ހަބަރު

ސަރުކާރުން ފޮނުވި 23 ބިލުން ފާސްކޮށްދިނީ އެންމެ އަށް ބިލް: ރައީސް

ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު މަޖިލީހަށް ފޮނުވި 23 ބިލްގެ ތެރެއިން ފާސްކޮށްފައިވަނީ އެންމެ އަށް ބިލް ކަމަށާއި އެއީ އުންމީދު ކުރި މިންވަރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން މަޖިލިސް ކެމްޕެއިން ނިންމުމަށް ސިނަމާލެ ބްރިޖާއި އިންވެގެން އޮންނަ ހުސް ބިމުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރު ފެށިފައިގެން އައީ ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކާއި ވަރަށް ގިނަ ކަންކަން ހައްލުކޮށްދޭނެކަމުގެ އުންމީދާއެކު ކަމަށެވެ.

ވެރިކަމަށް އައީ އިންގިލާބު ގެންނާނެ ބޮޑެތި ބަދަލުތަކާއިއެކު ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. އެކަންކަން ކުރެވެން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށާއި އެޖެންޑާ 19 އަކީ އެފަދަ ބަދަލުތައް ގެނެސްދޭނެ ގާނޫނީ އޮނިގަނޑު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ލިބޭ ހައްގުތައް ކަށަވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުރިހަމަވާން ޖެހޭ ކަމަށެވެ. އެއީ ނުފޫޒުން އެއްކިބާވެފައިވާ ކިލަނބުކަމެއްނެތް މަޒާހަތްތެރި، ރައްޔިތުންގެ، ރައްޔިތުން މަޖިލީހަކަށް ވާންޖެހޭ ކަމަށެވެ.

"ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު މިއަދާ ހަމައަށް ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު 23 ބިލެއް ފޮނުވައިފިން، މިއިން މިހާރަނަށް މަޖިލީހުން ފާސްކޮށްފައިވަނީ އެންމެ އަށް ބިލް، މިއީ އަޅުގަނޑު އުންމީދު ކުރި މިންވަރެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުތަކަކީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުން ކަމަށާއި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދައި ދިނުމަށް ކަމަށެވެ. އަދި ގޮތް ނޭންގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިއަށް ދިއުމަށްޓަކައި މިކަންކަން ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް، މި މުހިންމު ވައުދުތައް ފުއްދުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަންތައް އުފައްދައި އެކޮމިޝަން ތަކަށް ބޭނުންވާ ބާރުތައް ދިނުމަށްވެސް މަޖިލީހަށް ފޮނުވިން، އެހެން ނަމަވެސް މި ބިލްތައް މިއަދާ ހަމައަށްވެސް ފާސްކޮށްފައިނުވާކަމީ އަޅުގަނޑަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް،"

ރައީސް ވިދާޅުވީ، އެކޮމިޝަންތައް އެކުލަވާލައި މަޖިލީހަށް ފޮނުވަން ޖެހުނީ ރާއްޖޭގެ މިއަދު ހާލަތައް ރިއާޔަތްކޮށްފައި ކަމަށެވެ. ތަހުގީގީ މުއައްސަސާތައް ފާއިތުވި އަހަރުތަކުގައި ސިޔާސީވެ، ރައްޔިތުން އެތަންތަނަށްކުރާ އިތުބާރު ކުޑަވުމުން ކަމަށެވެ.

"މިކަންކަމުން ދޭހަވަނީ މަޖިލީހުގައި ނަމެއްގައި މެޖޯރިޓީ އޮތް ނަމަވެސް އަޅުގަނޑުމެންވީ ވައުދުތައް ފުއްދުމަށް ދަތިތަކާއި ކުރިމަތިވެފަވަނީ، އެހެން ކަމުން ހަމަ ގައިމުވެސް އަޅުގަނޑު އެދެނީ ކުރިއަށް އޮތްތަނުގައި މަޖިލީހުގައި ތިބެންވާނީ މި ސިޔާސަތުތައް ދަންނަ ހިތުގެ އަޑިން ސިޔާސަތުތައް ގަބޫލު ކުރައްވާ ބޭފުޅުން ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަކީ އެމަނިކުފާނުގެ ވައުދުތަކަށް ތާއީދު ކުރައްވާނެ ބޭފުޅުން ކަމަށެވެ. އަދި ތިލަފަތަށް ވޯޓް ދެއްވުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.