ވާހަކަ

އީޝަލް

(2 އެޕްރިލް 2019 އާ ގުޅޭ) -- ފުންނޭވާއެއް ދޫކޮށްލަމުން އީޝަލް ހަމަޖެހިލިއެވެ. އެހިނދު އޭނާގެ ވަރަ ފޮރުވިއްޖެއެވެ. ލާމިއާ ކަންބޮޑުވުމާއެކު އީޝަލްގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލިއެވެ. އޭނާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ދޮރުގައި ޓަކިދިން އަޑު އިވުނެވެ.

ދޮރުހުޅުވަންދެން މަޑުކުރުމެއްނެތި އެތެރެއަށް ވަންތަން ފެނުނީ ޒިޔަޒެލްއެވެ. އޭނާއާއެކު އާރަމް ހުރިއިރު އެ މީހުންގެ ފަހަތުގައި ރައުލްއާއި އޭނާގެ ބައިވެރިން ތިއްބެވެ. ޒިޔަޒެލް ހާސްވެފައި ހުރިވަރު ފެނި ދެން ތިބި އެންމެންނަށް ވެސް ކަމެއް ގޯސްވެއްޖޭ ހީވިއެވެ. ޒިޔަޒެލްގެ ހިލަންވީއިރު ރައުލްއާއި އޭނާގެ ބައިވެރިން އޭރު ވެސް ތިބީ މަޝްވަރާކުރުމުގައެވެ. ދެކެވެމުންދިޔަ ވާހަކައިގައި މަޝްޢޫލުވެފައި ތިބިވަރުން އެ ހިސާބުގައި އެ މީހުންގެ ދުޝްމިނަކު ހަރަކާތްތެރިވަމުންދިޔަކަން ނުދެނަހުއްޓެވެ. އެންމެން ވެސް އައިސް ތިބީ ވާނުވާ އޮޅުން ފިލުވާށެވެ.

"ޒިޔަޒެލް..." އީޝަލް ގޮވާލުމާއެކު އޭނާގެ ގާތަށް އައި ޒިޔަޒެލްގެ ގައިގާ ބައްދާލީ އޭނާގެ ހިމާޔަތަށް އެދޭ ފަދައިންނެވެ. މިވަގުތު އޭނާ ބޭނުންވަނީ މީކާޢިލްގެ ހިމާޔަތެވެ. ނަމަވެސް ބައްޕަ ފަދައިން އޭނާ ރައްކާތެރިކުރާނޭކަމުގެ ފުރިހަމަ އިތުބާރު ޒިޔަޒެލްގެ މައްޗަށް އޮވެއެވެ.

އީޝަލްގެ ގައިގާ އުފެދިފައިވާ މަޑު ތުރުތުރުގެ އަސަރު ޒިޔަޒެލްއަށް އިޙްސާސް ކުރެވުނީ އޭނާގެ ގައިގާ އަތްލެވުމުންނެވެ. އަވަސްއަވަހަށް އެ ދެއަތުގެ ހިމާޔަތުގެ ދަށަށް އީޝަލް ގެނެސް ހިފަހައްޓާލިއެވެ. އީޝަލްގެ ބޮލުގައި ޒިޔަޒެލް ބޮސްދެމުން އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ.

"އިށީންނަންވީނު" ޒިޔަޒެލް އެދުނެވެ. ނަމަވެސް އީޝަލް ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެ ތަނުގައި ހުރި ލާމިއާއަށް ޒިޔަޒެލް ބަލާލީ ކަމެއް އޮޅުން ފިލާތޯއެވެ. ޒިޔަޒެލްގެ ކޮނޑުގައި އާރަމް އަތްތިލަ ބާއްވާލިއެވެ. އެ ދެމީހުންގެ ނަޒަރު ބައްދަލުވެ އެ ދެމެދުގައި ސިއްރު ވާހަކަތަކެއް ދެކެވުނެވެ.

