ހަބަރު

އަދުރޭގެ ދެބަފައިންނަށް ވެސް ނާކާމިޔާބު

މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) އަދި އޭނާގެ ދަރިކަލުން، އިބްރާހިމް ފައިސަލް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.

އަދުރޭ މިފަހަރުވެސް ކުރިމަތިއްލެއްވީ ފޮނަދޫ ދާއިރާއަށެވެ. އަދުރޭގެ މައްޗަށް ކުރިހޯދައި އެގޮނޑި މިފަހަރު ކާމިޔާބް ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ.

ދެން ފޮނަދޫ ދާއިރާއަށް ވާދަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ކެނޑިޑޭޓް ފާތިމަތު ޒައީމާއަ އާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ތާއީދާއެކު އަމިއްލަ ގޮތުން ކުރިމަތިލެއްވި އަބްދުﷲ ކަމާލުއްދީނެވެ. އަދި އަމިއްލަ ދެ ކެންޑިޑޭޓުން ކަމަށްވާ މުހައްމަދު ނާއިފާއި މުހައްމަދު ވަހީދު ވެސް ވާދަ ކުރި އެވެ. ފޮނަދޫ ދާއިރާއަށް ވޯޓްލުމުގެ ހައްގު 2837 މީހުނަށް ލިބިފައިވެ އެވެ.

މަޖިލީހަށް މިފަހަރު އަލަށް ކުރިމަތިލެއްވި އަދުރޭގެ ދަރިކަލުން ފައިސަލް ވަނީ ހުޅުމާލެ ގޮނޑި ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ. ހުޅުމާލެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީއިން ކުރިމަތިލި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒެވެ.

ހުޅުމާލެ ދާއިރާއަށް ހަތް ބޭފުޅުން ކުރިމަތިލެއްވިއިރު، އޭގެ ތެރޭގައި އަމިއްލަ ގޮތުން ކުރިމަތިލެއްވި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ހިމެނެ އެވެ.

އަމިއްލަ ގޮތުން އިތުރަށް ކުރިމަތިލެއްވި ހަސަން ޝަހީދާއި، ގާނިމް މުހައްމަދު ވާދަ ކުރި އެވެ. އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބާ ޕާޓީ) އިން އިބްރާހިމް ހަލީލް އަބުދުﷲ ކުރިމަތިލި އެވެ. ހުޅުމާލެ ދާއިރާއަށް ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 3093 އެވެ.