ހަބަރު

ވޯޓު ގުނި ވަރަކަށް އަދުރޭ ވާނީ ފަލީހަތް: ސިރާޖު

ކިތަންމެ ވަރަކަށް ވޯޓު ގުނިޔަސް ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށާއި ފޮނަދޫ ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށް އެ ދާއިރާއަށް އިންތިހާބުވެފައިވާ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ސިރާޖު މިހެން ވިދާޅުވީ އެ ދާއިރާގެ މިހާރުގެ މެންބަރު އަދި ވާދަވެރި ކެންޑިޑޭޓް އަބްދުލްރަހީމް އަބްދުﷲއަށް ރައްދު ދެއްވުމަށެވެ. އަބްދުލްރަހީމް މިއަދު ވަނީ ފޮނަދޫ ދާއިރާގެ ހުރިހާ ފޮއްޓެއް އަލުން ގުނައިފިނަމަ، އޭނާއަށް ގޮނޑި ޔަގީންވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް ފާޑުވިދާޅުވެ، ސިރާޖު ވިދާޅުވީ ވޯޓު އަލުން ގުނައިގެން ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް ވޯޓު ގުނި ވަރަކަށް އަބްދުލްރަހީމް ވާނީ އިތުރަށް ފަލީހަތް ކަމަށް ސިރާޖު ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ ގޮނޑި ގާނޫނީ ވަކީލް މޫސާ ސިރާޖު ކާމިޔާބު ކުރެއްވީ 1007 ވޯޓުންނެެވެ. އަބްދުލްރަހީމަށް ލިބުނީ 963 ވޯޓެވެ. އެހެންވެ އެ ދެ ބޭފުޅުންގެ ދެމެދު 44 ވޯޓުގެ ފަރަގެއްވެ އެވެ.

އަބްދުއްރަހީމް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފޮނަދޫ ދާއިރާގެ އެއް ފޮށީގެ ބާތިލް ވޯޓު އަލުން ގުނަން ވެސް ގުނި އެވެ. ނަމަވެސް އެ ފޮށީގެ ވޯޓަށް އެއްވެސް ބަދަލެއް ނަ އެވެ. އަދުރޭ އެދުނީ ހުރިހާ ފޮއްޓެއް އަލުން ގުނުމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ނިންމީ ދެން ހުރި ފޮށިތަކުގައި ބާތިލް ވޯޓު މަދުވެ، އަދި އޭގެން ނަތީޖާއަށް ބަލަދެއް އަންނަ ވަރުގެ އަދަދެއް ނެތުމުން އިތުރަށް ނުގުނާށެވެ.