"އީޝަލް" ރައުލްގެ އަޑު އިވުނެވެ. އެއާއެކު ބޭއިޚްތިޔާރުގައި ޒިޔަޒެލް ލައިގެން ހުރި ކުރުތާގައި އީޝަލްއަށް ބާރަށް ހިފަހައްޓާލައި ފޮރުވިގަންނަން އުޅެވުނެވެ. އޭނާގެ އެ ޢަމަލުފެނި ޒިޔަޒެލް ވަގުތުން ރައުލް ހުއްޓުވިއެވެ. އަދި ހެނދުނުން އެންމެން ހޭލީމާ އަންނަން ބުނެ އެ ތަނުން ދިއުމަށް ރައުލްއާއި އޭނާގެ ބައިވެރީންނަށް ޒިޔަޒެލް އެންގިއެވެ. ރައުލް ލިބުނު ހައިރާންކަމުގައި އިރުކޮޅަކު މަޑުޖެހިފައި ހުއްޓެވެ. އޭނާ ހިނގައިގަތީ ސޭމެސް އޭނާގެ އަތުގައި ހިފައި ހިނގައިގަތުމުންނެވެ. އެ މީހުން ނުކުތުމާއެކު ޒިޔަޒެލްގެ އިޝާރާތާއެކު އާރަމް އެ ކޮޓަރީގެ ދޮރު ލައްޕައިފިއެވެ.

"ދަރިފުޅާ... ވީގޮތެއް ބުނެބަލަ؟... އަހަރެން ނިދިން ތެދުކުރީ އީޝަލްގެ ހަޅޭކުގެ އަޑު" އީޝަލްގެ ކޯތާފަތުގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެ ޒިޔަޒެލް ވާހަކަދެއްކިއެވެ. އޭރު އެތަނުގައި ހުރި ލާމިއާގެ މޫނުން ފާޅުވީ ހައިރާންކަމެވެ. ޒިޔަޒެލް އެބުނާ ހަޅޭކެއްގެ އަޑެއް އޭނާ ނާހައެވެ. އޭނާއަށް ހޭވެރިކަމެއްވީ އީޝަލް އެނދުން ތެދުވެ ތަޅުމުގައި ދެފައި ނުޖެހި ހުރެ ކޮޓަރީގެ މެދަށް ހުއްޓި ދެވަރަ ހުޅުވާލައިގެން ހުއްޓައެވެ. ގަދަފަދަ ބާރެއް ކޮޓަރިތެރެއިން ފާޅުވިކަމުގެ އިޙްސާސް ކުރެވިގެންނެވެ. ހުޅުވާލި ލޮލަށް ފުރަތަމަ ވެސް ފެނުނީ އީޝަލްއެވެ.

"މާބޮޑުކަމެއްނުވޭ..." އީޝަލް ބުނެލިއެވެ. ރައުލްގެ ބޮލުގައި އޭނާ ނުކުރާކަމެއްގެ އިލްޒާމު އެޅިދާނޭ ހީވެ އީޝަލް ބޭނުންވީ ހުރިހާ ކަމެއް އޮއްބާލާށެވެ.

"ބޮޑުކަމަކަށް ނުވިޔަސް... ވީގޮތެއް ކިޔައިދީބަލަ" ޒިޔަޒެލް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

"ހުވަފެނެއް ފެނުނީ... ބިރުވެރި..." އީޝަލް ބުނެލިއެވެ. ޒިޔަޒެލް ވިސްނުންތެރިކަމާއެކު އީޝަލްއަށް ބަލަން އިނީއެވެ. އޭނާ ދެއްކި ވާހަކަ ޤަބޫލުނުކުރެވިފައި އާރަމްއާއި ލާމިއާއަށް ވެސް ޒިޔަޒެލްއަށް ބަލާލެވުނެވެ. ޒިޔަޒެލް ލޮލުން އިޝާރާތްކޮށްލީ އެ ވާހަކަނުދެއްކުމަށެވެ.

