ދުނިޔެ

ކްރައިސްޓްޗާޗް ހަމަލާދިން މީހާގެ މައްޗަށް ދައުވާ އުފުލައިފި

ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ހަމަލާދީ އެތައް މުސްލިމުންނެއް މަރާލި، މީހާގެ މައްޗަށް 50 މީހުން މަރާލާ 39 މީހުން މަރާލަން އުޅުނުކަމުގެ ދައުވާ އުފުލައިފި އެވެ.

ދެ މިސްކިތަކަށް ހަމަލާދިނުމާއި ގުޅިގެން ބްރެންޓަން ހެރިސަން ޓަރަންޓް ހައްޔަރު ކޮށްފައިވަނީ 15 މާޗް ގައެވެ. ފުރަތަމަ އޭނާގެ މައްޗަށް އުފުލީ، ގަސްދުގައި މީހަކު މެރުމުގެ ދައުވާކަމަށް ވީނަމަވެސް އިތުރު ދައުވާ ފަހުން ކުރާނެކަން ފުލުހުން އޭރު ވަނީ ހާމަކޮށްފަ އެވެ. އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ، 28 އަހަރުގެ ބްރެންޓަން ހެރިސަން ޓަރަންޓް ގެ މައްޗައް ފަހުން އުފުލާފައިވާ ދައުވާތައް ހާމަކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

މީގެ އިތުރުންވެސް އޭނަގެ މައްޗަށް އަދިވެސް އިތުރު ދައުވާތަކެއް އުފުލާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ކުރިން ޗިމްއެއްގައި ޕާސަނަލް ޓްރޭނާއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޓަރަންޓް ވަނީކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ވަދެ ބަޑިޖަހައި ހުކުރު ނަމާދަށް ތިބި މީހުން ގަޔަށް ބަޑި ޖަހައި ވަނީ މަރާލައިފަ އެވެ. އަދި އެ މަންޒަރު ވަނީ ފޭސްބުކް މެދުވެރިކޮށް ލައިވް ކޮށްފަ އެވެ. މިއީ ކްރައިސްޓްޗާޗްގައި ދިން އެންމެ އަނިޔާވެރި ޓެރަރިސްޓް ހަމަލާ އެވެ.

ޓަރަންޓް ގެ މައްސަލައިގެ އަޑުއެހުންތަށް ކުރިއަށް ގެންދާނީ ކްރައިސްޓްޗާޗް ހައިކޯޓުގަ އެވެ.

މިމައްސަލަ ބައްލަވާ ފަންޑިޔާރު ވިދާޅުވި ގޮތުގައި އޭޕްރިލް 5 ގައި ބާއްވާ އަޑުއެހުމުގެ އެންމެ ބޮޑު ބޭނުމަކީ ޓަރަންޓް ގެ ގާނޫނީ ހައްގުތަށް އެނާއަށް ވިސްނައި ދިނުމެވެ. ޓަރަންޓް ވަނީ އޭނާގެ ފަރާތުން ކޯޓްގައި ވަކާލާތު ކުރާނީ އަމިއްލައަށް ކަމަށް ބުނެ ލޯޔަރެއް އައްޔަން ކުރުމުގެ ހައްގު ދޫކޮށްލައިފަ އެވެ.

މި ހަމަލާއާ ގުޅިގެން ކުރި ތަހުގީގުތަކުން ޓަރަންޓް އަތުގައި ބަޑި ގެންގުޅުމުގެ ލައިސަންސް އޮތްކަން ހާމަވުމުން ނިއުޒީލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވަނީ އެ ގައުމުގައި ބަޑި ގެންގުޅުމުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ނިންމަވާފަ އެވެ. މި ގާނޫން ފާސްކޮށް އެޕްރިލް 12ގައި އަމަލު ކުރަން ފަށާނެ ކަމަށް ބެލެވެ އެވެ. އެކަމަނާ އިތުރަށް ވިދާޅުވަނީ ކުރިއަށްއޮތްތާގައި އެ ގައުމުގެ ކޮންމެ މިސްކިތެއް ކައިރީގައިވެސް ސެކިއުރިޓީ އޮފިސަރުން ބައިތިއްބާނެ ކަމަށެވެ.