އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ލ. ފޮނަދޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ އެދާއިރާގެ މިހާރުގެ ވެސް ކެނޑިޑޭޓް އަބުދުއްރަހީމް އަބުދުﷲ، އަދުރޭގެ ކެމްޕެއިން ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންފި އެވެ.
ގާސިމް ވަނީ އެޕާޓީ އިން ވާދަ ނުކުރާ ދާއިރާތަކުން ޕީޕީއެމް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފަ އެވެ. އަދި ޕީޕީއެމް އާއި ޕީއެންސީ އިން ވަނީ އެޕާޓީތަކުން ވާދަ ނުކުރާ ދާއިރާތަކުން ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފަ އެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ފޮނަދޫއަށް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. އެމަނިކުފާނު ފޮނަދޫއަށް ވަޑައިގެންފައިވަނީ އެޕާޓީ އިން އެދާއިރާއަށް ކުރިމަތިލާފައިވާ ފާތިމަތު ޒައީމާގެ ކެމްޕެއިނަށް ކަމަށް އެ ޕާޓީގެ ބައެއް އޮފިޝަލުން ވިދާޅުވި އެވެ. ީ
ގާސިމް ފޮނަދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ޖޭޕީގެ އެދާއިރާގެ ކެނޑިޑޭޓް ޒައީމާއާ އެޕާޓީގެ މެންބަރުންގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުންވެސް ތިއްބެވެ. އޭގެ ތެރޭގައި އަދުރޭވެސް ހުންނެވި އެވެ.
ޖޭޕީގެ ކެނޑިޑޭޓްގެ ކެމްޕެއިނަށް ގާސިމް ފޮނަދޫއަށް ވަޑައިގެންނެވި ކަމަށް ބުނި ނަމަވެސް، އަދުރޭ އަށް ކެމްޕެއިން ކުރުމަށް ގާސިމް ބައިވެރިވެވަޑައިގެންނެވި ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އަދި އަދުރޭ އާއި ގާސިމް އެއް ކާރެއްގައި ދަތުރު ކުރައްވާ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
ޕީޕީއެމް އަދި ޕީއެންސީގެ ކެނޑިޑޭޓުންނަށް ގާސިމް ތާއީދު ކުރަން ނިންމާފައިވާއިރު، އެޕާޓީގެ ވަޒީރުން ވަނީ ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެންވަޔަރުމަންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ސަރުކާރު ކެނޑިޑޭޓުން ނޫން އިތުރު ބަޔަކަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މިނިސްޓަރުންނާއި ނައިބް ރައީސް ފައިސަލް އަންނަނީ އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންގެ ކެމްޕެއިން ތަކުގައިވެސް ބައިވެރިވަމުންނެވެ.