ހަބަރު

އަލުން ގުނައިގެން ވެސް އަދުރޭއަށް ވޯޓެއް އިތުރެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ލިބުނު ބާތިލް ވޯޓު ގުނައިގެން ވެސް ނާކާމިޔާބުވި މިހާރުގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ)އަށް އިތުރަށް ވޯޓެއް ނުލިބުނެވެ.

ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކުގެ ބާތިލް ވޯޓު އަލުން ގުނަން އިލެކްޝަން ކޮމިޝަނުން ނިންމީ ޕީއެންސީއިން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

އެގޮތުން މިރޭ ވަނީ ފޮނަދޫ ދާއިރާގެ ބާތިލް ވޯޓު އަލުން ގުނާފަ އެވެ. ގުނާފައިވަނީ އެންމެ ފޮއްޓެއްގެ ބާތިލް ވޯޓެވެ. އެއީ 13 ބާތިލް ވޯޓެވެ. އެ 13 ވޯޓަކީ ވެސް ބާތިލް ވޯޓެވެ. އޭގައި ސައްހަ ވޯޓެއް ނެތެވެ.

ދެން އެހެން ފޮށިތަކުގައި ބާތިލް ވޯޓު ހުރީ ވަރަށް މަދުންނެވެ. ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ބާތިލް ވޯޓެއް ނެތެވެ. އެހެންވެ، ނިންމީ އެ ބާތިލް ވޯޓުތައް ނުގުނާށެވެ.

ފޮނަދޫ ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ. އޭނާއަށް 1007 ވޯޓު ލިބުނެވެ. އަދުރޭއަށް ލިބުނީ 963 ވޯޓެވެ. އެހެންވެ އެ ދެ ބޭފުޅުންގެ ދެމެދު 44 ވޯޓުގެ ފަރަގެއްވެ އެވެ.

މީގެކުރިން މާވަށު ދާއިރާ އާއި މާމިގިލި ދާއިރާ އާއި މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓުތައް ވެސް އަލުން ގުނި އެވެ. ބައެއް ކެންޑިޑޭޓުންނަށް ވޯޓު އިތުރު ވެސްވި އެވެ. އެކަމަކު ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.