ވާހަކަ

ބޭނުންވަނީ ޔާރާ

(1 އެޕްރިލް 2019 އާ ގުޅޭ) -- "ދާއިން އާއި ބައްދަލުކޮއްލަން މިއައީ" މަންހާގެ ކުރިމަތީ ހުރި މީހާބުނެލިއެވެ. މަންހާއަށް އޭނަ އެއްފަހަރު ފެނިފައި ހުރިވައްތަރު ޖެހިއެވެ. އެއީ ނޫރާ އާއިއެކު ޓްރޭނިންގައި އުޅުނު ފުރަތަމަ ހަފްތާގެ ތެރޭގައެވެ. އެކަމަކު އެއްގޮތަކަށްވެސް ކިޔާނަމެއް މަންހާ ހަނދާނެއްނެތެވެ. މަންހާ އޭނަގެ ކުރިމަތީ ހުރި ގޮނޑި ދައްކާލަމުން މަޑުކޮއްލުމަށްއެދުނެވެ.

"ކޮންނަމައްތޯ ކިޔަނީ" މަންހާ ހިނިތުންވެލަމުން އަހާލިއެވެ.

"ޒައުލް...." ޒައުލް އޭނަގެ ނަންބުނެލިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް މަންހާއަށް ބަލާލިއެވެ.

މަންހާ ފޯނުގެ އަތްގަނޑުނަގާ ދާއިންގެ ކޯޑު ޖަހާލަމުން ގުޅާލިއެވެ. އަދި ޒައުލްގެ ނަންބުނެލުމާއިއެކު ދާއިން އޭނަ ވެއްދުމަށް ބުނެލިއެވެ.

"އެތެރެއަށް ދުރުވޭ....." މަންހާ ގޮނޑިން ތެދުވަމުން ދާއިންގެ ކެބިންނާއި ދިމާލަށް ދަމުން ބުނެލިއެވެ. އަދި ކެބިންގެ ދޮރު ޒައުލްއަށް ހުޅުވާލަދީފައި އޭނަ ވަނުމުން ކެބިންގެ ދޮރު ލައްޕާލިއެވެ.

"ހުވާ ހާދަ ސަޅި އޭ އެމަންޖެ....މިހިސާބު ކަމެއްހެން ހިއެއްނުވޭ" ޒައުލް މަންހާ ދޮރުލައްޕާލުމާއިއެކު ބުނެލިއެވެ.

"ޒައްލޭ....އޭނަ ސަލާމަތުން ބަހައްޓާ، ޝީޒް ވެރީ ޔަންގު އެންޑް ވެލް އެޑިއުކޭޓެޑް، ކިތަށް ފަހަރު ބުނާނީ އެއީ ޒައްލެގެ ވަންނައިޓް ސްޓޭންޑްއަށް ގެންގުޅޭ ކަހަލަ ކުއްޖެއްނޫނޭ...." ކޮޅަށް ހުރި ދާއިން ޒައުލްއަށް އިށީނުމަށް ތަންދެއްކިއެވެ.

"އޯކޭ......އޯކޭ.....ދާން، މީ ކޮންކަމެއް، ކެބިން ބަދަލުވީ ކިހިނެތްވީ" ޒައުލް ހައިރާން ކަމާއިއެކު ވަށައިގެން ބަލާލަމުން ބުނެލިއެވެ.

ޒައުލް އާއި ދާއިންގެ މެދުގައި އެކިއެކި ވާހަކަތައް ދެކެވެމުންދިޔައެވެ. ކެބިންއަށް އައިސްފައިވާ ބަދަލަކީ މަންހާގެ މަސައްކަތުން އައިސްފައިވާ ބަދަލެއްކަން އެނގުމުން އޭނަ ވަކިން މަންހާއަށް ތައުރީފުކުރިއެވެ. ހެނދުނުގެ ނާސްތާކުރާ ގަޑިއަށް ދާއިން އޭނަގެ އެޕާރޓްމަންޓަށް ދިޔައީ ޒައުލްވެސް ގޮވައިގެންނެވެ.

