ހަބަރު

މަޖިލިސް އިންތިހާބުގެ ނަތީޖާއިން ރައްޔިތުންގެ ނިންމުން ބަދަލުވެދާނެ: ރައީސް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އަސަރުކޮށްފާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކެމްޕޭނަށް ނ. ލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ތިބީ ގޮތްތަކެއް ނިންމައިގެން ކަމަށާއި އެދުވަހުގެ ނިންމުމަކީ ރާއްޖޭގެ ބޮޑު އަގުލަބިއްޔަތަކުން ބޭނުންވި ގޮތް ކަމަށެވެ.

"އެހެން ނަމަވެސް ހޮނިހިރު ދުވަހު މިބޭއްވޭ އިންތިހާބުގެ ނަތީޖާއިން އެނިންމި ނިންމުމަށް އަސަރު ކޮށްފާނެ، އަދި މިދާއިރާގެ ކޮންމެ ބޭފުޅަކުލާ ވޯޓުންވެސް ހަމަ ރާއްޖޭގެ ހުރިހާ ހިސާބަކަށް އޭގެ އަސަރު ކުރާނެ އެންމެ ވޯޓަކީވެސް މުހިންމު އެއްޗެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އިންނަވާ ކޮންމެ މެންބަރަކީވެސް މުހިންމު މެންބަރެއް ކަމަށެވެ. އެހެން ކަމުން ހޮނިހިރު ދުވަހު ނިންމާ ނިންމުން ސާފުވާން ޖެހޭނެ ކަމަށެވެ. އެދުވަހު ނިންމާ ގޮތަކުން ކުރި އުންމީދުތަކާއި ބޭނުންވާ ބަދަލުތައް ގެނައުމަށް ހުރަސް އެޅިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ނިންމުން ވާންޖެހޭނީ އަޅުގަނޑުމެންވީ ވައުދުތައް ފުއްދަން މަޖިލީހުގެ ތެރެއިން އެއްބާރުލުން ލިބޭނެ ގޮތަކަށް ނިންމާ ނިންމުމަކަށް،"

އެއަތޮޅު މަނަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދޭ އެދުމަކީ ހޮނިހިރު ދުވަހު ނަގާ ވޯޓްގައި އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވޯޓް ދެއްވުމަށެވެ. އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ، އެދުވަހުގެ ނަތީޖާ އިއުލާން ކުރެވިގެންދާއިރު ހިތް އުފާވާ ކަހަލަ ނަތީޖާއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން އިއްވަމުންދާނެކަމީ މިއަދު ޝައްކު ކުރެވޭ ކަމެއްނޫން ކަމަށެވެ.

"ރައްޔިތުން ތިބީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ނިންމި ނިންމުމާ އެއްގޮތަށް އެބަދަލުތައް، އެގެންނަން ބޭނުންވާ އިސްލާހުތައް ރާއްޖެއަށް ގެނައުމުގައި ހަމަ އޭރު ތިއްބެވި ގޮތާ ކަމާމެދު އަޅުގަނޑަށް މިކުރާ ތަނަކުން ނުފެނެ، އެހެން ބަޔަކު ކެމްޕެއިން ކުރާ ތަނެއްވެސް ނުފެނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ހޮނިހިރު ދުވަހަކީ މިކުރާ މަސައްކަތުގެ ނަތީޖާ ލިބޭ ދުވަސް ކަމަށާއި ރައްޔިތުން ނިންމުން ނިންމަން ވާނީ ވަރަށް ވިސްނުންތެރިކަމާއެކު ވަރަށް ބޮޑަށް ބަލާފައި ކަމަށެވެ.

"މިހެން މި ދެންނެވީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަޅުގަނޑުމެން ވަނީ ގޮތެއް ނިންމަވާފަ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އަޅުގަނޑުމެންލީ ވޯޓުން ވަރަށް ސާފުކޮށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފަ،

ރައީސް ވިދާޅުވީ، އެދުވަހު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ގެންދިޔަ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމަށް ނޫނެކޭ ބުނެފައި ކަމަށެވެ. އަދި އެކަންކަން ހުއްޓައި މިރާއްޖެ އަނެއްކާ އަނބުރާ ޑިމޮކްރަސީއަށް އިއާދަކޮށް ގާނޫނު އަސާސީން އަޅުގަނޑުމެންނަށް ލިބިފައިވާ އަސާސި ހައްގުތައް ހޯދަދޭން ބޭނުންވާ ކަމަށް ރައްޔިތުން ވަނީ ބުނެފައި ކަމަށެވެ. މިފަހަރުގެ ނިންމުންވެސް އެކަމަށް ވިސްނާފައި ނިންމެވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.