"ދެން ނުފެންނާނެ ބިރުވެރި ހުވަފެނެއް... ހިނގާ އޮށޯނަން..." ނިދަން ބޭނުންނުވެފައި ހުރި އީޝަލް ދެކޮޅެއް ނުހެދިއެވެ. ޒިޔަޒެލްގެ ފުށުން އިތުރު ސުވާލުތަކެއް ކުރިމަތި ނުވާނީ އޭނާ ބުނާ ގޮތް ހެދުމުންކަން އެނގޭތީއެވެ.

އެނދު ކައިރިއަށް ހުއްޓި ޒިޔަޒެލް ހަދާލި ގޮތަކުން ހީވީ ބާރުވައިރޯޅިއެއް އެނދުމަތީ ދައުރުވެލި ހެނެވެ. އޭނާ އެނދުގެ ހަތަރުކަނުގައި އަތްޖައްސައިގެން ހުރެ ކިޔެވިއެވެ. އަދި އައިސް އީޝަލްގެ ނިތްކުރީގައި ބޮސްދީއެވެ. އެނދުގައި އީޝާލް ބޭއްވައި އޭނާގެ ދެފައިތިލައިގެ ދަށުގައި ފިރުމާލައި އެކުރިކަމެއް ޒިޔަޒެލް ކުރީއެވެ. ދެން އީޝަލްގެ ގާތުގައި ނިދޭތޯ ލޯ މަރާލައިގެން އޮތުމަށް ބުންޏެވެ. ޒިޔަޒެލް ދުރަށް ނުގޮސް ގާތުގައި އިންނާނަންކަމުގައި ވެސް ބުންޏެވެ. ނިދޭނޭ ހީނުކުރެވުނަސް އީޝަލްގެ ބޮލަށް ބަރުވާން ފެށިއެވެ. އެއާއެކު އޭނާގެ އަވަސްވެފައިވާ ހިތް މަޑުމަޑުން ހަމައަކަށްއެޅި ނަފްސަށް ހިމޭންކަމެއް ވެރިވަމުންދިޔަކަން އިޙްސާސް ކުރެވުނެވެ. ފުން ނިންޖެއްގެ ތެރެއަށް އޭނާއަށް ދެވުނު ގޮތް ވެސް ނޭނގެއެވެ. އީޝަލްއަށް ބަލަން އިން ޒިޔަޒެލް ފިނި ނޭވާއެއް ލިއެވެ. އަދި އޯގާތެރިކަމާއި ކުލުންވެރިކަން އެކުލެވިގެންވި ބެލުމަކުން ބަލަން އިނދެ އީޝަލްގެ އިސްތަށިތައް ނިތްކުރި މަތިން ރީތިކޮށްލަދީ އެ މޫނުގައި ފިރުމާލިއެވެ. އޭނާ ދެން އެނބުރިލީ ލާމިއާއާއި އާރަމްއާ ދިމާއަށެވެ.

"އޭނާ ބިރުގަންނަވަރުގެ ކަމެއްވެއްޖެ... ލާމިއާ، ކާކު މިތަނަށް ވަނީ؟" ޒިޔަޒެލް އެއްސެވެ.

"މީހަކު ވަންނަމަ އަހަރެންނަށް ނޭނގި ހުންނާނެތަ؟... އަހަރެން ހޭލެވުނު އިރު އީޝަލް ހުރީ މިތާ މެދުގައި ކޮޅަށް ޖެހިފައި، އެ ބޮޑު ވަރަ... ޒިޔަޒެލް.... އެވަރުގެ ބޮޑުވަރައެއް... އަހަރެންނަށް... އަހަރެންނަށް ހަދާނޭ ގޮތެއް ނޭނގުނު، އޭނާއަށް ލިބިފައި އެވާ ބާރު" ލާމިއާ އާގަންނަމުން ވާހަކަދެއްކިއެވެ. އީޝަލްއަކީ ޚާއްޞަ ކުއްޖެއްކަން ޒިޔަޒެލްއާއި ބަހީރާގެ ފަރާތުން ލާމިއާއަށް އޮތީ އެނގިފައެވެ. އެކަމަކު އީޝަލްގެ ފުށުން ކަމެއް ލާމިއާ ދުށް މީ ފުރަތަމަ ފަހަރެވެ.

