އިންޑިއާ

މަޝްހޫރު ކޯޗެއް އިންޑިއާއިން ބޭނުމެއް ނުވޭ

އިންޑިއާގެ ގައުމީ ޓީމުގެ ކޯޗް ކަމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި މަޝްހޫރު ކޯޗުން، އެ މަގާމަށް ޝައުގުވެރިކަން ފާޅު ކޮށްފި އެވެ. އެހެންނަމަވެސް ހައި ޕްރޮފައިލް ކޯޗެއް ގެންނާކަށް އިންޑިއާއިން ބޭނުމެއް ނުވެ އެވެ.

އޭޝިއަން ކަޕަށް، އިންޑިއާ ކޮލިފައި ކޮށްދިން، އިންގްލެންޑްގެ ސްޓެފަން ކޮންސްޓަންޓީން އޭޝިއަން ކަޕަށް ފަހު އިންޑިއާގެ ކޯޗް ކަމުން އިސްތިއުފާ ދިނުމުން، އާ ކޯޗެއް ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި އެންމެ މަޝްހޫރު ކޯޗުންނަކީ، ފްރާންސްގެ ވޯލްޑްކަޕު ކޯޗް، ރޭމަންޑް ޑޮމިނިކް، އިންގްލެންޑާއި މެކްސިކޯގެ ކުރިގެ ކޯޗް ސްވިޑެންގެ ސްވެން ޔޯރާން އެރިކްސަން އަދި އިންގްލެންޑްގެ ކުރީގެ ކޯޗް ސޭމް އެލަޑައިސް އެވެ.

އިންޑިއާގެ ކޯޗް ކަމަށް ކުރިމަތިިލުމުގެ ފުރުސަތު، މިދިޔަ ހުކުރު ދުވަހު ވަނީ ހަމަވެފަ އެވެ. ކޯޗް ކަމަށް 264 އެޕްލިކޭޝަން ހުށަހެޅިފައި އޮތެވެ. އޭގެ ތެރޭގައި ސްކޫލް ޓީމުތަކަށް ކޯޗް ކޮށްދީފައިވާ ކޯޗުންގެ ސީވީވެސް ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ ފުޓްބޯލް ފެޑްރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހައިޕްރޮފައިލް ކޯޗުންގެ ސީވީ ހުށަހެޅި ނަމަވެސް އިންޑިއާގެ ވިސްނުން ހުރީ އިންޑިއާގެ ފުޓްބޯޅަ އެނގޭ، އިންޑިއާގެ ފުޓްބޯޅަ އެހެން ލެވަލަކަށް ގެނެސްދޭނެ ކޯޗެކެވެ.

"އަހަރެމެން މި ބަލަނީ ބޮޑެތި ނަން ތަކަކަށް ނޫން، އަހަރެމެން މި ބަލަނީ އިންޑިއާގެ ފުޓްބޯޅަ ކުރިއަށް ގެންދެވޭނެ ކޯޗަކަށް،" ޓައިމްސް އޮފް އިންޑިއާ އާ ވާހަކަ ދެއްކި އިންޑިއާގެ ފެޑްރޭޝަންގެ އޮފިޝަލް ވިދާޅުވެފެފައި ވެއެވެ. "ކުރިމަތިލާފަ އެބަތިބި ވަރަށް މަޝްހޫރު ކޯޗުންވެސް، އެހެންނަމަވެސް އުފައްދަން ޖެހޭ ސުވަލަކީ އެ ކޯޗުންނަކީ އިންޑިއާގެ ފުޓްބޯޅައަށް އެންމެ ރަނގަޅު ކޯޗުންތޯ، އެ މީހުން ބޭނުންވާ މުސާރަ އަހަރެމެންނަށް ދެވިދާނެތޯވެސް އެއީ ސުވާލެއް، އަދި އެމީހުން މިތާންގަ މަސައްކަތް ކުރަން މޯޓިވޭޓް ވެދާނެތޯ އެއީވެސް ސުވާލެއް."

އިންޑިއާގެ ކޯޗް ކަމަށް ގެންނާނެ ކަމަށް ބެލެވެނީ އިންޑިއާގެ ފުޓްބޯޅަ އެނގޭ ކޯޗެކެވެ. ބެންގަލޫރު އެފްސީގެ ކޯޗް އަލްބަޓް ރޮކާ ވެސް ވަނީ އިންޑިއާގެ ކޯޗް ކަމަށް ކުރިމަތިލާފަ އެވެ. ޓައިމްސް އޮފް އިންޑިއާއިން ލަފާ ކުރާ ގޮތުގައި އިންޑިއާގެ ކޯޗް ކަމަށް ގެންނާނެ ކަމަށް ބެލެވެނީ ރޮކާ އެވެ.