އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ އެތައް މިލިއަން ސެލްތަކަކުންނެވެ. އަދި ކޮންމެ ދުވަހަކު މިއިން އެތައް މިލިއަން ސެލްއެއް ހަށިގަނޑުން ނެތިގެން ދާއިރު އެހާމެ ގިނަ ސެލްތައް އަލަށް އުފައްދަ އެވެ. އެގޮތަށް ސެލްތައް ނެތި ދިއުމާއި އާލާވުން ވަނީ ވަރަށް ފުރިހަމަ ހަމަތަކަކާއި އުސޫލު ތަކެއްގެ ދަށުން ކޮންޓްރޯލް ކުރެވިފަ އެވެ.
ކޮންމެވެސް ސަބަބަކާ ހުރެ މި ނިޒާމަށް ބުރޫއެއް އަރައިފި ނަމަ، ސެލްތައް ނެތިދާ މިންވަރަށްވުރެ އަވަހަށް، އެއްވެސް ހަމައެއް ގަވައިދެއް ނެތި ސެލްތައް އިތުރުވެގެން ދެއެވެ. ކެންސަރޭ ކިޔަނީ މިގޮތަށް ހަމައެއްނެތި ބޭނުމެއްނެތް ސެލްތަކެއް އަމިއްލައަށް އިތުރުވެ އާލާވެގެންދާ ދިއުމަށެވެ. މި ސެލްތަކަށް ލޭ ފޯރުކޮށްދިނުމަށް ސެލްތައް އާ ލޭ ހޮޅިތައް އުފައްދާ ގާއިމު ކުރުވަ އެވެ. އެހެންވެ ކެންސަރު ސެލްތައް އެހެން ސެލްތަކަށް ވުރެން ގިނަ ވަމުންދާ ހިނދު ހަށިގަނޑުގެ ލޭގެ ގިނަ ބައެއް ކެންސަރު ސެލްތަކަށް ލޭ ފޯރުކޮށްދިނުމުގައި ހޭދަ ވެއެވެ. ނަތީޖާއެއްގެ ގޮތުން އެހެނިހެން ގުނަވަންތަކަށް ބޭނުންވާ ވަރަށް ވުރެ ހަށިގަނޑުގައި ލޭ މަދުވެގެން ގޮސް އެހެނިހެން ގުނަވަންތަކުގެ މަސައްކަތައް ބުރޫ އަރަ އެވެ.
ކެންސަރު ސެލްތައް މިގޮތަށް އިތުރުވުމުގެ ސަބަބުން ހަށިގަނޑުގެ ވަކި ތަނެއްގައި މި ސެލްތައް ޖަމާވެ ޓިއުމަރެއް ނުވަތަ އާންމުކޮށް ދިވެހިން ކިޔާ ގޮތުން ނަމަ ގަނޑެއް އުފެދެ އެވެ. ނަމަވެސް މިފަދަ ކޮންމެ ގަނޑެއް ނުވަތަ ދުޅަވެފައިވާ ތަނަކީ ކެންސަރެއް ނޫނެވެ. ކެންސަރަކީ ޓިއުމަރުގެ ބާވަތެކޭ ބުނެވިދާނެ އެވެ.
ކެންސަރު ސެލްތައް ހަށިގަނޑުގެ އެހެން ސެލްތަކާ ހިލާފަށް ހަށިގަނޑުގެ ވަކި ގުނަވަނެއްގައި އާލާވުމުގެ ބަދަލުގައި އެކި ގުނަވަންތަކަށް ފެތުރުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކެންސަރު ސެލްތައް އާލާވާން ފެށި ގުނަވަނާއި ކައިރި ގުނަވަންތަކަށް ކެންސަރު ފެތުރި ދާނެ އެވެ.
މީގެ އިތުރުން ލޭ ނުވަތަ ލިމްފްގެ ޒަރިއްޔާއިން ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވެސް ކެންސަރު ސެލްތައް ފެތުރި ދާނެ އެވެ. މީގެ ސަބަބުން ބުނެވި ދިޔަ ފަދައިން ކެންސަރު ފެތުރޭ ގުނަވަންތައް ހިނގަމުން އަންނަ ނިޒާމަށް ބަދަލު އައިސް އެ ގުނަވަންތަކުގެ މަސައްކަތްތައް އިތުރަށް ބޮއްސުންލައިގެން ދިޔުމަށް މެދުވެރި ވެއެވެ.
ގިނަ ކެންސަރުތަކަކީ އެ ކެންސަރު ޖެހެނީ ކަނޑައެޅިގެން މިވެނި ސަބަބަކާހުރެއޭ ބުނަން ނޭނގޭ ކެންސަރުތަކެވެ. ނަމަވެސް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރު ކޮށްދޭ ކަމަށް ހާމަވެފައިވާ ކަންކަން ބައިވަރެވެ. އެގޮތުން ބައެއް ކެންސަރުތަކަކީ އުމުރުން ދުވަސްވާ ވަރަކަށް އެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކެންސަރު ތަކެވެ. އަނެއްބައި ކެންސަރަކީ ހަމަ އެކަނި އަންހެނުންނަށް ނުވަތަ ހަމައެކަނި ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ބާވަތްތަކެވެ.
