ހަބަރު

ފޮނަދޫ ދާއިރާގެ ވޯޓު ގުނަން އަނެއްކާވެސް އެދެނީ

ފޮނަދޫ ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނަން އެދެން ޕީއެންސީއިން ނިންމާފައިވާ ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ޕީއެންސީއިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން މިރޭ ވެސް ވަނީ ފޮނަދޫ ދާއިރާގެ އެއް ފޮށީގެ ބާތިލް ވޯޓު ގުނާފަ އެވެ. އެ ފޮށީގައި ބާތިލް 13 ވޯޓު ހިމެނޭއިރު މިރޭ އިލެކްޝަން ކޮމިޝަނުން އަލުން ބެލުމުން ވެސް އޭގެ ތެރޭގައި ސައްހަ ވޯޓެއް ނެތެވެ.

ދެން ހުރި ފޮށިތަކުގައި ބާތިލް ވޯޓު ހުރީ އެއަށްވުރެ މަދުން ކަމަށްވާތީ އިލެކްޝަން ކޮމިޝަނުން ނިންމީ އެ ވޯޓުތައް އަލުން ނުގުނާށެވެ. ނަމަވެސް ޕީއެންސީއިން އެދިފައިވަނީ ހުރިހާ ފޮއްޓެއްގެ ވޯޓު ގުނުމަށެވެ.

އެ ޕާޓީގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ސެކިއުރިޓީ އުރަ ކަނޑާފައިވަނީ އެ ޕާޓީގެ ކެންޑިޑޭޓް އަބްދުއްރަހީމް އަބްދުﷲގެ މަންދޫބުން ނެތީސް ކަމަށެވެ. އަދި އެ ޕާޓީއިން މިރޭ ވެސް ހުރިހާ ފޮއްޓެއް ގުނައިދިނުމަށް އެދުން ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކޮށްދީފައިނުވާ ކަމަށެވެ.

އެހެންވެ، މާދަމާ އަނެއްކާވެސް ފޮނަދޫ ދާއިރާގެ ހުރިހާ ފޮއްޓެއްގެ ވޯޓު އަލުން ގުނަން ޕީއެންސީއިން ހުށަހަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ. އޭނާއަށް 1007 ވޯޓު ލިބުނެވެ. އަދުރޭއަށް ލިބުނީ 963 ވޯޓެވެ. އެހެންވެ އެ ދެ ބޭފުޅުންގެ ދެމެދު 44 ވޯޓުގެ ފަރަގެއްވެ އެވެ.

މީގެކުރިން މާވަށު ދާއިރާ އާއި މާމިގިލި ދާއިރާ އާއި މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓުތައް ވެސް އަލުން ގުނި އެވެ. ބައެއް ކެންޑިޑޭޓުންނަށް ވޯޓު އިތުރު ވެސްވި އެވެ. އެކަމަކު ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.