ދާއިންގެ މަންމަ މޫމިނާއަށް ޒައުލް ފެނުމާއިއެކު އަވަހަށް ސައިބޯން އައުމަށް އެދުނެވެ. ދަރިއަކު ފަދައިން ޒައުލްގެ އަތުގައި ފިރުމާލަމުން މިހާރު އެހާ ގިނައިން އެގެއަށް ނާންނަނީ ކީއްވެތޯ ޝަކުވާކޮއްލިއެވެ. ދާއިން އާއިއެކު ކާމޭޒުމަތީ ޒައުލް އިންއިރު އޭނަގެ ވާހަކަތަކުން އެހެންޏާ ކާމޭޒުމައްޗަށް ވެރިވެފައި އޮންނަ ހަމަހިމޭންކަން ނައްތާލިއެވެ. މޫމިނާގެ މޫނުމަތިން އެހެންޏާ ނުފެންނަ އުފާވެރިކަމެއް ފެންނަމުންދިޔައެވެ. އެއީ ޒައުލްގެ އާދައެވެ. އޭނަގެ ގާތުގައި އުޅޭ މީހުންގެ ހިތްތައް އުފާކޮއްދޭނެއެވެ. ސީރިއަސް ކަމަކަށްވުރެ ހެއްވާ މަޖާ ސަމާސާއެއް ކޮއްލުމަކީ އޭނަގެ އާދައެވެ.

ދާއިން ކާމޭޒުކައިރިން އަވަދިވި ހިނދު ޒާރާގެ ހާލު ބަލާލުމަށް ކޮޓަރިއަށްވަނެވެ. އޭރުވެސް ޒައުލް އާއި މޫމިނާ ކޮންމެވެސް ވާހަކައެއްގެ ތެރެއަށް ގެއްލިފައި ތިއްބެވެ. ދާއިން ކޮޓަރީގެ ދޮރުހުޅުވާލާފައި ވަތްއިރު ޒާރާ އަދިވެސް އޮތީ ނިދާފައެވެ. އެހެންވެ މަޑުމަޑުން ގޮސް ޒާރާގެ ދާދިގާތުގައި އިށީނދެ ގޮވާލިއެވެ.

"ބޭބީ ހޭލީތަ.....ރޮނީ ދޯ" މަޑުމަޑުން ލޯ ހުޅުވާ ދާއިންއަށް ބަލާލި ޒާރާ ބުނެލިއެވެ.

"ޒާ........ލޯބީ....އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ، އަދި އަހަރުމެން ދެމީހުންނަށް ބޭބީއެއް ނުލިބެޔޭ، ޒާ ރަނގަޅުވެބަލަ، ކީއްވެތަ ތިހެން ތިއުޅެނީ، އަހަރެން ޒާއަށް ބޭނުންވޭ، އަހަރެންނަށް އަޅާލާނީ ކާކު.....ޒާ....މީ ޒާގެ ދާންއޭ، ކުރީގެވެސް މިހާރުގެވެސް، ބަދަލުވުމެއްނެތް ދާން.....އަހަންނަށް އަހަރެންގެ ޒާރާ ގެނެސްދީބަލަ.....ތިގެންގުޅެނީ އަހަރުމެންގެ ބޭބީއެއް ނޫނޭ، އެއީ ކުޅޭ ކުޅޭ ބުދެއް، ފުރާނައެއް ދިރުމެއްނުވާ އެއްޗެއް.....ޒާރާ ނިކަން ވިސްނަބަލަ، އަހަރުމެން ކުރީގަ ކިހާ އުފަލުންތަ އުޅުނީ...." ދާއިން ވާހަކަ ދައްކަ ދައްކާ އިންދާ ޒާރާ އެނދުންތެދުވިއެވެ. އޭނައަށް ދާއިން ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އަޑުނީވޭ ފަދައެވެ. ޒާރާ ތެދުވެގެން ގޮސް ވަނީ ކުޑައެނދު ބަހައްޓާފައިވާ ކޮޓަރިއަށެވެ. އަދި ދިޔަގޮތަށް އެކުޑައެނދުގައި އޮތް ބުދުނަގާ އުރާލަމުން ނާނާ ކިޔާލިއެވެ. އަމިއްލަ ދުނިޔެއެއްގައި އުޅެމުން އަންނަ ޒާރާ ވާހަކަދައްކަމުންވެސް ދަނީ އަމިއްލަ ހިޔާލީ ކަންތައްތަކާއިމެދުއެވެ. އެހެންމީހުން ދައްކާ ވާހަކައަށް ސަމާލުކަމެއްދެނީ ހިތަށް އަރައިފިއްޔާއެވެ. މިމަންޒަރު ބަލަން އިން ދާއިންގެ ލޯ ކަރުނުން ފުރޭގޮތްވިއެވެ. އަވަސް އަވަހަށް އަތުގެ އިނގިލިތަކުން ދެލޯ ފޮހެލަމުން ތެދުވިއެވެ.

