ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގެ މި މަޝްރޫއަކީ އެމްޑަބްލިއުއެސްސީން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އަންނަ އަހަރުގެ ނިޔަލަށް ނިންމަން ރާވާފައިވާ މި މަޝްރޫއަކީ 160،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ. މަޝްރޫއަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރަށުގެ އާބާދީގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި، އެއް އުސޫލަކުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމު ކުރާނެ ކަމަށެވެ. އަދި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ފަށާ މަޝްރޫއަކީ އެ މަސައްކަތުގެ އެއްބައި ކަމަށް ވިދާޅުވި އެވެ.
"އަންނަ އަހަރުގެ ފަހުކޮޅު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާއިރު، މި ބިމުގައި ހުންނަ ކޮންމެ ގޭބީސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ އެއް ލައްކަ 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީ ކުރާ ރަށެއް. އެމީހުން ގާތްގަނޑަކަށް 26،500 ގޭބިސީ ހުންނާނެ. މިތަނުގައި ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއަކީ އެމްޑަބްލިއުއެސްސީ އިން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު އަށް
ވާނެ" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި މަޝްރޫއު ހިންގަނީ ދައުލަތުގެ ބަޖެޓުން އިތުރު ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށެވެ. މި މަޝްރޫއަށް ބޭނުންވާ ތަކެތި ގަތުމުގެ ހުރިހާ ހަަދެއް ހަމަޖައްސާފައިވަނީ ޖަޕާނުގެ ހިޓާޗީ ކެޕިޓަލް ކުންފުނީގެ ފަރާތުން ކަމަށާއި އިތުރަށް މި މަޝްރޫއުގައި ހިނގާ ހަރަދުތައް ހަމަޖައްސަނީ އެމްޑަބްލިއުއެސްސީން އަމިއްލަ އަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަޝްރޫއު އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ރައީސް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ ކޮނެފައި އޮތް ވަޅަށް ނަރުދަމާ ހޮޅި ލައިދެއްވައިފަ އެވެ.