރު ހޮބީއެއްގެގޮތުގައި ކުރި ކަމެއް އަލުން ކުރުމަށްވެސް ފެށިދާނެއެވެ. ހޮބީއެއްގެ ގޮތުގައި ކުރާކަމަކީ އަމިއްލަ ނަފްސަށްޓަކައި ކުރާ ކަމެކވެ. އާއިލާ، ރައްޓެހިން އަދި މަސައްކަތުގެ ބޭރުން ކުރާ މިކަހަލަ ކަންކަމުގެ ސަބަބުން ހިތްހަމަޖެހުން ގެނެސްދެއެވެ.

މި ހުރިހާކަމަކާއި އެކުވެސް ހަމަނިދި ހޯދަން އެބަޖެހެއެވެ. ކޮންމެ ދުވަހަކު ދެ ގަޑި އިރުވަރު ނިދާލައިގެން މީހާގެ ސިކުނޑިއަށް ރެސްޓެއް ނުލިބޭނެއެވެ. ދުވާލުގަޑީގައިވެސް ވަގުތުކޮޅަކަށް ޖައްސާލާ އަރާމު ހޯދާށެވެ. މާ ގިނައިރު ނޫނަސް މިގޮތަށް ނިދާލުމުން މީހާ އެއްކޮށް ރީޗާޖުވެއެވެ.


ރަނގަޅަށް ވޯކްލައިފް ބެލެންސް ނުކުރާނަމަ މީހާގެ ތަފާތު އެކި އެކި ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހޭ ފަހަރުވެސް އާދެއެވެ. މިގޮތުން ސްޓްރެސް އަކީ މީގެ ފެށުމެވެ. ސްޓްރެސްގެ ސަބަބުން ހިތުގެ ބަލިތަކާއި، ބޮލުގަ ރިހުމާއި އެކި އެކި ތަދުތަކާއި، ޑިޕްރެޝަން އަދި މީހާގެ ބަރުދަނުގެ މައްސަލަތަށްވެސް ކުރިމަތިވާ ފަހަރު އާދެއެވެ.އަދި މީހާ ވަރުބަލިވެގެން މީހާ ބާންއައުޓްވާ ފަހަރުވެސް އާދެއެވެ. އަދި މަސައްކަތުގެ މައިދާނުގައި މީހާގެ އުފެއްދުންތެރިކަން ދަށްވެ މަސައްކަތަށް ބުރޫއަރާ، ޒާތީ ދިރިއުޅަމަށްވެސް މިކަމުގެ އަސަރުކުރެއެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހާ ކޮޅަކުން ކާމިޔާބުވާން ބޭނުންނަމަ މި މުހިއްމު ކަންކަން ކުރަންވީއެވެ.