"ލާމިއާ... ބޭކާރު ވާހަކަ މިތަނުގައި ނުދައްކާ، މިތަނުން ކޮންމެ ވެސް މީހަކު ނޫނީ ބަޔަކު އީޝަލްއާ ދިމާކޮށްފި، ނުސީދާކޮށް އެކުރިކަމެއް އެކުރީ.... އެއްގޮތަކީ ރައުލް އޭނާއާ ގާތްވާން މަސައްކަތްކުރުން، އެކަމަކު ހުރިހާކަމެއް ހަމަޖެހިފައިވަނިކޮށް އޭނާ އެފަދަ ކަމެއް ކުރާނޭ ހީނުވޭ، އަނެއްކާ އީޝަލް ނުރުހޭގޮތަކަށް އެއްވެސް ކަމެއް ނުކުރާނޭ އަހަރެންގެ ހިތް ބުނަނީ... އެހެންވެއްޖެއްޔާ ދެން ހުރީ ބޭރީތު؟... ރައުލްއާއި އޭނާގެ އެކުވެރީން ވެސް މިރޭ ފެންނަނީ ކަމަކާ ކަންބޮޑުވެފައިވާހެން، މިރޭ ކޮންމެވެސް ކަންތައްގަނޑެއް މިތަނުގައި ހިނގައިފި، އަހަރެމެން އިތުރަށް ސަމާލުވާންވެއްޖެ، ބޮޑު މުސީބާތެއް ކުރިމަތިނުވެ އަމާންކަމާއެކު ހުރިހާކަމެއް ހަމަޖެހޭނެނަމައޭ ހިތަށް އަރާ، އީޝަލްއާމެދު ބޭރީތު ޝައުގުވެރިވޭ، އޭނާ ގަސްދުކުރޭ މިތަނުގައި އީޝަލް ބަހައްޓަން، އެކަމަކުގައި އޭނާގެ އަމިއްލަ އެޖެންޑާއެއްވާކަން ޔަގީން، ފަހަރެއްގައި މިތަނުން އަހަރެމެން އެނބުރި ދިޔަނުދޭން މަސައްކަތްކުރަނީކަމަށްވެދާނެ" ޒިޔަޒެލް ވަރަށް ގިނަ ގޮތްގޮތަށް ވިސްނިއެވެ.

