ހަބަރު

ގަސްދުގައި ސައްހަ ވޯޓުތަކެއް ބާތިލްކޮށްފައެއް ނެތް: އީސީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވަކި މީހަކަށް ވޯޓް މަދު ކުރުމަށްޓަކައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުން ސައްހަ ވޯޓްތަކެއް ބާތިލް ވޯޓްގެ ގޮތުގައި ކަނޑައަޅާފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އދ. މާމިގިލީ ވޯޓު ފޮށިތަކުގައި 100 އަށްވުރެ ގިނަ ސައްހަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާ މައްސަލަ އީސީ އިން ވަނީ ބަލައި ނިންމާފަ އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ފިކުރެއްގެ މީހަކު ވެރިއަކަށް ހުރެގެން އެއްވެސް ވޯޓް ފޮއްޓެއްގެ ނަތީޖާއަށް ބަދަލެއް އައިސްފައިވާކަން ފެންނާކަށް ނެތް ކަމަށެވެ.

"މީގެ އެންމެ ބޮޑު އެއް އިޝޫ އަކީ އިންތިހާބް ކައިރިވެފައި ވަނިކޮށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު، އެއިސްލާހުގެ ސަބަބުން އެކަމަށް ހޭލުންތެރިވުމާއި އެކަމަށް ޝައްކުތަކެއް މީހުންގެ ހިތްތަކުގެ ތެރޭގައި ހުރުން، އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން ދިޔައީ ބާތިލް ވޯޓްގެ ގޮތުގައި ކަނޑައެޅިގެން ގޮސްފައިވާ ގިނަ ވޯޓްތަކަކީ ދެ ފާހަގައެއް ފަށް ކޮށްފައި ހުރި ގިނަ ވޯޓްތަކެއް ހުރުމުން، ބޮޑަށް ލަފާކުރެވެނީ އެއީ ދެފާހަގަ އިނދެފި ކަމުގައިވާނަމަ އެއީ ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ފޮށީގެ ވެރިޔާގެ ހިތުގައި އެޅިފައި އޮތީކަމަށް ގަބޫލު ކުރެވެނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ބާތިލް ގިނަ ވޯޓް ތަކެއް ކަނޑައަޅާފައިވަނީ މަޖިލީހުން ފާސްކުރި އާ އިސްލާހާއި ގުޅިގެން ބައެއް އޮފިޝަލުންގެ މެދުގައި ޝައްކުތަކެއް އުފެދިގެން ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަތަކުގެ ސަބަބުން ނަތީޖާއަށް ނުވަތަ މޮޅުވެފައިވާ ކެނޑިޑޭޓަކު ގޮނޑި ގެއްލިގެންދާފަދަ މައްސަލައެއް ދިމާނުވާ ކަމަށެވެ. އަދި ތަފާތު ބޮޑުވުމުގެ އިތުރަށް ނަތީޖާއަށް ބަދަލު އައުމުގެ އިތުރު ކަމެއް ފާހަގަ ކުރެވިފައެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އެ މައްސަލައާ ގުޅޭގޮތުންް އިތުރަށް ކުރިއަށް ގެންދާނެ ގޮތްތަކާމެދު އިލެކްޝަން ކޮމިޝަނުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ ކަނޑައެޅިގެން އެނގިހުރެ ކުރި ކަމެއް ކަމަށް ފެންނަ ކަަމަށްވާނަމަ އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ޒާތީކަމެއް ކަމަށް ނުވަތަ ވަކި ކެނޑިޑޭޓަކަށް ވޯޓް މަދުކުރަން ކޮށްފައިވާ ކަމެއް ކަމަށް ފާހަގަ ނުވާކަން މިފުރުސަތުގައި ދަންނަވަން،" ޝަރީފް ވިދާޅުވި އެވެ.

މާމިގިލީ ދާއިރާ ވޯޓު ފޮށިތަކާ ގުޅިގެން ލިބުނު ޝަކުވާތަކާ ގުޅިގެން މާމިގިލީގައި ބެހެއްޓި ތިން ވޯޓު ފޮށީގެ ބާތިލް ވޯޓުތައް އަލުން ވަނީ ގުނާފަ އެވެ.

އަލުން ގުނިއިރު އެ ދާއިރާއަށް ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބެންޖެހޭ 64 ސައްހަ ވޯޓެއް ބާތިލްގެ ވޯޓުގެ ގޮތުގައި ހިމަނާފައިވެ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އަމީޒަށް ލިބެންޖެހޭ 45 ސައްހަ ވޯޓު، ބާތިލްގެ ވޯޓުގެ ކަނޑައަޅާފައިވެ އެވެ.