ކޮޓަރިން ނުކުތް ދާއިން މޫމިނާއަށް ޒާރާ ތައްޔާރުކޮއްލުމަށް އެދުނެވެ. ޒައުލް އައިސް އެއިނީ ޒާރާ ޗެކުކޮއްލުމަށެވެ. މޫމިނާ އަވަސްވެގަތީ ދާއިންގެ އެދުން ފުރިހަމަ ކޮއްދިނުމަށެވެ. އޭނަ ގޭގައި ގެންގުޅޭ ކުދިންގެ ތެރެއިން ކުއްޖަކަށް ގޮވާލަމުން ދާއިން އާއި ޒާރާގެ ކޮޓަރިއަށް ވަދެގެން ދިޔައެވެ.

"ތިހެން އުޅެން ގަސްތު ކުރަނީ ކިހާ ދުވަހެއްވަންދެން، އަހަންނަށް ހީވަނީ މިހާރު ޒާރާގެ ޓްރީޓްމެންޓު ހުއްޓާލާފަ ދާންގެ ޓްރީޓުމެންޓުކަންނޭގެ ފަށަންވީ......އެއްވެސް އުފަލެއް އަރާމެއްނެތް، އަހަރެން ތިދެމަފިރިން ދުރުކުރުވާކަށް ނޫނޭ މިވާހަކަ އިރުއިރުކޮޅާ މިދައްކަނީ، ހަމަ ދާންއަށްވެސް ޒާރާއަށްވެސް ރަނގަޅަކަށް، ކިހިނެތް މަންމަ ޒާރާ ބަލަހައްޓާނީ، މިހާރު މަންމަވެސް އެހެރީ މުސްކުޅިވެ ގައިބާރު ދެރަވެފަ، ހަމަގައިމުވެސް ދެވަނަ ކައިވެންޏެއް ކުރުމުން ދާންގެ ކަންތައްތައް ބަލާ އުސޫލުން ޒާރާގެ ކަންތައްތައްވެސް ބަލާނެ މީހަކު ވީނު...." ޒައުލްގެ ވާހަކަ މެދުކާނޑާލީ ދާއިންނެވެ.

"ޒައްލޭ ބުނާހާ ފަސޭހައެއްވެސް ތިކަމެއްނުވާނެ....ކާކު ދެއަންބަށް އިންނަން ގަބޫލުވާނީ، އަހަންނަށް ޔަގީން އަހަރެން ދެވަނަ ކައިވެންޏެއް ކުރިއަސް އެމީހަކު ދެކެ ލޯތްބެއް ނުވެވޭނެކަން، އެވެސް ކޮންޓްރެކްޓު އުސޫލުން ނިންމާލެވޭނެ ކަމެއްނަމަ" ދާއިން އިސްއުފުލާލަމުން ބުނެލިއެވެ.

ޒައުލް އާއި ދާއިންގެ މެދުގައި ދެކެވުނު ވާހަކަ މިއަދުވެސް ދިޔައީ ވަކި ކޮޅަކުން ނުޖެހިއެވެ. އެއީ އަބަދުވެސް އެކަންވާގޮތެވެ. އޮފީހަށް ދާއިންއަށް ދެވުނު އިރު އެހެންދުވަސް ދުވަހާއި ހިލާފަށް މާލަސްވެއްޖެއެވެ. ބައެއް ފޯން ކޯލްތައް މަޑުޖައްސާލައިގެން މަންހާ އިނީ ދާއިން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް ދާއިންއަށް އެގޮތް ކަމަކު ނުދިޔައެވެ. ކެބިންއަށް ވަންނަމުން މަންހާ ގާތު ކޮންމެ ކަމެއްޖެހުނަސް އޭނަ އަންނަން ދެން މަޑުކުރުމުގެ ބަދަލުގައި އޭނަގެ މޯބައިލް ފޯނަށް ގުޅާ އެކަމެއް އަންގާލަ ދިނުމަށް އެދުނެވެ. މަންހާއަށް ހީވީ މިއަދަކީ އޭނައަށް ބަދުނަސީބު ދުވަހެއް ކަމުގައެވެ. އެހެނީ އޭނައަށް މިއަދު އެއްވެސް ކަމެއް ދާއިން ހިތްހަމަޖެހޭ ފަދަ ގޮތަކަށް ނުކުރެވޭކަމެވެ.

"މަންހާ، ވަރަށް އަވަހަށް ކެބިންއަށް އައިސް ދީބަލަ" ދާއިން އެހެން ބުނެލުމަށްފަހު ފޯނުގެ އަތްގަނޑު ބާއްވާލިއެވެ.

"ޔެސް ސަރ..." މަންހާ ނޯޓު ފޮތަކާއި ގަލަމަކާއި ހިފައިގެން އަވަސް އަވަހަށް ދާއިންގެ ކެބިންއަށްވަންނަމުން ބުނެލިއެވެ.

