ހަބަރު

ވޯޓު ފޮށި އަލުން ގުނާ، އަޅުގަނޑު އިންނާނީ ގޮނޑީގަ: އަދުރޭ

ފޮނަދޫ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނައިފިނަމަ، އަންނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އޭނާ އިންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ، އަދުރޭ މިއަދު ވިދާޅުވެއްޖެ އެވެ.

ފޮނަދޫ ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ. އޭނާއަށް 1007 ވޯޓު ލިބުނެވެ. އަދުރޭއަށް ލިބުނީ 963 ވޯޓެވެ. އެހެންވެ އެ ދެ ބޭފުޅުންގެ ދެމެދު 44 ވޯޓުގެ ފަރަގެއްވެ އެވެ.

އަދުރޭ ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފޮނަދޫ ދާއިރާގެ އެއް ފޮށީގެ ބާތިލް ވޯޓު އަލުން ގުނަން ވެސް ގުނި އެވެ. ނަމަވެސް އެ ފޮށީގެ ވޯޓަށް އެއްވެސް ބަދަލެއް ނަ އެވެ. އަދުރޭ އެދުނީ ހުރިހާ ފޮއްޓެއް އަލުން ގުނުމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ނިންމީ ދެން ހުރި ފޮށިތަކުގައި ބާތިލް ވޯޓު މަދުވެ، އަދި އޭގެން ނަތީޖާއަށް ބަލަދެއް އަންނަ ވަރުގެ އަދަދެއް ނެތުމުން އިތުރަށް ނުގުނާށެވެ.

މިއަދު ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ނިމިގެންދިޔަ އިންތިހާބަކީ ވަރަށް ބޮޑެތި އޮޅުވާލުންތަކެއް ހުރި އިންތިހާބެއް ކަމަށެވެ. އިންތިހާބުގައި މަކަރާއި ހީލަތް ނުހެދިނަމަ އޭނާއަށް ކާމިޔާބުވީސް ކަމަށެވެ.

"99 ފޮށީގެ ވޯޓު އަލުން ރަނގަޅަށް ގުނާށޭ، އަޅުގަނޑު އިންނާނީ ގޮނޑީގައޭ، އެކަމަކު އިލެކްޝަން ކޮމިޝަނަކަށް ނުކުރޭނެ ގުނާކަށް، އަޅުގަނޑަށް ޔަގީންކަން އޮތީމަ މި ބުނަނީ ނުކުރޭނެ ގުނާކަށް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ވޯޓު ފޮށިތައް އަލުން ގުނައިދިނީ އެމްޑީޕީއިން އެދުނު ގޮތަށް ކަމަށެވެ. ޕީޕީއެމްއިން ނޫނީ ޕީއެންސީއިން އެދުމުން އަލުން ގުނައިދީފައިނުވާ ކަމަށެވެ. އެގޮތުން ފޮނަދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާ އަދި ބާރަށު ދާއިރާގެ ވޯޓު ގުނައިދިނުމަށް އެދުމުން އެކަން ނުކުރި ކަމަށެވެ. ނަމަވެސް އެމްޑީޕީއިން މާވަށު ދާއިރާ އާއި މާމިނގިލި ދާއިރާގެ ފޮށިތައް ގުނައިދޭން އެދުމުން އެކަން ވަރަށް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެމްޑީޕީއިން އިންތިހާބުގައި ކުރި ހޯދީ ދައުލަތުގެ ވަސީލަތްތަކާއި ނާޖައިޒު ބާރުގެ ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވަޒީފާގެ ބިރު ވެސް އިންތިހާއަށް މި ސަރުކާރުން ދެއްކި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.