އަދި ބައެއް ކެންސަރަކީ އާއިލީ ގޮތުން ވާރުތަ ވުމުގެ ފުރުސަތު ބޮޑު ކެންސަރުތަކެވެ. މީގެ އެންމެ އާންމު އެއް މިސާލަކީ އުރަމަތީގެ ކެންސަރެވެ. އެހެނީ އުރަމަތީގެ ކެންސަރު ޖެހިފައިވާ މަންމައެއްގެ ދަރިންނަށް އެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އުމުރާއި ޖިންސު އަދި ވިރާސީ ގޮތުންނާއި ވާރުތަ ވެގެން އައިސްފައިވާ ކަންކަމަކީ އަހަރުމެނަށް ބަދަލު ނުކުރެވޭނެ ކަންތައްތަކެވެ. ނަމަވެސް ނޭނގި ނަމަވެސް އަހަރުމެންގެ އާންމު ދިރިއުޅުމުގެ ބައެއް އާދަތަކާއި ކެއިންބުއިމުގައި ބޭނުން ކުރެވޭ ބައެއް ތަކެތީގެ ސަބަބުން ވެސް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ވީމާ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ކަންކަން އެނގުމަކީ ކެންސަރުން ރައްކާތެރި ވުމަށް އެހީތެރިވެދޭނެ ކަމަކަށްވާނެ އެވެ.
ކެންސަރު ޖެހެން މެދުވެރިކުރުވާ ބައެއް ސަބަބު
- ދުންފަތުގެ އިސްތިއުމާލު ކުރުން
- އޮބެސިޓީ ނުވަތަ ސިއްހަތަށް ގެއްލުންވާ ވަރަށް ފަލަވުން
- އިރުގެ އަލިން ފޮނުވާ އަލްޓްރާ ވައިލެޓް ދޯދިތައް
- ތައްޔާރީ ކާނާ ގިނައިން ބޭނުންކުރުން -- މިސާލަކަށް ސޮސެޖް
- ބަނގުރާ ބުއިން
- ބައެއް ވައިރަލް އިންފެކްޝަން
ކެންސަރުން ރައްކާތެރިވުން
ދުންފަތާ ދުރުވުން
ދުންފަތުން ލިބޭ ގެއްލުންތައް ގުނާ އަދަދު ނުކުރެވޭހާ ގިނައޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް 15 އަށް ވުރެން ގިނަ ވައްތަރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ. ހާއްސަކޮށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. ސިނގިރޭޓްގައި ހިމެނޭ ނިކޮޓިން، ކާބަންމޮނޮކްސައިޑް ފަދަ ސިއްހަތަށް ނުރައްކާތެރި ކެމިކަލްތަކާއި ގޭސްތަކުގެ ސަބަބުން ފުއްޕާމޭގެ ސެލްތަކަށް ގެއްލުން ލިބި ކެންސަރު ސެލްތަކަށް ބަދަލުވުމަށް މެދުވެރި ކުރުވަ އެވެ.
ބޯ ކޮންމެ ސިނގެރޭޓަކާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެހެންކަމުން ސިނގެރެޓް ބޭނުންކުރާ ނަމަ ވީހާވެސް އަވަހަށް އެ އަމަލު ހުއްޓާލުން ވަރަށް މުހިންމެވެ. ނުވަތަ އެންމެ ކުޑަ މިނުން ދުވާލެއްގެ މައްޗަށް ބޭނުންކުރާ ސިނގިރޭޓުގެ އަދަދު މަދު ކުރުމަކީ ވެސް ކެންސަރުތަކުން ރައްކާތެރި ވުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.
ދުންފަތް ބޭނުން ކޮށްގެން ދުފާ މީހުން ވެސް ދިވެހިންގެ ތެރޭގައި ވަރަށް ގިނަ އެވެ. މިއީ އަނގައިގެ ކެންސަރު ޖެހުން މެދުވެރި ކުރުވާ ކަމެކެވެ. ގިނަގިނައިން ދުފާ ނަމަ އަދި ދުފުމަށްފަހު އަނގަ ރަގަޅަށް ސާފު ނުކުރާ ނަމަ، ދުންފަތުގެ ނުރައްކާތެރި އަސަރު އަނގައިގެ ތެރެއަށް ކޮށް އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރު ވެގެން ދެއެވެ.