"އިށީނދޭ.....ކޮންމެ ހޯމަ ދުވަހަކު އޮންނަ ސްޓާފް މީޓިން ކޮންމެ ސަންޑޭއެއްގައި ބާއްވާގޮތަށް ބަދަލު ކޮއްލާ....އެކަން ހުރިހާ ސްޓާފުންނަށްވެސް އަންގާލާތި" ދާއިން އޭނަ ބޭނުންވާ ގޮތަށް ކަންތައްތައް ޝެޑިއުލްކޮއްލިއެވެ. މަންހާ ދާއިން ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުވެ ކަންފަތް ދިއްކޮއްގެން އިންކަމުގައި ވިޔަސް އޭނަގެ ނަޒަރު ހުއްޓިފައި ހުރީ ދޮރުފޮތިގަނޑު ދަމާ ނިވާކޮއްފައިހުރި ބިއްލޫރު ދޮރާދިމާލަށެވެ. އެތަންފެނި ދާއިން އޭނަގެ މަސައްކަތާއި ދޭތެރޭ ހިތްހަމަ ނުޖެހުނީ ކަމުގައި ހީވިއެވެ. އެކަމަކު އެހެން ގަބޫލު ކުރާކަށް އޭނަ ބޭނުމެއްނުވިއެވެ. އޭނަ ދެކުނު ގޮތުގައި ދާއިން ހިތްހަމަ ނުޖެހިއްޖެ ނަމަ އެކަމެއް އޭނަގެ ކައިރީ ބުނެ މަނާކުރާނެކަން ގައިމެވެ.

މެންދުރު ހުސްކޮއްލިބުނު ވަގުތު ކޮޅުގައި މަންހާ ދިޔައީ ގެއަށެވެ. ކާއެއްޗެއް ކާލުމާއިއެކު އަވަހަށް މީހާ ތާޒާ ވެލުމަށް އަވަސްވެގަތެވެ. އެހުރިހާ ވަގުތެއްގައި ވިޝާލް މަންހާ އާއި ދުރަކަށް ނުދެއެވެ. ބްރޭކްގަޑި ނިމެންވާއިރަށް އޮފީހަށް ގެންގޮސް ދިނީވެސް ވިޝާލްއެވެ.

ދާއިންގެ ގިނަ މީޓިންތަކެއް ހަމަޖެހިފައިހުރީ މެންދުރުފަހުގައި ކަމަށްވުމާއިއެކު ދާއިން މިފަހަރު މީޓިންތަކަށް ދިޔައީ މަންހާ ގޮވައިގެންނެވެ. އޮފީހުގެ ކޮންފަރެންސް ރޫމުގައި ދާއިންގެ ތަންކޮޅެއްފަހަތުގައި ވަކިން ހުރި ގޮނޑިއެއްގައި މަންހާ އިށީނދެލައިގެން އިންއިރު ދާއިންގެ ކަނާތްފަރާތުގައި ކާއިލްއިނެވެ. އެތަނުގައި އެކި ކަންކަމާއި ބެހޭ ބޮޑެތި އިސްވެރިން ތިބިއިރު ކޮންމެ މީހެއްގެ ލޯވެސް މަންހާއަށް އަމާޒުވެނުލާ ނުދެއެވެ. މީޓިންތައް ނިންމާލުމާއިއެކު ތަފާތު އެކި ކޮމެންޓުތައް ދާއިންއަށް ލިބެމުންދިޔައެވެ. އެއިންކޮންމެ މީހަކުމެ ނުސީދާގޮތުގައި އެއްޗެއް ބުނެލަނީ ދާއިންގެ ޕީއޭ އާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން މިކުރެވުނީ ރަނގަޅު ކަމެއްބާއޭވެސް ދާއިންގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް މީޓިން ވަރަށް ކާމިޔާބުވެއްޖެއެވެ. އެއީ ދާއިން ގެނައި ބަދަލާއި ގުޅިފައިވާ ކަމެއްކަމުގައި ވުންވެސް އެކަށީގެންވާކަން އޭނަ ދެކުނެވެ.

މަންހާގެ ބޮލުގައި އިތުރު މަސްޢޫލިއްޔެތެއް އެޅިގެންދިޔައެވެ. ދާއިން އާއިއެކު ހުރިހާ މީޓިންތަކަށް ކާއިލް ދާފަދައިން މަންހާއަށްވެސް ދާންޖެހޭނެކަމެވެ. އަދި މީޓިންގ ހިނގާ ދިޔަގޮތުގެ ފުރިހަމަ ޔައުމިއްޔާ ޖެހިގެން އަންނަދުވަހު ދާއިންގެ ޓްރޭއަށް ލާންޖެހޭކަމެވެ. ހުރިހާ ކަމެއް ނިންމާލާފައި މަންހާއަށް ގެއަށް ދެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ.

