އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ލަސްކުރެވޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނޯންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މިފަހަރުގެ އިންތިހާބުގެ ކަންކަން ކުރަމުންދަނީ ވަރަށްވެސް ހޭލާ ތިބެގެން ކަމަށެވެ، އަދި ކޯޓަކުން އިންތިހާބެއް ލަސްކުރާނީ ގާނޫނީ ހުއްޖަތެއް އޮވެގެން ކަމަށާއި މިފަހަރު އިންތިހާބު ލަސްކުރާނެ ގާނޫނީ ހުއްޖަތެއް ނޯންނާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"ކޯޓަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން އިންތިހާބު ލަސްކުރަން އަންގާނީ ނުވަތަ އަމުރެއް ކުރާނީ ގާނޫނީ ކޮންމެވެސް ހުއްޖަތެއްގެ މައްޗަށް ބިނާކޮށް، އެއީ ހަމަ އަޅުގަނޑަށް ޔަގީންކަމެއް، އެހެންވީމަ މިފަހަރު އަޅުގަނޑުމެން އިންތިހާބް ކަންކަން ރޭވިއިރުގައި އެފަދަ ގާނޫނީ އެއްވެސް ހުއްޖަތެއް މި އިންތިހާބް ލަސްކުރުމަށްޓަކައި ނެގޭނެ އެއްވެސް ހުއްޖަތަކަށް އެއްވެސް ފުރުސަތެއް ދީފައެއް ނުވާނެ،" ޝަރީފް ވިދާޅުވި އެވެ.
އިންތިހާބް ލަސްކުރެވޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ތަނަވަސް ކޮށްދީފައެއް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، އިންތިހާބުގެ ހުރިހާ ކަމެއް ފުރިހަމަ ކަމާއެކީ ކޮށް ނިމިފައިވާ ކަމަށެވެ. ހަމައެކަނި ބާކީ އޮތީ ވޯޓް ލުމުގެ މަރުހަލާއާ ވޯޓް ގުނުމުގެ މަރުހަލާ އަދި ނަތީޖާ ފާޅު ކުރުމުގެ މަރުހަލާ ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބާ ގުޅޭ ގޮތުން ކަންބޮޑުވާފަދަ ޝަކުވާތަކެއްވެސް ހުށަހެޅިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިހާބް އަމާންކަމާއި އޮމާންކަމާއިއެކު ކުރިއަށް ގެންދެވޭނެ އިންތިހާބަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ޕާޓީތަކާއި ކެނޑިޑޭޓުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.