ހަބަރު

މި އިންތިހާބަކީ އެންމެނަށް ހަމަހަމަ ފުރުސަތުދިން އިންތިހާބު: ރައީސް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި، ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއި މިނިވަންކަމާއެކު ކެމްޕެއިން ކުރުމަށް ފުރުސަތުދީގެން ބާއްވާ ފުރަތަމަ އިންތިހާބު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން މަޖިލިސް ކެމްޕެއިން ނިންމުމަށް ސިނަމާލެ ބްރިޖާއި އިންވެގެން އޮންނަ ހުސް ބިމުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ، ރިޔާސީ އިންހާބާއި ހަމައަށް ވާސިލްވި ގޮތާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އެދުވަހުގެ އިންތިހާބާއި ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ކަންކަން ފެނިގެންދާގޮތް ވަރަށްވެސް ތަފާތު ކަމަށް ރައީސް ވިދާޅުވި އެވެ.

"އެތަފާތުތަކަކީ މިނިވަންކަމާއެކު ވާދަވެރި ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް ލިބިގެން ގޮސްފައިވާކަން، ތަފާތަކީ ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން އިދިކޮޅު އެއްވެސް ކެނޑިޑޭޓަކަށް ބިރުދައްކާފައިނުވާނެކަން، ތަފާތަކީ އަޅުގަނޑު ވަޑައިގެންނެވި ކޮންމެ ރަށެއްގައިވެސް ހުރިހާ ކެނޑިޑޭޓުންގެ ޕޯސްޓަރުތައްވެސް ފެންނަ ގޮތުން ހުރިކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކަން އޮތީ އެހެނެއް ނޫން ކަމަށާއި އެދުވަހު ވާދަވެރި ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތެއްނެތް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ކުރަމުން ދިޔައީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށް ފުލުހުންނާއި ސިފައިން ވަދެގަންނާނެ ކަމުގެ ބިރާއެކު ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަންގެ މައްޗަށް އޮތީ ނުފޫޒާއި ބިރުދެއްކުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބަކީ މިވީ ހަތް އަހަރު ތެރޭ ހުރިހާ ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއި ހަމަހަމަކަމާއެކު ކެމްޕެއިން ކުރުމަށް ލިބުނު ފުރަތަމަ ފުރުސަތު، މިފުރުސަތު ލިބުނީ ތިޔަ އެންމެ ލިބުވެތި ރައްޔިތުންގެ މަސައްކަތުން، މިވީ ހަތް އަހަރު ކަން ހިނގާދިޔަ ގޮތާމެދު ރާއްޖެ އޮތީ، ބިރުވެރިކަމެއްގެ ތެރޭގައި،"

ރައީސް ވިދާޅުވީ، މި ސަރުކާރު ވެގެންދާނީ ހުރިހާ ދާއިރާއަކުންވެސް ރާއްޖެއަށް ތަރައްގީ ގެނެސްދޭނެ ސަރުކާރަކަށް ކަމަށާއި ރައްޔިތުންނަށް އިންސާފުވެރި ހެޔޮވެރިކަމެއް ކޮށްދެއްވާނެ ސަރުކާރަކަށް ކަމަށެވެ. މިއަދު ކުރާ މަސައްކަތަކީ އެންމެހާ ކަންތައްތައް ގާނޫނީ އިމުގެ ތެރެއަށް ގެނެސް ހުރިހާ ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކަށަވަރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަންނަ ހޮނިހިރު ދުވަހު ލިބިގެން މިދަނީ އަނެއްކާވެސް ވަރަށް މުހިންމު ފުރުސަތެއް، ރައްޔިތުން ތިއެދޭފަދަ ބަދަލުތައް ގެނައުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ހެޔޮ ހިތުން ތާއީދުކުރާ އެކަންކަން ބަލައިގަންނަން މިތިއްބެވި މެންބަރުން މަޖިލީހަށް އިންތިހާބުކުރަންޖެހޭ، ފައިސާ އާއި ނުފޫޒަށް ނުގުޑާނެ މެންބަރުން އިންތިހާބު ކުރަންޖެހޭ، މަދުބައެއްގެ މަސްލަހަތަށްޓަކައި ރިޔާސީ ނިޒާމް ގަޑުބަޑު ނުކުރާ މެންބަރުން އިންތިހާބުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ކިބައިން އެދޭ ކަމަކީ ސަރުކާރަށް ބޮޑުތަނުން މެޖޯރިޓީ ދިނުން ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ސާބިތުވި ކަމަކީ ރައްޔިތުން ތިބީ ސަރުކާރަށް މި އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކެއްމަދުވެފައިކަން ސާބިތުވެއްޖެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި އެންމެންގެ ވޯޓް ތިލަފަތަށް ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައި ވެއެވެ.