ހަބަރު

ފޮނަދޫ ދާއިރާގެ ވޯޓު އަލުން ގުނަން އެދެފި

Apr 10, 2019
4

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލ. ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކެއް އަލުން ގުނައިދޭން އެދި އިލެކްޝަންސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅަފި އެވެ.

ނަމަވެސް، އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލާގައި އެދިފައިވަނީ އެ ދާއިރާގެ ހުރިހާ ވޯޓު ފޮށިތަކެއް ކަމެއް ނުވަތަ ވަކި ފޮށިތަކެއް ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

އެ ދާއިރާއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ގެމައްޗަށް ކުރި ހޯދައި އެ ގޮނޑި މިފަހަރު ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އަދުރޭގެ މައްޗަށް ސިރާޖު ކުރި ހޯއްދަވާފައިވަނީ އެންމެ ހަ ވޯޓުގެ ތަފާތުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި އެ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނައިދޭން އެދިފައިވަނީ އަދުރޭއަށް ތާއީދުކުރާ ފަރާތަކުންނެވެ.

ނަމަވެސް، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެފަދަ ޝަކުވާއެއް ހުށަހެޅި ކަމުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

ދެން ފޮނަދޫ ދާއިރާއަށް ވާދަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ކެނޑިޑޭޓް ފާތިމަތު ޒައީމާއަ އާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ތާއީދާއެކު އަމިއްލަ ގޮތުން ކުރިމަތިލެއްވި އަބްދުﷲ ކަމާލުއްދީނެވެ. އަދި އަމިއްލަ ދެ ކެންޑިޑޭޓުން ކަމަށްވާ މުހައްމަދު ނާއިފާއި މުހައްމަދު ވަހީދު ވެސް ވާދަ ކުރި އެވެ. ފޮނަދޫ ދާއިރާއަށް ވޯޓްލުމުގެ ހައްގު 2837 މީހުނަށް ލިބިފައިވެ އެވެ.

އެފަދަ ޝަކުވާއަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ މާވަށު ދާއިރާގެ ހަތަރު ވޯޓު ފޮއްޓެއް އަލުން ގުނައިފަ އެވެ. އޭގެ އިތުރުން، މާމިގިލީގައި ބެހެއްޓި ތިން ވޯޓު ފޮށީގެ ބާތިލް ވޯޓު ވެސް ވަނީ ގުނައިފަ އެވެ. ނަމަވެސް، އެ ދާއިރާގެ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.