ހަބަރު

މެޖޯރިޓީ ނުލިބިއްޖެނަމަ ރައްޔިތުންގެ ބާރުވެރިކަން ގެއްލިދާނެ: ނަޝީދު

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ރައްޔިތުންގެ ބާރުވެރިކަން ގެއްލިގެން ހިނގައިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން މަޖިލިސް ކެމްޕެއިން ނިންމުމަށް ސިނަމާލެ ބްރިޖާއި އިންވެގެން އޮންނަ ހުސް ބިމުގައި މިހާރު ކުރިއަށް ގެންދިޔަ ޖަލްސާގައި ނަޝީދު ވިދާޅުވީ، އެޖެންޑާ 19 ހުށަހަޅާދެނީ ރައްޔިތުންގެ މިއަދުގެ ހާލަތު ކަމަށާއި ދުވަހަކުވެސް ފެނިފައިނުވާ މިންވަރަށް ކުރިއަރައިގެންދާ މަންޒަރު ކަމަށެވެ.

އެމްޑީޕީ އިން ހުށަހަޅައިދެނީ އެޖެންޑާ 19 ކަމަށާއި އެޖެންޑާ 19 އިން ރައްޔިތުންނަށް ގެނެސްދޭނީ ތަނަވަސް ދިރިއުޅުމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ އަގްލަބިއްޔަތު އަޅުގަނޑުމެންނަށް ނުލިބިއްޖެނަމަ، ތިބޭފުޅުންނަށް އިނގިވަޑައިގަންނަވާނެ ވެގެންދާނެ ގޮތް، މުސްތަގިއްލު މުއައްސަސާތަކުން ސަރުކާރުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެންދާނެ، ފުލުހުންނާއި ސިފައިން ސަރުކާރުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެންދާނެ، ޝަރީއަތުން އިއްވާ ހުކުމްތައް ސިޔާސީ ކުލަ ޖެހިގެންދާނެ، ރިޝްވަތުގެ ހުތުރުފައިސާއާއެކީގައި ވެރިކަން ބަޣާވާތުން ބަދަލުވެގެންދާނެ، ތިބޭފުޅުންގެ ބާރުވެރިކަން ގެއްލިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އަމަލުކުރަން ނިންމަވާފައިވާ ގޮތަކީ އެމްޑީޕީއަށް ތަނަވަސް އަގުލަބިއްޔަތެއް ދިނުމަށްކަމަށް އެއްވެސް ޝައްކެއް ގޮތުގައި ޔަގީން ކުރައްވާ ކަމަށެވެ.

"އެގޮތް ތިބޭފުޅުން ހޯއްދަވާނެ މާފަހުން، މިއަދުގައި ތިބޭފުޅުން ތި ނިންމެވި ނިންމެވުން އެއީ ހަގީގަތުގައި ދިވެހިންގެ އާންމު ހާލަތު ބަދަލު ކުރުމަށް ތިބޭފުޅުން ނިންމެވި ނިންމެވުންކަން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ މެންބަރުން ވާންޖެހޭނީ ނަޒާހަތްތެރި ބަޔަކަށް ކަމަށާއި އެމެންބަރުންނަކީ ވައްކަމާއި ނާޖާއިޒް ފައިދާ ނަގާ މެންބަރުންނަށް ވެގެން ނުވާނެ ކަމަށެވެ. އެޖެންޑާ 19 އިން އެފަދަ ނަޒާހަތްތެރި މެންބަރުން ގެނެސްދޭނެ ކަމަށާއި އެމްޑީޕީގެ މިސްރާބު ހުރީ ރައްޔިތުން އުންމީދުކުރާ ރާއްޖެ މިލް ކޮށްދިނުމަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެޖެންޑާ 19 އަކީ ރާއްޖޭގޭ ހާލަތު މުޅިން ރަނގަޅު ކޮށްދޭނެ އެޖެންޑާއެއް ކަމަށާއި ހުށަހަޅަނީ މެދު އާންމުދަނީގެ ގައުމަކުން ތަރައްގީވެފައިވާ ގައުމަކަށް ބަދަލު ކުރެވޭނެ އެޖެންޑާއެއް ކަމަށެވެ.

"އަޅުގަނޑުމެން ތިބޭފުޅުންނަށް މި ހުށަހަޅަނީ ބޯހިޔާވަހިކަން، އަޅުގަނޑުމެން ތިބޭފުޅުންނަށް މި ހުށަހަޅަނީ ވަޒީފާއެއްގެ ފުރުސަތު، މަތީތައުލީމު، އަޅުގަނޑުމެން ތިބޭފުޅުންނަށް މި ހުށަހަޅަނީ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް، އަޅުގަނޑުމެން މި ހުށަހަޅަނީ ހަމަޖެހޭ ދިރިއުޅުމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެޖެންޑާ 19 އިން ހުށަހަޅަނީ ހަމަޖެހޭ ދިރިއުޅުމެއްގެ ތަރަހަކަމަށެވެ. ހުށަހަޅަނީ ޖުމްލަ ހައްލެ ކަމަށާއި އާންމު ހާލަތު ބަދަލުވެގެންދާނެ ގޮތެއް ކަމަށެވެ. އަދި މިއަދަށްވުރެ މާރަނގަޅު ދިރިއުޅުމެއް ހޯއްދެވޭނޭ ދުވަސްތަކަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.