ވިޔަފާރި

މި ދުވަސް ވަރު ފަސޭހަ،ޑޮލަރު ލިބުމުގައި ތާށިކަމެއް ނެތް: ވިޔަފާރިވެރިން

މި ދުވަސްވަރު ރާއްޖޭގެ މާކެޓުގައި ގިނަ އަދަދަކަށް ޑޮލަރު ދަތުރުވަމުންދާ ކަމަށާ، އެހެންކަމުން ޑޮލަރު ލިބުމުގައި އެއްވެސް ތާށިކަމެއް ނެތް ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ލިލީ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ ނާބެ) ވިދާޅުވީ މި ދުވަސްވަރު ޑޮލަރު ލިބުމުގައި އެއްވެސް ތާށިކަމެއް ނޫޅޭ ކަމަށެވެ.

"ބޭރުތެރޭ އުޅޭ ބައެއް މީހުން ކިޔާ ތާށި ކަމެއް އުޅެއޭ. އެކަމަކު އުޅެން ޖެހޭއެއް ވެސް ސަބަބެއް ނެތް މިހާރަކު. މިއީ ޓޫރިސްޓު ސީޒަން. މިއީ ހައްޖަށް ދާން ދުވަސްވަރެއް ނޫން. ހަމަ ގައިމުވެސް އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭ ބޭންކުތަކުން ވެސް ލިބޭ. އެއްވެސް ތާށިކަމެއް ނެތް،" ނާބެ ވިދާޅުވި އެވެ.

ބޭރުތެރޭ އުޅޭ ބައެއް މީހުން ކިޔާ ތާށި ކަމެއް އުޅެއޭ. އެކަމަކު އުޅެން ޖެހޭއެއް ވެސް ސަބަބެއް ނެތް މިހާރަކު. މިއީ ޓޫރިސްޓު ސީޒަން. މިއީ ހައްޖަށް ދާން ދުވަސްވަރެއް ނޫން. ހަމަ ގައިމުވެސް އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭ ބޭންކުތަކުން ވެސް ލިބޭ. އެއްވެސް ތާށިކަމެއް
މައްލާ ނާސިރު | ލިލީގެ ޗެއާމަން

ރާއްޖެއަށް އެންމެ ދުވަސްވީ އެއް ހާޑްވެއާ ފިހާރަ ކަމަށްވާ ސޮނީ ހާޑްވެއާގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމް ވިދާޅުވީ މި ދުވަސް ވަރު އާއްމު ދުވަސްތަކާ އަޅާބަލާއިރު ޑޮލަރު ހޯދަން ފަސޭހަ ކަމަށެވެ

"ބޭންކުން ބޭނުން ވަރަކަށް ޑޮލަރު ނުލިބުނު ނަމަވެސް އަޅުގަނޑުމެން މުދާ އެތެރެކުރަން ކުރަން ބޭނުންވާ ވަރަށް ޑޮލަރު ލިބޭ. އެއް ވެސް ތާށިކަމެއް ނެތް،" މޫސަ ވިދާޅުވި އެވެ.

ހާޑްވެއާގެ ބާވަތްތައް ގިނަ އަދަދަކަށް އެތެރެކުރާ އެހެން ކުންފުންޏެއް ކަމަށްވާ ވެލިގާ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ އަހުމަދު އައްބާސް ވިދާޅުވީ މި ދުވަސްވަރު ޑޮލަރު ލިބުމުގައި އެއްވެސް ދަތިކަމެއް ނޫޅޭ ކަމަށާ، ބަރާބަރަށް ލިބޭ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ބޭނުންވާ ވަރަށް ލިބޭ. މި ގޮތަށް ފަސޭހަކަމާއެކު ޑޮލަރު ލިބޭތާ ދުވަސްތަކެއް ވެއްޖެ،" އައްބާސް ވިދާޅުވި އެވެ.

ޓޫރިޒަމް ވިޔަފާރިވެސް ކުރާ އަދި ލިލީ އިންޓަނޭޝަނަލްގެ އެއް ޑިރެކްޓަރު އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވީ ރާއްޖޭގައި ޑޮލަރު ލިބުމުގައި އެއްވެސް ތާށިކަމެއް ނޫޅޭ ކަމަށެވެ. ނަމަވެސް ދިވެހި ރުފިޔާ ލިބުން ދަތިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އިއްޔެވެސް އަޅުގަނޑު ބޭންކްއަށް ދެ ލައްކަ ޑޮލަރު މާރު ކުރިން. ޑޮލަރު ލިބެންވެސް އެއްވެސް ތާށިކަމެއް ނެތް. އެއީ ހަމަ ދައްކާ ވާހަކަ،" އާމިރު ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ބޭންކްތަކުން ވެސް ބުނީ ޑޮލަރު ދައުރުވުމާއި ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް އުޅޭކަން އެނގިފައި ނެތް ކަމަށެވެ. އަދި ޑޮލަރުގެ ޓްރާންސްސެކްޝަންތައް ބަރާވަރަށް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.