ދުނިޔެ

މިސްކިތް ހަމަލާދިން މީހާ ސިކުނޑި ހަމަޖެހޭތޯ ބަލަނީ

Apr 6, 2019

ކްރައިސްޓްޗާޗު (އޭޕްރީލް 6) - ނިއުޒީލެންޑުގެ ކްރައިސްޓްޗާޗުގައި ހުރި ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި މީހާގެ ސިކުނޑި ހަމަޖެހޭތޯ ބެލުމަށް ޓެސްޓުތަކެއް ހެދުމަށް ކޯޓުން އަންގައިފި އެވެ.

އެ ގައުމުގެ ހައި ކޯޓުން ބުނީ، އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓަށް ޝަރީއަތް ހިންގުމަށް އޭނާގެ ސިކުނޑީގެ އެއްވެސް އުނިކަމެއް ހުރިތޯ ބެލުމަށް ދާއިރާގެ ތަޖުރިބާކާރުން ޓެސްޓުތަކެއް ހަދާނެ ކަމަށެވެ.

އޭނާއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ 50 ދައުވާގެ އިތުރުން، މީހަކު މަރާލަން އުޅުމުކުގެ 39 ދައުވާ އުފުލައިފަ އެވެ.

އެ އަޑުއެހުމަށް ޓަރަންޓް ހާޒިރުކޮށްފައެއް ނުވެ އެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށެވެ.

ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުކުރިއިރު، ބްރެންޓަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އެ އަޑުއެހުމުގައި، ޖޫން 14 އާ ހަމައަށް ޓަރަންޓްގެ ބަންދުގެ މުއްދަތު އިތުރުކުރަންވެސް ކޯޓުން ވަނީ ހުއްދަދީފަ އެވެ.