ވަރުބަލިވެފައި ހުރިކަމުގައި ވިޔަސް މަންހާގެ އެކުވެރިން ދިން ދަޢުވަތު ގަބޫލުކުރިއެވެ. ރޭގަނޑުގެ އަށެއްޖަހަންވިއިރު މަންހާ އާއި އޭނަގެ ދެރަޙުމަތްތެރިން ކަމަށްވާ އަލީޝާ އާއި އަމާނީ އާއިއެކު އިނީ ލެމަން ގްރާސް ސީވިއު ރެސްޓޯރެންޓުގައެވެ. އެތަށް ދުވަހަކަށްފަހު ދިމާވުމުން ކޮންމެ މީހަކުވެސް ދައްކާނެ ވާހަކަ ބައިވަރު ހުއްޓެވެ. އެހެންނަމަވެސް ހުރިހާ ކުދިންވެސް އޮޅުންފިލުވާލާ ހިތުން ތިބީ މަންހާގެ އޮފީހާއި އޭނަގެ ބޮސްގެ ވާހަކަތަކެވެ.

"އައްދޭ ތިވީ މާރަނގަޅަކައްނު، އެދެމީހުން ޑިވޯސްވާންކަންނޭގެ އެއުޅެނީ، މަން އަށް ޗާންސްއެއްނު އޭރުން........" އަލީޝާ އިނދެފައިބުނެލިއެވެ.

"އެލީ، ތިހެން ބުނާކަށް ނުވާނެ...އަހަންނަށް އެނގޭ ދާއިން ޒާރާދެކެ ވަރަށް ލޯބިވާކަން އެކަމަކު އެދެމެދުގައި ވެގެން އުޅޭގޮތެއް ހަމަ އެއްގޮތަކަށްވެސް އޮޅުމެއްނުފިލާ، ދާއިންއަކީ މިހާރު އަހަރެންގެ ބޮސް، ރެސްޕެކްޓުވެސް ކުރަންވާނެއެއްނު، އެކަމަކު ބައެއް ފަހަރު ހާދަ ހިތަށް ތަދުވެޔޭ..... އޭނަގެ އެހެރީވާ ބެސްޓު ފުރެންޑެއް.... އެދެމީހުން ނުވެސް ގުޅޭ.... އަހަރެން ހިތަށް އަރާ ދާން ކޮންތާކުން ހޯދައިގެން އުޅޭ ރަޙުމަތްތެރިއެއް ބާއޭ އެއީ، ވަރަށް ފްލާރޓީއޭ.... އެވަރެއް ނޯންނާނެ ފްލާރޓީވާކަށް، ދެން އޭގެ އަނެކަކު ކާއިލް އެއީ، މިހާރު އަހަރެން ކައިރީ ރައްޓެހިވާން ހަމައެކަނި ނާހާކަން" މަންހާ އޭނަގެ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއްގެ ވާހަކަ އަލީޝާ އާއި އަމާނީއަށް ކިޔާދެމުންދިޔައެވެ. ތިންކުދިންގެ އޮލަވާހަކައިގައި ވަގުތު ދިޔަގޮތްވެސް ނޭގުނެވެ.

މަންހާ ވަޒީފާއަށް ދާންފެށިފަހުން ދިހަމަސްވޭތުވެގެން ދިޔައިރު ކޮމްޕެނީގެ އަހަރީދުވަސް ފާހަގަ ކުރުމުގެ މަސައްކަތް ކުރިއަށް ދަމުންދިޔައެވެ. މަންހާއަށް އެނގުނުގޮތުގައި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެކަން ފާހަގަކުރުމުގެ ރަސްމިއްޔާތު އޮތީ ކޮންމެވެސް ރިސޯޓެއްގައެވެ. ހުރިހާ މުވައްޒަފުންގެ މޫނުމަތިންވެސް އުފާވެރިކަން ފެންނަމުންދިޔައެވެ. މިނިވަން ކަމާއިއެކު މަޖަލާ ސަކަރާތުގައި ވޭތުކޮއްލާނެ ފުރުޞަތެއްލިބެން އުޅޭތީއެވެ. ދާއިން އާއިއެކު ރިސޯޓުތަކަށް މަންހާއަށްވެސް ދާންޖެހުނެވެ. މިކަމުގެ ސަބަބުން ކާއިލް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނައަށް މަންހާ އާއިއެކު އެހެންމީހުންނާއި ދުރުގައި ވަގުތު ހޭދަކޮއްލަން ލިބޭތީއެވެ. މަސައްކަތުގެ ގޮތުން ދާއިން އާއި މަންހާ ގާތްވެފައިވިއެއްކަމަކު މަންހާގެ އެހެނިހެން ހަރަކާތްތަކަށް ދާއިންއަށް ބެލޭލެއް މަދެއްނޫނެވެ. އެގޮތުން ބައެއްފަހަރަށް ރިސޯޓުތަކަށް ގޮސް އުޅުމުގެ ތެރޭ ކާއިލް އާއި މަންހާގެ ހަރަކާތްތައްވެސް އޭނައަށް ދިޔައީ ފާހަގަ ކުރެވެމުންނެވެ.