ކެއުމުގެ ރަނގަޅު އާދަތައް ގެންގުޅުން
ދަޅުދަޅާއި ޕެކެޓްގައި ބަންދު ކޮށްފައިވާ ތައްޔާރީ ކާނާ މާ ގިނައިން ބޭނުން ކުރުމަކީ ސިއްހަތަށް ގިނަ ގުނަ ނުރަގަޅު އަސަރުތަކެއް ކުރުވާނެ ކަމެކެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުންކޮށް އުޅޭ ސޮސެޖާއި ޓޮމާޓޯ ޕޭސްޓް ފަދަ ތަކެތި ހިމެނެ އެވެ.
އަބަދުވެސް ތާޒާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވީހާވެސް ގިނައިން ބޭނުން ކުރަން މަސައްކަތް ކުރުން މުހިންމެވެ. އަދި މާގިނައިން ހަވާދުގެ ބާވަތްތައް ބޭނުން ނުކުރުމާއި، ފޮނި ކާ އެއްޗިހި މާ ގިނައިން ބޭނުން ނުކުރަން ސަމާލުވާން ވާނެ އެވެ.
ހެލިފެލިވެ އުޅުމާއި ބަރުދަން ހެޔޮވަރު މިނެއްގައި ހިފެހެއްޓުން
އޮބެސިޓީ ނުވަތަ މާބޮޑަށް ފަލަވުމާއި ކެންސަރާ ގުޅުމެއްވެ އެވެ. މިކަމުގެ ހައްލެއްގެ ގޮތުން ކެއުމަށް ސަމާލު ވުމުގެ އިތުރުން ހެލިފެލިވެ އުޅުން މުހިންމެވެ. ކޮންމެވެސް ކަސްރަތެއް ނުވަތަ ކުޅިވަރެއް ކުޅުމަކީ ތަފާތު އެކި ވައްތަރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭނެ ކަމެކެވެ. އެގޮތުން ހެލިފެލިވެ އުޅުމުގެ ސަބަބުން ހަށިގަނޑުގައިވާ އީސްޓްރޮޖެން އަދި އިންސުލިންފަދަ ހޯމޯންސްގެ މިންވަރަށް ބަދަލު ގެނެސް އުރަމަތީގެ ކެންސަރުން ރައްކާތެރި ކޮށް ދެއެވެ. އެއާއެކު، ހެލިފެލިވެ އުޅުމުގެ ސަބަބުން ކާއެއްޗިހި ހަޖަމް ކުރުމަށް އެހީތެރިވެ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް ވެސް އެހީތެރިވެ ދެއެވެ. ވުމާއެކު ކޮންމެވެސް ކުޅިވަރެއް ކުޅުން، ފެތުމާއި ގަވައިދުން ހިނގުން ނުވަތަ ދުވަން ދިއުމަކީ ހަށިގަނޑު ފަލަވިޔަ ނުދިނުމުގެ އިތުރުން ކެންސަރުފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެކެވެ.
ގަވައިދުން ޗެކްކުރުން
ކެންސަރުގެ ނުރައްކަލުން ރައްކާތެރިވާން ކުރެވޭނެ އެންމެ މުހިންމު އަނެއް ކަމަކީ ގަވައިދުން މެޑިކަލް ޗެކްއަޕް ހެދުމެވެ. މިއީ ދިވެހިންގެ މެދުގައި އެހާ އާންމު އާދައެއް ނޫނެވެ. ނަމަވެސް މިއީ ވަރަށް މުހިންމު ކަމެކެވެ. ގަވައިދުން ޑޮކްޓަރެެއްގެ ލަފައާއެކު ހަށިގަނޑު އެކި ގުނަވަންތައް ޗެކްކޮށް ޓެސްޓްތައް ހެދުމަކީ ކެންސަރު ފަދަ ބަލިތައް ޖެހި ގިނަ ދުވަސްވެ، ނުރައްކާތެރި ސްޓޭޖްތަކަށް ދިއުމުގެ ކުރިން ދެނެގަތުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ބައެއް ކެންސަރުތަކަށް އަމިއްލަޔަށް ވެސް ހަށިގަނޑު ޗެކް ކުރެވިދާނެ އެވެ. މިސާލަކަށް އުރަމަތީގެ ކެންސަރަށް ސަމާލުވުމުގެ ގޮތުން އަންހެނުން ގަވައިދުން އަމިއްލަޔަށް އާންމުކޮށް ނުހުންނަ ގޮށެއް ނުވަތަ ދުޅައެއް ހުރިތޯ ބެލި ދާނެ އެވެ،
ކެންސަރކީ ކޮންމެ މީހަކަށްވެސް ޖެހިދާނެ ބައްޔެއް ނަމަވެސް ގިނަ ކެންސަރަކީ އެ ކެންސަރުން ރައްކާތެރިވުމުގެ ފުރުސަތު އޮތް ކެންސަރުތައް ކަމުން، ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ މިފަދަ ކަންކަމާމެދު ހޭލުންތެރިވެ ސަމާލުވެ ހުރުން ބުއްދިވެރި އެވެ.