ދުނިޔެ

ޔޫރަޕްގެ ހަރުކަށިކަންމަތީ ގްރީސް ކުޑަކަކޫ ޖަހައިފި

Jul 11, 2015

އިގްތިސާދީ މައްސަލަތަކެއްގެ ތެރޭގައި އޮތް ގްރީސް އަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ޔޫރަޕުން ކުރިމަތިކުރަމުންދާ ހަރުކަށި ޝަރުތުތަކަށް އެންމެ ފަހުން އެއްބަސްވެ، ތިން ވަނަ ބެއިލްއައުޓް ޕްރޮގްރާމަކަށް ގްރީސް ސަރުކާރުން އެދުނު އެދުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ތާއީދުކޮށްފި އެވެ.

ޔޫރަޕްގެ ބާރުތަކާއި ގްރީސްއާ ދެމެދު މަައްސަލަ ޖެހި، ގްރީސް ދަރަނިވެރިވީ ގްރީސް އަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ޔޫރަޕުން ހަރުކަށި ގިނަ ޝަރުތުތަކެއް ހުށަހެޅުމުންނެވެ. އޭގެ ތެރޭގައި ޓެކްސްގެ މިންވަރު އިތުރުކުރުމާއި ޕެންޝަން އުނިކުރުން ފަދަ އާއްމުންނާ ގުޅުންހުރި ގިނަ ކަންކަން ހިމެނެ އެވެ. އެ ކަންތައްތައް ހިމެނޭ އެހީގެ ޕްރޮގްރާމަކަށް ގްރީސްގެ ރައްޔިތުން ވެސް ވަނީ މިިދޔަ ހަފުތާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ދެކޮޅު ހަދާފަ އެވެ.

އެކަމަކު، މި ވޯޓާ ގުޅިގެން، ގްރީސްގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އަދި އެ ގައުމުގެ ބޭންކުތައް ބަންދުކުރަން ޖެހި، ގައުމު ބަނގުރޫޓުވުމުގެ ބިރު އުފެދުމުގެ އިތުރަށް، ޔޫރޯޒޯނުން ވަކިވުމުގެ ފުރުސަތު ވެސް އޮތީ ވަރަަށް ބޮޑުވެފަ އެވެ.

މި ހުށަހެޅުންތަކަށް ގްރީސްގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 300 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ތާއީދުކުރެއްވި އެވެ. އެކަމަކު، ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުން ވޯޓުގައި ބައިވެރި ނުވުމުގެ އިތުރަށް، ހުށަހެޅުންތަކަށް ދެކޮޅު ހެއްދެވި އެވެ.

ގާނޫނު ހަދާ މަޖިލީހުގައިި ރޭ ދަންވަރުން ފެށިގެން އޮތް ބަހުސްގައި، ބޮޑުވަޒީރު އެލެކްސިސް ސާޕާސް ވިދާޅުވީ ސަރުކާރުގެ ހުށަހެޅުމުގައި ގިނަ ކަންތައްތައް އޭނާގެ ޕާޓީގެ ގަބޫލުކުރުންތަކާއި އިންތިހާބީ ވައުދުތަކާ ދިމާ އިދިކޮޅު ކަމަށެވެ. އެކަމަކު، "ރައްޔިތުންގެ ދިރިތިބުމާއި ޔޫރޯޒޯންގައި ދެމި އޮތުން" އެ އަށް ވުރެ މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ގްރީސްގެ ހުށަހެޅުން ދިރާސާ ކުރުމަށް ޔޫރޯޒޯންގެ މާލީ ވަޒީރުން މިއަދުބައްދަލުކުރައްވާނެ އެވެ. އޭގެ ފަހުން ޔޫރޯޒޯންގެ ގައުމުތަކުގެ އެންމެ އިސް ވެރިން ވެސް މިއަދު ބައްދަލުކުރައްވައި އެ ހުށަހެޅުން ދިރާސާ ކުރާނެ އެވެ. އަދި ގޮތެއް ނިންމުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހުރިހާ ގައުމުތަކެއްގެ ވެރިން ވެސް މާދަމާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

ގްރީސް އަށް ކުރިން ދެމުން ގެންދިޔަ އެހީގެ ޕްރޮގްރާމާ މެދު މިދިޔަ ހަފުތާގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައި ވަނީ ގްރީސް ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ވަނިކޮށެވެ. އަދި އެ ކަމުގެ އަސަރު އާއްމު ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާ އަށް ކުރަން ފަށާފައި ވެސް ވަނިކޮށެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީން) ވެސް ވަނީ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ. އަދި އެ ނިންމުން މުރާޖައާ ނުކުރަން، ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު އެ ބޭންކުގެ ވެރިން ބޭއްވެވި ބައްދަލުކުރައްވައި ވަނީ ނިންމަވާފަ އެވެ.

އިމަޖެންސީ ފައިސާގެ ގޮތުގައި ގްރީސްގެ ބޭންކުތައް ދޫކުރަން އީސީބީން ކަނޑައަޅާފައި އޮތީ ޖުމްލަ 89 ބިލިއަން ޔޫރޯ އެވެ. އެކި ފަހަރު މަތިން އެ އަދަދު ދޫކުރަމުން ދާއިރު، މިހާރު ބާކީ އޮތް މިންވަރެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބާކީ އޮތް މިންވަރު ހަމަވުމުން ދެން ގްރީސްގެ ބޭންކުތަކަށް އީސީބީން ފައިސާއެއް ނުދޭނެ އެވެ.

ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން ތޮއްޖެހިފައިވާ ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ގޮސްފައިވަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ. އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

މީގެ އިތުރުން، އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ފުރަތަމަ ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެވެ.

ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ފަހު ބޭންކުތައް އަލުން ހުޅުވަން ނިންމާފައި އޮތަސް، އެކަން ކޮށްފައެއް ނުވެ އެވެ. އެއީ އީސީބީން އެހީ ދޭން އަލުން ފަށަން އެއްބަސް ނުވުމުންނެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕިއަން ކޮމިޝަނާއި އައިއެމްއެފް އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. އީޔޫ މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވުމުގެ އިތުރަށް، އައިއެމްއެފް އަށް ދަރާފައި ވާއިރު، ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަ ފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.