"ކޮބާތަ ކާއިލް.......އޭނައަށް ގުޅޭތޯ ބަލާބަލަ، މިހަފްތާ ތެރޭ މިޕްރޮޖެކްޓު ނުނިމިއްޖެއްޔާ އަހަރީ ދުވަހުގެ ޕާޓީ ޖެހޭނީ ލަސްކުރަން" ދާއިން އޭނަގެ އޮފީހުގައި ހުރި ބޮޑު މީޓިން ޓޭބަލްގައި އިމާރާތްތަކެއްގެ ކުރެހުންތަކެއް އަތުރަމުންދިޔައެވެ.

"އެކަމަކު ސަރ، ސްޓާފުންގެ މޯޓިވޭޝަން އޭރުން ދައްވެދާނެ، ކޮންމެ އަހަރަކުވެސް މިފަދަ ޕާޓީއެއް ކޮމްޕެނީގެ ފަރާތުން ސްޓާފުންނަށް ދެއްވާ ވާހަކަ ސަރ ވިދާޅުވި، އަޅުގަނޑު ކާއިލްއަށް އަދިވެސް ގުޅޭތޯ މަސައްކަތް ކޮއްލާނަން، އަދި ސްޓާފުންނާއި ހަމައަށް މިފަދަ ހަބަރެއް ގެންދިއުން ރަނގަޅެއް ނުވާނެކަންނޭގެ" ދާއިންގެ ދާދި ކައިރީގައި ހުރި މަންހާ އޭނަގެ ހިޔާލު ފާޅުކުރިއެވެ.

"އަހަރެން އެކަނި ނިންމަން ވަރަށް ވަގުތު ބޭނުންވާނެ....ދެން ހަދާނެ އިތުރުގޮތެއް ނެތެއްނު، ދާންވީ ކަންނޭގެ އެގެއަށް ކާއިލްއަށް ވީގޮތެއް އޮޅުންފިލުވަން" ދާއިން އޭނަގެ ދަތްދޮޅީގައި އަތްހާކާލަމުން ބުނެލިއެވެ.

"ދަރިފުޅު ކައްކާ ރިހަ ނޫނީ މިހާރު މިގޭ ކުދިންނަށް ކަމަކުވެސް ނުދޭ" ވަސީމާ ރިހަކައްކަން ހުރި ޖޫންއަށް ބުނެލިއެވެ.

"މަންމާ، މިހާދުވަސް ވީއިރު އަޅުގަނޑަށް މަންމަގެ ރެސިފީ ދަހެއްނުވި، އަސްލުކައްކަން އުޅުނީ އެހެން އެކަމަކު ކައްކާ ނިމުންއިރު މިލީ އެހެން ރަހައެއް" ޖޫން ހެމުން ބުނެލިއެވެ. ވަސީމާވެސް ހޭންފެށިއެވެ.