* * * * *

ޒިޔަޒެލްއާއި އާރަމް އެނބުރި އެ މީހުންގެ ކޮޓަރިއަށް އާދޭތޯ ރައުލް މަޑުކުރިއެވެ. އީޝަލްއަށް ވީގޮތެއް ނޭނގޭތީ ހަމަޖެހިލެވޭގޮތެއް ރައުލްއަކަށްނުވިއެވެ. އީޝަލްގެ ކޮޓަރިތެރޭގައި ދެކެވޭ އެއްވެސް ވާހަކައެއް ވެސް އޭނާއަކަށް އަޑެއް ނީވެއެވެ.
ހެނދުނުގެ ނާސްތާ ތައްޔާރުކުރެވި އެކަން އެންގުމަށް ޓަކައި ބާންދީއަކާއެކު ޔާފިއާ އައެވެ. އެއާއެކު އީޝަލްގެ ޚަބަރެއް އޮޅުން ފިލުވުމަށް ބަހަނާއެއްކަމުގައި ރައުލްއަށް އެކަން ވިއެވެ. އަވަހަށް އައިސް އީޝަލްގެ ކޮޓަރީގައި ޓަކި ދިނެވެ. އައި ސަބަބު އޮޅުން ފިލުވައިދިނެވެ. އެއާއެކު ދޮރުހުޅުވީ އާރަމްއެވެ. އޭނާގެ ފަހަތުން ލާމިއާއާއި ޒިޔަޒެލްގެ މެދުގައި ހުރެ އީޝަލް އަންނަތަން ފެނުނެވެ. ހިފެހެއްޓިފައި ހުރި ނޭވާ ރައުލްއަށް ދޫކޮށްލެވުނީ އީޝަލްގެ އެންމެ ފެނިލުމަކުން ހިތަށް ލިބުނު ފިނިކަމެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އެ ފިނިކަންވީ ކުޑަ ވަގުތުކޮޅެއްގެ ހިތްހަމަޖެހުމަކަށެވެ. އޭނާ މާޔޫސްވީ އީޝަލް އެއްފަހަރު ވެސް އިސްއުފުލައި އޭނާއާ ނަޒަރު ސީދާކޮށްނުލީތީއެވެ. އެކަމުގެ ސަބަބުން އޭނާއަށް ލިބުނު މާޔޫސްކަމުގެ އަސަރު ޒިޔަޒެލްއާއި އެހެން ބައިވެރިންނަށް ވެސް ސާފުކޮށް ފެނުނެވެ.

އީޝަލް އެނބުރި ދިއުމުގެ ކުރީން ކަނޑުގެ މާޚައުލު އީޝަލްއަށް ދައްކާލާނަންކަމުގައި ރާވިން ވެފައި އޮތް ވަޢުދު ފުއްދުމަށް އޭނާ އެ ވާހަކަ ޒިޔަޒެލްގެ ކަންފަތަށް އިއްވިއެވެ. އެކަމާ ދެކޮޅު ހަދަން ޒިޔަޒެލް ބޭނުންވިޔަސް އޭނާ އެއްޗެކޭ ބުނުމުގެ ކުރީން އީޝަލް އިސްވެ އެކަމުގެ ހުއްދައަށް ޒިޔަޒެލްގެ ގާތުން އެދުނެވެ. މިފަހަރު ޒިޔަޒެލް އެއްބަސްވީ ލާމިއާއެކު އާރަމް ވެސް އީޝަލްއާއެކު ދިއުމަށެވެ. ރައުލްއަށް ބަލާލަމުން އޭނާއަށް އިންޒާރެއް ފަދައިން އީޝަލް ސަލާމަތުން އެނބުރި ޒިޔަޒެލްގެ ގާތަށް ގެނައުމަށް އެންގިއެވެ. ރައުލްއާއި އެހެން ބައިވެރިން ވެސް ތިބީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. ޒިޔަޒެލް ވެސް ހުރީ ބޭރީތާ ބައްދަލުކުރަން ބޭނުންވެފައެވެ. ނުސީދާކޮށް އެ މީހުންނަށް ގޯނާކުރާނަމަ ވަގުތުން އެނބުރި ދާން ގަސްދުކުރާކަން ބޭރީތަށް އަންގަން ޒިޔަޒެލް ބޭނުންވެއެވެ. ރޭގައި ހިނގައިދިޔަ ކަންތަކުގައި އިހުމާލުވާނީ ކޮންބައެއްތޯ ބަލައި އެކަމުގެ ޚަބަރު ބޭރީތަށް އެނގިފައިވޭތޯ ބަލަން ވެސް ޒިޔަޒެލް ހުރީ ނިންމައިގެންނެވެ.

