ހަބަރު

ޕްރޮޖެކްޓްތަކުގެ އަގު 50 ޕަސެންޓް ދަށްކުރެވިއްޖެ: ރައީސް

ކުރީގެ ސަރުކާރުން އެކިއެކި ޕްރޮޖެކްޓްތައް ހިންގުމުގައި ކޮރަޕްޝަނާއި ވައްކަން އެކުލެވިފައިވާ ކަމަށާއި މިއަދު ހަމަހަމަކަމާއެކު ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލުމުން އޭގެ އަގުތައް 50 ޕަސެންޓް ކުޑަވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ދ. މީދޫ އަށް ވަޑައިގެން އެރަށު ރައްްޔިތުންނާއި ބައްްދަލު ކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގައި އޮތް ކޮރަޕްޝަނާއި ވައްކަމުގެ ތެރޭގައި އެކިއެކި ޕްރޮޖެކްޓްތައް ހިންގާފައިވާއިރު، އޭގެ ނާޖާއިޒް ފައިދާ ވަރަށް ގިނަ މީހުން ނަގާފައިވާ ކަމަށެވެ. ބޮޑެތި އަގުތަކުގައި ޕްރޮޖެކްޓްތައް ހިންގާފައިވާ ކަަމަށެވެ. ނަމަވެސް މިއަދު ހާމަކަމާއެކު ހުޅުވާލެވިފައިވާ ބިޑަކާއެކު އޭގެ އަސްލު އަގު ފެންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިސާލަކަށް 70 މިލިއަން ރުފިޔާ ދީފަ އަޅާ ފެނާއި ނަރުދަމާގެ ނިޒާމް މިއަދު ހުޅުވާލީމާ އޭގެ އަގު ތިރިވެއްޖެ 27 މިލިއަން ރުފިޔާއަށް، އޭގެ މާނަ އަކީ އޭރު 50 ރަށް ހެދި ކަމަށްވަންޏާ މިއަދު އެފައިސާއިން 100 ރަށުގައި އެމަސައްކަތް ކުރެވޭނެ، ސަރުކާރުން ކަރަޕްޝަނާއި ވައްކަން ނައްތާލެވިއްޖެނަމަ، ހާމަކަންކަމަތީ ހުރިހާ ކަމެއް ކުރެވިއްޖެ ކަމަށްވަނީނަމަ ދައުލަތަށް މިވަންނަ ފައިސާއިން ރައްޔިތުން މިބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށާއި އެކަމަށް މިހާރު ތިން ދުވަހަށް ގާތްވެފައިވާ ކަމަށެވެ.

"ހޮނިހިރު ދުވަހު ތިބޭފުޅުންލާ ވޯޓަކީ އަޅުގަނޑުމެން އެނބުރި އަނެއްކާވެސް އެ އަނިޔާވެރި ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށްދާނީތޯ ނުވަތަ އަޅުގަނޑުމެން މި ބޭނުންވާ ބަދަލު ގެންނާނީތޯ ބަލާ ބެލުމަށް ނެގޭ ވޯޓެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ވަޒީފާ އަދާކުރާ މީހުންނަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރަ ދިނުމާއި އޭގެ އިތުރުން އެތައް ކަމަކާއި ގުޅުން ހުރި ގާނޫނުތައް މަޖިލީހުގައި ފާސްކުރަން ޖެހޭ ކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށް، އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެން ނޫންނަމަ ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ލަސްވެދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި މިދާއިރާގެ ހުރިހާ ރައްޔިތުންނަށް މިއެދެނީ ތިލަފަތަށް މިފަހަރު ވޯޓް ދެއްވުމަށް، އެއީ ތިބޭފުޅުންނަށް ގެއްލިގެންދާނެ ވޯޓެއް ނޫން،"

ފ. ބިލެއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، މިއަދު ރައްޔިތުންނަށް އުންމީދުތަކެއް އާވެއްޖެ ކަމަށާއި ޑިމޮކްރަސީއެއް އަލުން ބިނާ ކުރެވޭނެ އުންމީދު ރައްޔިތުންގެ އެބައޮތް ކަމަށެވެ.

"ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އަލުން ލިބޭނެ ކަމުގެ އުންމީދު އަނެއްކާވެސް އާލާވެއްޖެ، ވައްކަމާއި ކޮރަޕްޝަން ސަރުކާރުން ނައްތާލެވޭނެ ކަމުގެ އުންމީދު އާލާވެއްޖެ، އެއީ ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އަޅުގަނޑުމެންވީ ވައުދުތައް، ވެރިކަމާއި ހަވާލުވުމަށްފަހު އެވައުދުތައް ފުއްދުމުގެ މަަސައްކަތް ފަށައިފިން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ބޭނުންވާ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އެމްޑީީގެ އެޖެންޑާ 19 އަށް ތާއީދުކުރާ ބޭފުޅުން މަޖިލީހުގައި ތިބުން މުހިންމު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.