ދިވެހި ރަހަތަށް ފުރިހަމަވަނީ ވަޅޯމަސް ހިމަނައިގެންނެވެ. ޒަމާނުއްސުރެ ވަޅޯމަހަކީ އެންމެންގެ އެއް ފެވަރިޓެވެ. ރާއްޖެއިން ބޭރަށް ކިޔަވަންދާނަމަ ނުވަތަ އެހެންވެސް ކަމަކު ރާއްޖެއިން ބޭރަށްދާނަމަ ފޮއްޓަށް ވަޅޯމަސް ގަނޑެއް ލައިގެން ނޫނީ ނުދެވޭ ފަހަރުވެސް އާދެ އެވެ. މަހާއި ކާއްޓާ ކޭ ޒަމާނާއި ހެނދުނު ސަޔަށް މަސްހުނި މެންދުރުކެއުމަށް މަސްފެން ހަވީރަށް މަސްރޮށްޓެއް ކާނުލާ ހިތްހަމަނުޖެހޭފަހަރު ގިނައެވެ.
ދިވެހިންގެ ފެވަރިޓް ވަޅޯމަސް ދިޔައީ ފްރައިޑްރައިސްތަކަށާއި ގޭގައި ކައްކާ ނޫޑުލްސް އަށް ވެސް މަގުބޫލުވެގެންނެވެ. ވިއްސާރަ ރެއެއްވިއްޔާ ވަޅޯމަހު ނޫޑުލްސް ކާ ހިތްވާ ޓްވީޓްތަކާއި ވަޅޯ މަހު ނޫޑްލްސްގެ ފޮޓޯތައް އިންސްޓަގްރާމް ފީޑުގައި ދައުރުވެ އެވެ. މީގެ އަހަރުތަކެއް ކުރިން މާލޭގެ ދެކުނު ސަރަހައްދުގައި ހާބަރު ކަޑަތަށް ހިންގި ދުވަސްވަރު ވަޅޯމަހުން ހަދާ ނޫޑްލްސްއެއް އޭރު ވަރަށް ގަދައަށް ވައިގައި ހިފިއެވެ. ފަހަރުގައި ވަޅޯމަސް އަޅައިގެން ނޫޑްލްސް ގޭގައި ހެދިޔަސް އެ ދުވަސްވަރު ބޭރުން ކެފޭއަކުން ކެއުމަށް ވަޅޯމަހު ޑިޝްތަށް މާ އާންމު ނުވެދާނެ އެވެ.
މާލޭގެ އެންމެ ގަދައަށް މަޝްހޫރުވެފައިވާ ކެފޭތަކުގެ މެނޫގައި ވަޅޯމަސް ފްރައިޑްރައީސް، ވަޅޯމަސް ފްރައިޑް ނޫޑުލްސް އަދި ވަޅޯމަސް އަޅައިގެން ހަދާފައި ހުންނަ ޕާސްތާ ނުވަތަ ސްޕެގެޓީ މިހާރު މިއޮތީ ވަރަށް މަގުބޫލުކަން ހޯދާފަ އެވެ. އާއްމުކޮށް އަހަރުމެން މި ކައި އުޅޭ ޕާސްތާ ސޯސްގެ ބަދަލުގައި އޮލިވްއޮއިލް ބޭސްއެއްގައި ވަޅޯމަސް އަޅާ އެގޭ ވަރުގަދަ ފްލޭވަރއިން ރަހަތަށް ފައްކާކޮށްފައިވާ ޕާސްތާގައި ހިކިމިރުސް، ހިކަނދިފަތާއި ޓޮމާޓޯ އަދި ޗީޒްއާއި އެކުވެގެން އައިސް މި ޑިޝްއަކީ މޮޑަން ދިވެހި ކެއުމެކޭ ނުބުނެވޭނެ ސަބަބެއް ނެތެވެ.
ވަޅޯމަހު ޕާސްތާ ތައްޔާރު ކުރާނެގޮތް ހޯދުމަށް ގިނަބަޔަކު އެދޭކަމުގައި މާލޭގައި ކާބޯތަކެއްޗާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމުގައިވާ ލޮނުމަދު.އެމްވީއިން ވެސް ބުނެއެވެ. ވަޅޯމަހާއި އެކު ދިވެހި ޓްވިސްޓެއް ގެނެސް ފައްކާކޮށްފައިވާ ޕާސްތާގެ އިތުރުން މިހާރު ރެހި އަޅައިގެން ހަދާފައި ހުންނަ ޕާސްތާވެސް މި ދަނީ ކެފޭތަކުގެ މެނޫގައި ހިމަނަމުންނެވެ. ވާދަވެރިކޮށް ހިންގާ މި ކެފޭތަކުން އަބަދުވެސް ބަލަނީ ކަސްޓަމަރުން އަބަދުވެސް ގަޔާވާ ރަހަތަށް އާ ގޮތަކަށް ގެނެސްދެވޭތޯއެވެ.
ތިރީގައި މި ވަނީ ލޮނުމެދު އެމް.ވީގެ ވަޅޯމަހު ސްޕެގެޓީގެ ރެސިޕީއެކެވެ. މި ކަހަލަ ސްޕެގެޓީއެއް އަދި ނުކާނަމަ މި ހަފްތާ ބަންދުގައި މި ރެސިޕީގެ އަޖުމަ ބަލައިލަން ސަޅިވާނެ އެވެ.