ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކި ދާއިރާތަކަށް ވާދަ ކުރެއްވި ހުރިހާ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީ އަށް ހުށައަޅަން ޖެހޭނެ އެވެ.
އެ ރިޕޯޓުގައި އިންތިހާބުގައި ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހުށައަޅަން ޖެހޭނެ އެވެ. އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތާއި ކެންޑިޑޭޓުން އިންތިހާބަށް ބޭނުންކޮށްފައިވާ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓްތައް ވެސް ހިމަނަން ޖެހެ އެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުންގެ މާލީ ބަޔާން ވީހާ ވެސް އަވަހަށް އާންމު ކުރަންޖެހޭ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން އިންތިހާބު ބާއްވާތާ އެއްމަސް ދުވަސްހުގެ ތެރޭގައި ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަންޖެހެ އެވެ. މި އިންތިުހާބަށްފަހު އެގޮތުން އެއް މަސްވާ ދުވަހަކީ އަންނަ މަހުގެ ހަވަނަ ދުވަހެވެ. ނަމަވެސް އެދުވަސް ރޯދަ މަހުގެ ފުރަތަމަ ދުވަހާ ދިމާވާތީ މާލީ ބަޔާން ހުށަހަޅަންޖެހޭ ފަހު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަސް ކަމުގައި އީސީ އިން ނިންމާފަ އެވެ.
"ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ މަންދޫބުންނާއި އިންތިހާބުން ކާމިޔާބުވީ ފަރާތްތަކާއި އިންތިހާބުން ކާމިޔާބުނުވާ ފަރާތްތައްވެސް މާލީ ބަޔާން ހުށަހަޅަންޖެހޭނެ، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަން އިލްތިމާސް ކުރަން، މިކަމުގެ ޒިންމާ އުފުލަން ޖެހޭނެ ބަޔަކީ ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުންް،" ޝަރީފް ވިދާޅުވި އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި 386 ކެނޑިޑޭޓުން ވާދަ ކުރިވެ. މިހާތަނަށް އެއްވެސް ފަރާތަކުން މާލީ ބަޔާން ހުށަހެޅި ކަމަކަށް އީސީން އަދި ބުނެފައެއް ނުވެ އެވެ.
އެމްޑީޕީން ވަނީ މަޖިލިސް އިންތިހާބުގެ ކުރިން އެ ޕާޓީ އިން ވާދަ ކުރި 85 ކެނޑިޑޭޓުންގެ މާލީ ބަޔާންތައް އާންމުކޮށްފަ އެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލި ބައެއް ކެނޑިޑޭޓުންވެސް މާލީ ބަޔާންތައް އާންމު ކުރި އެވެ.