ހަބަރު

އިންތިހާބު ކުރިއަށްދަނީ ހާމަކަމާއި އޮމާންކަމާއެކު: ޓްރާންސްޕޭރެންސީ

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ދަނީ ރަނގަޅު އިދާރީ އިންތިޒާމްތަކާއިއެކު ހާމަކަމާއި އޮމާންކަމާއެކު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ޕްރޮގްރާމްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ، މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 350 އެއްހާ އޮބްޒާވަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"އިންތިހާބުގެ ވޯޓުލުން ފެށިގެން ގޮސްފައިވަނީ ޖުމްލަކޮށް ރަނގަޅު އިދާރީ އިންތިޒާމްތަކާއި އެކު ހާމަކަމާއި އޮމާންކަމާއެކުގައެވެ. ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން %76 މަރުކަޒުތައް ހެނދުނު 8:10 ގެ ކުރިން ހުޅުވިފައިވޭ، އަދި %99 ވޯޓުލާ މަރުކަޒުތައް ހެނދުނު 9:00 ގެ ކުރިން ހުޅުވިފައިވޭ،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ، ވޯޓުލާން ފެށުނުއިރު، ޖުމްލަކޮށް ހުރިހާ މަރުކަޒުތަކުގައި އޮފިޝަލުން ހަމަޔަށް ތިބި ކަމަށާއި 99 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ބޭނުންވާ ތަކެތި ހަމައަށް ހުރި ކަމަށސެވެ. އަދި 99 ޕަސެންޓް ވޯޓުކަރުދާސް ވޯޓުލާން ފެށުމުގެ ކުރިން ގުނާ ހަމަކުރި ކަމަށާއި ވޯޓުލުން ފެށުމުގެ ކުރިން 99 ޕަސެންޓް ފޮށީގެ އެތެރެ ހުސްކަން ޗެކްކޮށް ދައްކާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ވޯޓުލުން ފެށުނުއިރު ގިނަ ވޯޓް ފޮށިތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރޭ، އޭގޮތުން އެމްޑީޕީގެ %78 އޮބްޒާވަރުން ވޯޓުލާ މަރުކަޒުގައި ތިބި، ޕީޕީއެމްގެ %33 އޮބްޒާވަރުން އަދި ޖުމްހޫރީ ޕާޓީގެ %24 އޮބްޒާވަރުން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަމުންދޭ،"

އޭނާ ވިދާޅުވީ، ވޯޓުލާން ފެށުނުއިރު، 81 ޕަސެންޓް މަރުކަޒުތަކުގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަކަމަށެވެ. އަދި ވޯޓުލުމަށް ބެހެއްޓިފައިވާ ފޮށިތަކުގެ ތެރެއިން 99 ޕަސެންޓް ފޮށިތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށްވެސް ތޮލާލް ވިދާޅުވި އެވެ.

ތޮލާލް އިތުރަށް ވިދާޅުވީ، ވޯޓުލުން ކުރިޔަށް ދާއިރު އަދި އޭގެ ފަހުންވެސް ސުލްހަވެރިކަމާއެކު ހަމަޖެހުން ގާއިމްކުރެވިފައި ބޭއްވުމަށް ކަމުގާޅުން ފަރާތްތަކަށް ކުރާ އިލްތިމާސްކުރާ ކަމަށެވެ. އަދި އުންމީދު ކުރަނީ ވީހާވެސް ގިނަ ރައްޔިތުން ވޯޓުލުމަށް ވަޑައިގަތުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.