ދުނިޔެ

ލަންކާގެ ޖައްލާދުކަމަށް ކުރިމަތިލި މީހުންގެ ތެރޭގައި ޑިގްރީއޮތް ޒުވާނެއް

ކޮލޮމްބޯ (އޭޕްރީލް 3) - ސްރީލަންކާގައި ޖައްލާދުގެ ވަޒީފާއަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި، ޑިގްރީ ހާސިލްކޮށްފައިވާ ޒުވާނެއް ހިމެނޭކަމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން ބުނެފި އެވެ.

ލަންކާ ޖަލުގެ އިސް އޮފިޝަލަކު އެ ގައުމުގެ ޑެއިލީ މިރާ ނޫހަށް މައުލޫމާތު ދީފައިވާގޮތުން، ޖައްލާދުގެ ވަޒީފާއަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި ހޮސްޕިޓަލިޓީ މެނޭޖްމަންޓުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ 20 އަހަރުގެ ޒުވާނަކު ވެސް ހިމެނެ އެވެ.

މި ވަޒީފާއަށް އެދި 102 ފޯމު ހުށަހަޅާފައި ވާއިރު އިންޓަވިއު އަށް ހޮވިފައި ވަނީ 79 މީހުންނެވެ. އިންޓަވިއުތައް ކުރުމަށް ހަމަޖެހިފައިވަނީ ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެންނެވެ. ފުރަތަމަ ދުވަހުގެ އިންޓަވިއުއަށް 39 މީހުންނަށް ކިޔާފައި ވާއިރު އިންޓަވިއުއަށް ހާޒިރުވެފައި ވަނީ އެންމެ 19 މީހުން ކަމަށާއި ބާކީ ތިބި 40 މީހުންގެ އިންޓަވިއު މިއަދު ކުރާނެ ކަމަށް ޖަލު އޮފިޝަލް ވިދާޅުވި އެވެ.

"މި ވަޒީފާއަށް އެދި ހުށަހެޅި ގިނަ މީހުންގެ ވިސްނުމުން، އެ މީހުން ވަޒީފާއަށް އެދިފައިވަނީ ގައުމަށް ހިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި. އަދި މީގެ ތެރެއިން ބަޔަކު ހޮވާނީ ތައުލީމީ ފެންވަރުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން މިކަމަށް ގާބިލްތޯ ބެލުމަށް އިމްތިހާނު ކުރުމަށް ފަހު"، އެ ފަރާތުން މައުލޫމާތު ދިނެވެ.

ލަންކާގެ ރައީސް މައިތިރިޕާލަ ސިރީސެނާ އެ ގައުމުގައި ޑްރަގު ޓްރެފިކިންގް މައްސަލަތަކުގެ މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނެކަމަށް އެކި ފަހަރުގެ މަތިން ވިދާޅުވުމާއި ގުޅިގެން އެ ގައުމުގެ ޕްރިޒަންސް ޑިޕާޓްމަންޓުން ވަނީ ދެ ޖައްލާދުން ހޯދަން އިއުލާން ކޮށްފަ އެވެ.