ބްރެޒިލް

ލެޖެންޑް ޕެލޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި!

ފުޓްބޯޅަ ލެޖެންޑް، ބްރެޒިލްގެ އެޑްސަން ޑޯ ނަސިމެންޓޯ 'ޕެލޭ' ފްރާންސްގެ ވެރިރަށް ޕެރިހުގެ ހޮސްޕިޓަލްގައި އެޑިމިޓްކޮށްފި އެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ކުޑަކަމުދާ ނިޒާމުގައި އުފެދުނު އިންފެކްޝަނަކާ ގުޅިގެންނެވެ.

ޕެލޭގެ ތަރުޖަމަން ޕެޕިޓޯ ފޯނެސް، ބުނީ ޕެލޭ ހޮސްޕިޓަލްގައި އެޑިމިޓް ކުރީ އުފެދުނު އިންފެކްޝަނާ ގުޅިގެން އެންޓިބަޔޮޓިކް ނެގުމަށް ކަމަށެވެ. އެ ފަރުވާއަށް ފަހު ދެ ދުވަސްތެރޭ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ތަރުޖަމާން ބުންޏެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެލޭ އަށް ވަނީ މިދިޔަ ތިން އަހަރު ތެރޭ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ.

މީގެ އެއް އަހަރު ކުރިން، ކިޑްނީގެ މައްސަލައެއްގައި އޭނާ ހޮސްޕީޓަލްގައި ދުވަސްކޮޅެއް ވަންދެން އެޑްމިޓް ކުރި އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ބްރެޒިލްގެ ހޮސްޕިޓަލެއްގައިވެސް ދިގު މުއްދަތަކަށް އޭނާ އެޑްމިޓް ކުރި އެވެ.

މިހާރު އުމުރުން 78 އަހަރުގެ، ޕެލޭ އަކީ ވޯލްޑްކަޕު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ޕެލޭ، ފްރާންސަށް ދިޔައީ ޕެރިހުގައި އޮތް ސްޕޮންސާޝިޕް އިވެންޓެއްގައި ބައިވެރި ވުމަށެވެ. އޭނާ ވަނީ ޕެރިހުގައި، ފްރާންސްގެ ޒުވާން ތަރި ކިލިޔަން އެމްބާޕޭ އާ ބައްދަލު ކޮށްފަ އެވެ.