ރައުލްއާއި އޭނާގެ އެކުވެރީންނާއެކު ކަނޑުގެ ތެރެއަށް އީޝަލް ނުކުތެވެ. އޭނާގެ ދާދި ގާތުގައި އަބަދުހެން އާރަމްއާއި ލާމިއާ ހުރެއެވެ. ރައުލްގެ ނަޒަރު އީޝަލްއަށް ހުއްޓިފައިވާކަން އެނގި އޭނާ ފުރަތަމަ ފަހަރަށް ބަލާލިއެވެ. އަދި ރައުލްއާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އީޝަލް ޖެހިލުންވެފައިވަނީ ރައުލްއަށް ހަޤީޤަތް އެނގުމުން ވެދާނޭ ގޮތަކާމެދުއެވެ. އަނެއްކޮޅުން އޭނާގެ ހިތުގައި ވަހުމް އުފެއްދުމުގެ ބޭނުމުގައިކަން ޒަގަން ދެއްކި ވާހަކައެއްވިއްޔާ ދެއްކީ އީޝަލްއަށް އެނގެއެވެ. އެހެންވިޔަސް ހިތުގައި ކައްޓެއް ފަދައިން "ސަމިއާނާ"ގެ ނަން ހެރެމުން ދިޔައެވެ. އެކަމާ ބެހޭ ގޮތުން ރައުލްއާ ސުވާލުކުރުމާއި ނުކުރުން ހިތާއި ސިކުނޑީގެ ބަހުސަކަށް ވެއްޖެއެވެ. މީކާޢިލްއާއި ޒިޔަޒެލް އައީ އީޝަލް ހުރިހާކަމަކަށް ތައްޔާރުކުރަމުންނެވެ. ނަމަވެސް ރޭގައި ހަޤީޤަތަށް ވެސް ނުރައްކަލަކާ ކުރިމަތިވުމުން އީޝަލްއަށް ލިބުނު ސިހުން ފިލައިގެން ނުދެއެވެ. ރައުލްނޫން މީހަކު އަ ހަށިގަނޑުގައި ބީހިދާނޭ ކަމުގެ ޚިޔާލު ވެސް އީޝަލް ނުކުރެއެވެ. ނަމަވެސް މުޅި މީހާ ބިރުން ހަލާކުވާވަރުގެ ޚިޔާލަކަށް ރޭގައި ޒަގަންގެ ޢަމަލުތައް ވެގެންދިޔައެވެ.

* * * * *

ބޭރީތާއި ލާވީއާއެކު އިން ޒިޔަޒެލްގެ އަޑުގައިވި ހަރުކަށިމާއި އޭނާ ކިޔައިދިން ވާހަކަތަކުން އެ ދެ މީހުންނަށް ވެސް ލިބުނީ ހައިރާންކަމެވެ. އަޖައިބުވެފައި އެކަކުއަނެކަކަށް ބަލާލީ އެފަދަ ކަމެއް ކުރާނީ ކާކުބާއޭ ސުވާލު އުފެދިފައި ތިބެއެވެ. ނަމަވެސް އެކަމަށް ޖަވާބު ދިނުމުގެ ބަދަލުގައި ބޭރީތު ނެގީ ރައުލްމެންގެ ވާހަކައެވެ. ދީނާއި ސަޤާފަތް ބަދަލުނުކުރިޔަސް އޭނާ ކައިވެންޏަށް ރުހޭކަން ބުންޏެވެ. އަދި ރައުލްއާއި އީޝަލް އޭނާގެ ގަނޑުވަރުގައި ހުންނަންކަން ބޭނުންވަނީ ފާޅުކޮށް ބުންޏެވެ. އީޝަލްއާ ކައިވެނިކުރުމަށް އެހާ ބޮޑު ގުރުބާނީއެއްވާން ރައުލްއަށް ޖެހެންވީ ކޮން ސަބަބަކާ ހެދި ތޯ ވެސް އޭނާ ސުވާލުކުރިއެވެ. ކުއްލިއަކަށް ޒިޔަޒެލްއާއި ބޭރީތުގެ ދެމެދު ދެކެވެމުންދިޔަ ވާހަކަތައް ހޫނުވާން ފެށިއެވެ. ޒިޔަޒެލް އެ މީހުންގެ އުސޫލުތައް އޮޅުންފިލުވައިދިނެވެ. ރައުލްއާއި ބޭރީތުގެ ދެމެދުގައި އޮތް ހަމަނުޖެހުމުގެ ތެރެއަށް އީޝަލް ނުވެއްދުމަށް ޒިޔަޒެލް ބުންޏެވެ.