ޝިމާދު އާއި ޖޫންގެ މާމުއިހަނދުވަރުގެ ދުވަސްތަކަށްފަހު އެނބުރި އައިސް އުޅެން ގަސްދުކުރީ ޝިމާދުގެ އާއިލާ އާއިއެކުގައެވެ. ވަސީމާއަށް ޖޫންގެ ހެޔޮކަމާއި ރީތި އަޙްލާގު ކުރިއަށްވުރެވެސް ބޮޑަށް ފާހަގަވެގެންދިޔައެވެ. ޝިމާދު އާއި އެހެން ކުދިން އޮފީހަށް ދިއުމުން ގޭގައި ވަސީމާ އާއިއެކު ބައިވެރިވުމުގައި ޖޫން އުޅެއެވެ. ޖޫން ވަޒީފާއިން ވަކިވީ ޝިމާދު އެކަމަށް އެދިގެންނެއް ނޫނެވެ. އެއީ ޖޫންގެ އެދުމަށްވީތީއެވެ. އޭނަ އަބަދުވެސް ބޭނުންވަނީ ގެވެހި އަންބަކަށް ވާށެވެ. ފިރިމީހާގެ އާއިލާގެ ލޯބި ލިބުމެވެ. އެމީހުންގެ ރުހުމާއިއެކު އެގޭގައި އޭނައަށްވެސް ދަރިއެއްގެ މަގާމު ލިބުމެވެ. އެކަން ޖޫންއަށް ހާޞިލްވެއްޖެއެވެ. ގޭގެ ހުރިހާ ކުދިން ބޮޑު ފަހަރީގެ މަގާމު ޖޫންއަށްވަނީ ދީފައެވެ. ގޭތެރޭގެ ހިޔާލު ހޯދުމުގައި ޖޫންގެ ބަސްވެސް އެއީ މުހިއްމު ކަމެއްގެ ގޮތުގައި ހުރިހާ އެންމެންވެސް ދެކެއެވެ.

ދެފަރާތުގެ އާއިލާއަށް ވިޝާލް އާއި މަންހާގެ ގުޅުން ސިއްރެއްގެ ގޮތުގައި ވާއިރު ޝަރަފް އާއި ޖެނީގެ ގުޅުންވެސްވަނީ ސިއްރުވެފައެވެ. އެދެމެދަށް ލޯބިވެރިވެގަނެފިއެވެ. ޝަރަފް އާއި ޖެނީގެ ސިއްރު ބައްދަލުވުންތައް އެކަކަށްވެސް ނޭގެއެވެ. އާއިލާއަށް އެނގުމުން އެކަމާ ރުހޭނެކަމެއް ނުވަތަ ނޫންކަމެއްވެސް ނޭގެއެވެ. އެހެންނަމަވެސް ޝަރަފްގެ ވާހަކައެއް އޮވެއެވެ. އެއީ ވިޝާލް އާއި މަންހާގެ ކައިވެންޏަށް ދެއާއިލާ ރުހޭކަމުގައި ވާނަމަ އެދެމީހުންގެ ކައިވެންޏަށްވެސް މައިންބަފައިން ނުރުހެންވީ ސަބަބެއް ނެތްކަމުގައެވެ. ޖެނީ އޭނަގެ އަނދިރި މާޒީގެ ސޮފުހާތަށް ޝަރަފްއަށް ނިއުޅާލަން މަސައްކަތްކުރާ ކޮންމެ ފަހަރަކު އެކަމަށް ހުރަސް އަޅައެވެ. ކީއްވެކަމެއްނޭގެއެވެ. ނޫނީ ހަގީގަތް އެނގެނީކަމެއްވެސް ނޭގެއެވެ.

މަންހާ ކާއިލް އާއި ގުޅޭތޯ މަސައްކަތް ކުރާތާ ތިންވަރަކަށް ގަޑިއިރު ފަހުން އޭނަގެ ފޯނަށް ޖަވާބުދިނެވެ. ތުރުތުރު އަޅައަޅާ އޮތް އަޑަކާއިއެކު ބަލިގޮތަކަށް ވާހަކަދައްކަން ފެށިއެވެ.

"އަހަންނަށް އަދި މިއުޅެނީ ނުގުޅިގެން، ދެންމެ މިއައީ ޑޮކްޓަރަށް ދައްކާފަ" ކާއިލް މަންހާއަށް އޮޅުންފިލުވާދޭން މަސައްކަތްކުރަމުންދިޔައެވެ.

"އަނެއްކާ ކިހިނެތްވީ ހޮސްޕިޓަލަށް ދިޔައީ، އަޅެ މެސްޖުކޮއްލިނަމަ އަހަންނަށް، އެނގޭތަ، ކާއިލް ނެތިގެން ބޮސް ވަރަށް ހާސްވެގެން އެބައުޅޭ، އަރިއެޓޯލްގެ ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ ވާހަކަ ބޮސް ވިދާޅުވީ، ކާއިލް ނެތިގެން ނުނިންމިގެން އުޅެނީ" މަންހާ ކަންބޮޑުވެފައި ބުނެލިއެވެ.

