ހަބަރު

މި އިންތިހާބަކީ ނަޒާހަތްތެރި އިންތިހާބަކަށްވާނެ: އީސީ

މިއަދުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބަކީ ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ބާއްވާ އިންތިހާބެއް ކަމަށާއި މި އިންތިހާބަކީ ނަޒާހަތްތެރި އިންތިހާބަކަށްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބްގެ ވޯޓްލުން ރާއްޖޭގެ އެކި ސަރައްދުގައިތަކުގައި މިހާރު ވަނީ ފަށާފަ އެވެ.

ޓީވީއެމް މެދުވެރިކޮށް ދެއްވި އިންޓަވިއުގައި އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ، މި އިންތިހާބަކީ ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ބާއްވާ އިންތިހާބެއްކަން ހުރިހާ ބޭފުޅުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ. އެގޮތުގެ މަތީން މިއަދުގެ ވޯޓްލުން ކުރިއަށްދާއިރު، ވޯޓްލުމުގެ އެންމެހާ ކަންތައްތައް އިންސާފުވެރިކަމާއި އަމާންކަމާއެކު ކުރިއަށް ގެންގޮސްދިނުމަށް ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި އާންމު ފަރުދުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މި އިންތިހާބަކީ ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ބާއްވާ އިންތިހާބެއްކަން ހުރިހާ ބޭފުޅުންނަށް ޔަގީންކޮށް އަރުވަން، މި އިންތިހާބަކީ ރިޔާސީ އިންތިހާބްފަދަ ނަޒާހަތްތެރި އިންތިހާބެއް ކަމުގެ ޔަގީންކަން އަރުވަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، މިއިންތިހާބްގެ ސެކިއުރިޓީ ކަންތައްތައް ބަލަހައްޓަމުންދާނީ ފުލުހުން ކަމަށާއި ފުލުހުންގެ މަސައްކަތައް އެއްބާރުލުން ދެއްވުމަކީވެސް އެކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މިއިންތިހާބް މޮނީޓަރު ކުރުމަށް ކެނޑިޑޭޓުންގެ މަންދޫބުންނާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1545 ފަރާތަކުން ހަރަކާތްތެރިވާނެ ކަމަށާއި ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1904 ފަރާތަކުން ހަރަކާތްތެރިވާނެ ކަމަށާއި ލޯކަލް މޮނީޓަރުންގެ ގޮތުގައި 1998 ފަރާތަކުން އަދި އިންޓަނޭޝަނަލް އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި 37 ފަރާތަކުން ހަރަކާތްތެރިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

"ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ހަމަވެފައިވާތީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މާދަމާގެ ހެނދުނު 6:00 އާ ދޭތެރޭގައި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް،"

މިއަދުގެ ވޯޓްލުމުގެ ކަންކަން ސުލްހަވެރިކަމާއި އަމާން އޮމާންކޮށް ކުރިއަށް ގެންގޮސްދިނުމަށްޓަކައި ހުރިހާ ބޭފުޅުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި މިފަހަރު މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި 264،589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.