"މި ހުރިހާ ކަމަކީ ކަލޭމެންގެ ނުބައި ރޭވުމަކަށް ވެއްޖެއްޔާ" ބޭރީތު ބުންޏެވެ.

"މިތަނަށް އަހަރެމެން ގެނައީ ވެސް ނުބައި ރޭވުމެއްގެ ދަށުންނޭ އަހަރެންނަށް ވެސް ބުނެވިދާނެ... ރޭގައި އެ ދިމާކުރި ދިމާކުރުމަކީ ކަލޭމެންގެ ރޭވުމުގެ ދަށުން ހިނގައިދިޔަ ކަމެކޭ ވެސް އަހަރެންނަށް ބުނެވިދާނެ" ޒިޔަޒެލް ބުންޏެވެ.

ކުއްލިއަކަށް އެ ދެ މީހުންގެ ދެމެދަށް ވަނީ ލާވީއެވެ. ރައުލް މާކުރިން ޒިޔަޒެލްމެންނާ ބައްދަލުވެ އެ މީހުން ބޭނުންވާ ގޮތަށް އެ މީހުންގެ ޝަރުތުތަކާ އެއްބަސްވެފައި އޮތް އޮތުން ޤަބޫލުކުރަން ބޭރީތަށް އުނދަގުވަނީއެވެ. އޭނާގެ އަތްދަށުން އެއްފަހަރާ ބީވެގެން އެ ދަނީ އެތައް ބާރެއްކަން އެނގި ނަފްސުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ޒިޔަޒެލްގެ ގާތުގައި ރޭގައި ހިނގިކަންކަން ހިނގާފައިވަނީ ބޭރީތަށް އެނގުމަކާނުލާކަން ލާވީ ހާމަކުރިއެވެ. އަދި އެކަންވީގޮތެއް ބަލާނަންކަމުގައި ލާވީ ވަޢުދުވިއެވެ. ނަމަވެސް ލާވީގެ ވާހަކަތަކުން ބޭރީތާއި ޒިޔަޒެލްގެ ދެމެދަށް ވެރިވެފައި އޮތް ނުތަނަވަސްކަން ފިލައިގެނެއްނުދިޔައެވެ.

* * * * *

މުޅިތަން ސުންނާފަތި ކުރާ އަޑަށް ބޭރީތު އައިސް ކަސްދިޔާގެ ކޮޓަރިއަށް ވަނެވެ. އޭރު އެތަނުގައި ބޭރުގައި ބާންދީންތައް ކަންބޮޑުވުމާއެކު އެއްވެފައި ތިއްބެވެ. ކޮޓަރިއަށް ވަންއިރު ހަތޯރު އޭނާގެ މަންމަގެ ގައިގާ ހިފަހައްޓަން މަސައްކަތް ކުރަނީއެވެ. ކަސްދިޔާގެ ނަމުން ނިކަން ބާރަށް ބޭރީތު ގޮވާލިއެވެ.

"ކަލޭގެ މިހުރި ދަރި މަރާލާ... ނޫނީ އެ ރައުލް މަރާލާ..." ކަސްދިޔާ ވެސް ހަޅޭލަވައިގަތެވެ. ހަތޯރު އިސްޖަހާލި ގޮތުން ކަންތައްވީގޮތް ބޭރީތަށް ދެނެގަނެވުނެވެ.

