ހަބަރު

ކުރެންދު އަށް ނަގޫރޯޅިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ޅ. ކުރެންދޫ އަށް ނަގޫރޯޅި އެއް އަރައި، ރަށުގެ ކައުންސިލް އިދާރާ އަށާއި އެ ސަރަހައްދުގައި ހުރި ދެ ހަރުގެއަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ކުރެންދޫ ކައުންސިލް ރައީސް އިސްމާއިލް މަދީހު ވިދާޅުވި ގޮތުގައި އެ ރަށަށް ނަގޫރޯޅި އެރީ ރޭ ދަންވަރު 12:30 އާއި 1:00 އާ ދެމެދުގެ ވަގުތެއްގަ އެވެ. އަދި، ނަގޫރޯޅީގެ ސަބަބުން ކައުންސިލް އިދާރާގެ ކައިރީގައި ހުރި ސެޓްލިންކް އެންޓަނާގެ ބައެއް ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ވެއްޓި އިދާރާގެ ސީލިންގް ފަޅައިގެން ގޮސް ގެއްލުންތަކެއް ލިބުނެވެ.

މަދީހު ވިދާޅުވި ގޮތުގައި ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް އެންޓަނާ ވެއްޓުނު ނަމަވެސް ކައުންސިލުގެ އިދާރާގެ އެތެރޭގެ ހުރި ތަކެއްޗަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކައުންސިލް އިދާރާގެ އިތުރުން، އެ ސަރަހައްދުގައި ހުރި ދެ ހަރުގެއަކަށް ވެސް ނަގޫރޯޅީގެ ސަބަބުން ގެއްލުންވެފައިވާ ކަމަށެވެ. އަދި، ނަގޫރޯޅީގެ ސަބަބުން ދެ ހަރުގޭގެ ފުރާޅު އެއްލާލާފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

"ކައުންސިލް އިދާރާ ކައިރީ ހުންނަ ދެ ހަރުގެ އެއްގެ ފުރާޅު އެއްލާލި. ފުރާޅުގެ ޓިނުގަނޑު އެ ދިމާލުގައި ހުންނަ ގަބުރުސްތާނަށާއި ދިރާގު އެންޓަނާ ކައިރިއަށްވެސް ގޮސްފަ ހުރި" ކައުންސިލް ރައީސް ވިދާޅުވި އެވެ.

މަދީހް ވިދާޅުވީ ދެ ހަރުގޭގެ ތެރޭގައި ހުރި އެއްވެސް ދޯންޏަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.