"އާން، ހަނދާން އެބަހުރި، އެކަމަކު އަހަންނަކީ އޮފީހަށް ސަލާމް ބުނާމީހެއްނޫން، ނުގޮސްހުންނަ މީހެއް ނޫން، ރޭސުރެން މިއުޅެނީ ހުމާ، އެއްގޮތަކަށްވެސް ހުންމަޑުވާކަހަލަ ގޮތެއް ނުވޭ، އެހެންވެ މަންމަވެސް އެދިލެއްވީ އަހަރެން މިއަދު އޮފީހަށް ނުގޮސް ގޭގައި މަޑުކޮއްލަން، ބާބީ އަހަރެން ސަލާމް ނޯޓު ކޮއްލަ ދެއްޗޭ، ދާއިންއަށް އަހަރެން ގުޅާނަން، އޭނަ އަންޑަރސްޓޭންޑުވާނެ" ކާއިލްއަށް މާގިނަ ވާހަކަތަކެއް ނުދެއްކުނެވެ.

މަންހާވެސް ކާއިލްއަށް އަވަސް ޝިފާއަކަށް އެދެމުން ފޯނުބޭއްވުމަށްފަހު އަވަސްވެގަތީ ދާއިންއަށް އެހަބަރު ދޭށެވެ. އެކަމަކު މަންހާ އެކެބިންނަށް ވަތްއިރު ދާއިން އިނީ ކާއިލްގެ ފޯނުކޯލެއްގައެވެ. އެހެންވެ އޭނަ އަނެއްކާވެސް އޭނަގެ މަސައްކަތްތަކަށް އެނބުރި ރުޖޫއަވިއެވެ.

މިހާތަނަށް އައިއިރު ދުވަހަކުވެސް ދާއިންގެ ކުންފުންޏާއި ހަވާލުކުރެވޭ ޕްރޮޖެކްޓެއް ނިންމަން ކަނޑައަޅާ ތާރީޙަކަށް ނުނިމިފައެއްނެތެވެ. އަދި ދާއިންގެ ކޮމްޕެނީއަކީ ގިނަ ފަރާތްތަކެއްގެ ފުރިހަމަ އިތުބާރު ލިބިފައިވާ ކޮމްޕެނީއެކެވެ. ނަމަވެސް ކާއިލް ނެތުމުގެ ދަތިކަން ދާއިންއަށް ވަރަށް ބޮޑަށް ފާހަގަކުރެވިގެންދާނެކަންގައިމެވެ. ދާއިން އޭނަގެ މޯބައިލް ފޯނު މޭޒުމަތީ ބާއްވާލައްމުން ދަތްދޮޅީކޮޅުގައި އަތްހާކާލިއެވެ.

މޭޒުމަތީ ހުރި ފޯނު ރިންގުވިއަޑާއިއެކު މަންހާއަށް އެގުޅީ ދާއިންކަން ޔަގީންވެއްޖެއެވެ. އަވަސް އަވަހަށް ފޯނުގެ އަތްގަނޑު ނަގާ ހެލޯއޭ ބުނެލިއެވެ.

"ނޯޓިސް ބޯޑަށް ނެރެދީ އަހަރީ ދުވަހު ބާއްވަން ހަމަޖެހިފައިވާ ހަފްލާ ލަސްވެއްޖެކަމުގައި، އަދި ބުނަން، ކުރިއަށް މިއޮތް ތިންދުވަހުގެ މީޓިންތައް ސޯޓްއައުޓް ކޮއްލަދީ، ވަރަށް މުހިއްމު ނޫނިއްޔާ އެއްވެސް މީޓިންއަކަށް ދެވެން ނެތްކަން އަންގާލަދީ" ދާއިން ބުނެލިއެވެ.

މަންހާއަށް ދާއިންގެ އަޑުގައި އެކުލެވިފައިވާ ކަންބޮޑުވުމާއި ހާސްކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އޭނަ ދާއިން ބޭނުންވިގޮތަށް ކަންތައްތައް ކުރަން އަވަސްވެގަތެވެ. އެކަމަކު އޭނަ އޮފީހުގެ ސްޓާފުންގެ ނޯޓިސް ބޯޑަށް އަހަރީ ދުވަހުގެ ހަފްލާ ލަސްވެއްޖެކަމުގައި އަންގާ ނެރެންޖެހޭ ނޯޓެއް ނުނެރުނެވެ. އޭނަ ވިސްނަމުންދިޔައީ ދާއިންގެ މަސައްކަތުގައި އޭނައަށް އެހީ ފޯރުކޮއްދެވޭނެ ގޮތަކާއިމެދުއެވެ. ކުރިއަށްއޮތް ތިންދުވަހަށް ދާއިންގެ ޝެޑިއުލް ރާވާލުމަށްފަހު މަންހާ ދާއިންގެ ކެބިންއަށް ގޮސްވަނެވެ. (ނުނިމޭ)