ހަބަރު

އިންތިހާބަށް ފުރިހަމަޔަށް ތައްޔާރު: އީސީ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް އިދާރީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން، އީސީ އިން ބުނެފި އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ، އިންތިހާބުގެ ހުރިހާ ކަމެއް ފުރިހަމަ ކަމާއެކީ ކޮށް ނިމިފައިވާ ކަމަށެވެ. ހަމައެކަނި ބާކީ އޮތީ ވޯޓް ލުމުގެ މަރުހަލާއާ ވޯޓް ގުނުމުގެ މަރުހަލާ އަދި ނަތީޖާ ފާޅު ކުރުމުގެ މަރުހަލާ ކަމަށެވެ.

"އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިމިފައިވަނީ، އެންމެ ފަހު މަސައްކަތަށް ބޭރުގެ އޮފިޝަލުން ހަމަޖެއްސުން، އެންމެ ފަހުގެ ލަންކާގެ އޮފިޝަލުން މިހާރު އެކޮޅަށް ރީޗްވެއްޖެ، ރާއްޖެއިން ބޭރުގައި ވޯޓްލާ ހުރިހާ ތަނެއްގައި ހުރިހާ އޮފިޝަލުން ފޮނުވިއްޖެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އެދުވަހު ރާއްޖޭގައި ވޯޓް ލުން އޮންނާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި އިންޑިއާގައި ވޯޓްލުން އޮންނާނީ އެތަނުގެ ގަޑިން 8:30 އިން 4:30 އަށް ކަމަށެވެ. ސްރީލަންކާގައިވެސް ކުރިއަށްދާތީ އެތަނުގެ ގަޑިން 8:30 އިން 4:30 އަށެވެ. މެލޭޝިއާގައި ވޯޓް ލުން ކުރިއަށްދާނީ މެލޭ ގަޑިން ހެނދުނު 11:00 އިން ރޭގަނޑ 7:00 އަށެވެ. އަދި ލަންޑަންގައި ވޯޓްލުން ކުރިއަށްދާނީ ހެނދުނު 9:30 އިން ހަވީރު 5:30 އަށް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާނޫނުގައިވާ ގޮތުގެ މަތީން ވަކިވަކި ވޯޓް ފޮށީގެ ނަތީޖާ އެވޯޓް ގުނާ ފޮށި ދޮށުގައި އިއުލާން ކުރާނެ ކަމަށެވެ. އަދި ނަތީޖާ އީސީގެ ވެބް ސައިޓްގައިވެސް ޝާއިއު ކުރާނެ ކަމަށެވެ. އޭގެ އިތުރުން އާންމުކޮށް ފެންނަ ތަނެއްގައި ނަތީޖާ ޝީޓް ހަރުކުރާނެ ކަމަށެވެ. މިފަހަރު 8631 ނަތީޖާ ޝީޓް ތައްޔާރު ކުރަން ޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ވޯޓް ބާތިލްވުމާއި ގުޅޭގޮތުން އޮޅުން އަރާފައިވާ ކަންކަން ސާފުކޮށްދެއްވަމުން ޝަރީފް ވިދާޅުވީ، ގޮޅިން ބޭރުގައި ފާހަގަ ޖަހައިފިނަމަ ވޯޓް ބާތިލް ނުވާނެ ކަމަށާއި ކެނޑިޑޭޓްގެ ނަމާއި ދިމާވާ ގޮތަށް ގޮޅިން ބޭރުގައި ފާހަގަ ޖަހާފައިވާނަމަ އެވޯޓް ގުނޭނެ ކަމަށެވެ.

"ކާކަށްކަން ޔަގީން ނުވާ ގޮތަށް ޖަހާފައިވާ ފާހަގަ އަކީ ބާތިލް ވޯޓެއްކަން، ނުވަތަ މިހާރުގެ އިސްލާހުގެ ގާނޫނުގައިވާ ގޮތުން ވޯޓްލާ މީހާއާ ދިމާލަށް ޖަހާފައިވާ ފާހަގައިގެ އިތުރަށް އިތުރު އެއްވެސް ކުރެހުމެއް ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައިވާނަމަ ވޯޓް ބާތިލްވާނެ،"

ރީރެޖިސްޓްރޭޝަނާއި ގުޅިގެން ހައި ކޯޓަށް ހަތް މައްސަލައެއް އެބައޮތް މިއަދު ހުކުމް އިއްވާނެ ކަމަށެވެ. ނަމަވެސް އިންތިހާބުގެ ކަމަކަށް ނުވަތަ އިދާރީ ގޮތުން ނުކުރެވޭނެ ފަދަ ހުކުމެއް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވޯޓްލާ ދުވަހުގެ ހަތް ދުވަސް ފަހުން ދާއިމީ ނަތީޖާ އިއުލާން ކުރަންޖެހޭ ކަމަށް ގާނޫނުގައިވާ ކަމަށާއި މިހާރު މަސައްކަތްތައް ރޭވިފައި ހުރި ގޮތުން ވޯޓްލާ ނިމޭތާ ދެދުވަހުގެ ތެރޭގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.

"އޭގެ ދެދުވަސް ނުވަތަ ތިން ދުވަސް ފަހުން ދާއިމީ ނަތީޖާ އިއުލާން ކުރާނަން، އެންމެ ލަސްވެގެން އޭޕްރީލް 12 ވަނަ ދުވަހުގެ ރޭގަނޑު ދާއިމީ ނަތީޖާ އިއުލާން ކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަމުން މިދަނީ، ދާއިމީ ނަތީޖާ އިއުލާން ކުރުން އެއަށްވުރެވެސް ކުރިއަށް ޖައްސާލެވޭތޯ މަސައްކަތް ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، އިންތިހާބާއި ގުޅޭ ގޮތުން ކަންބޮޑުވާ ވަރުގެ ޝަކުވާ ތަކެއް ލިބިފައެއް ނުވާ ކަމަށެވެ،