"އަހަރެންގެ އަތުން އޭނާ މަރާލެވުނުނަމައޭ ހިތަށް އަރާ، ބޭރީތު... މިއަދު އޭނާއަށް ކަލޭ ވެސް ނުވި މީހަކަށް، ދެވަނަ ޖިލައްޔާއެއް މިތަނުގައި އުޅުނަކަ ނުދޭނަން... އަހަރެންގެ ދަރި އަހަރެންނާ އެ ވަކިކުރީ، ކަލޭގެ ދަރިއަކަށް ވިޔަސް އަހަރެންނަށް ވަރިހަމަ، އޭނާގެ ދިރިއުޅުން އަހަރެން ފޭރިގަންނާނަން، މިފަހަރު އަހަރެން މަޑަކުން ނުހުންނާނަން... ޖިލައްޔާ ހެދި ދީވާނާވެގެން ކަލޭ އުޅުނުހެން މިއަދު އޭނާ އެ އަންހެންކުއްޖާ ފަހަތުން އެ އުޅެނީ... އަހަރެންނަށް އެނގޭ އެ ތަނުގައި އެ އަންހެންކުއްޖާ ބެހެއްޓީ" ކަސްދިޔާގެ މޫނުގައި ބޭރީތު އައިސް ހިފިއެވެ.

"ހަތޯރު... ނުކުމޭ..." ބޭރީތު ހަރުކަށިކަމާއެކު އަމުރުކުރިއެވެ. ހަތޯރު ހަލުވިކަމާއެކު ނުކުމެގެން ދިއުމާއެކު ބޭރީތު ނުރުހުމާއެކު ކަސްދިޔާ ނަގައި އެނދުމައްޗަށް އެއްލާލިއެވެ. އަދި ކޮޓަރީގެ ބޭރުގައި އެއްވެފައި ތިބި ހުރިހާ ބާނދީންނަށް އެތަން ދޫކޮށް ދިއުމަށް އަމުރުކުރިއެވެ. އެހިސާބުގައި ޚާދިމަކު އުޅެގެން ނުވާނޭކަން އަމުރުކުރިއެވެ. އަދި ކޮޓަރީގެ ދޮރުފަތް ޖެހުމާއެކު އޭނާ ކަސްދިޔާއާ ދިމާއަށް އައެވެ.

"އެވަރަށް އަހަރެންދެކެ ލޯބިނުވީ ކީއްވެ؟... އޭނާ ކަލޭދެކެ ކުޑަކޮށް ވެސް ލޯތްބެއްނުވޭ، އެކަން އެނގިހުރެ ނޭނގޭކަމަށް ހެދެނީ ކީއްވެ؟... އަހަރެމެންގެ މައްޗަށް ބަލާވެރިކަމެއް އަތުވެއްޖެކަން އެ އަންހެންކުއްޖާ ފުރަތަމަ ފެނުމުން ވެސް އެނގުނު، ކަލޭ އޭނާ އުފަންކުރި ނަމަވެސް އޭނާގެ ގައިން އެ އަންހެންމީހާގެ އަސަރުތައް ފިލުވައެއްނުލެވުނެއްނު... މިއަދު ކަލޭ ބޭނުންގޮތެއް އަހަރެންނަށް ހެދިނަމަވެސް އަހަރެން ހުއްޓައެއްނުލާނަން..." ފައިކުރުކޮށްގެން އަރިއަކަށް ޖެހިއޮވެ ކަސްދިޔާ ރޮމުން ވާހަކަދެއްކިއެވެ. ބޭރީތު ހުރީ އިންތިހާއަށް ރުޅި އައިސްފައިކަން ކަސްދިޔާއަށް އެނގެއެވެ. އެހެންވިޔަސް ރައުލްއާއެކު ހަތޯރު ދާން ނިންމި ނިންމުމުން ބުއްދިއާއި ނަފްސު ހަމައިން ނެއްޓީއެވެ. ރައުލްނޫނީ އީޝަލްގެ އަސަރު އަބަދަށް ޓަކައި ފުހެލުމުގެ ޚިޔާލު ވެރިވީ މާޒީގެ އަނދިރި ހަނދާންތަކުން އާވި ވޭނާއެކުއެވެ. (ނުނިމޭ)