ރިޕޯޓް

ނަތީޖާ ނެރެން އެމްޑީޕީން ބޭނުންވި ފުރުސަތު މިއީ

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުގައި އިސްލާހީ ފިކުރަކާއެކު އުފެދިގެން އަައި އެމްޑީޕީ، ރާއްޖޭގައި ވެރިކަން ކުރާ މިއީ ދެވަނަ ފަހަރެވެ. މިފަހަރު ވެސް އެމްޑީޕީއަށް އޮތް އެންމެ ބޮޑު ބިރުވެރިކަމަށްވީ 2008 ވަނަ އަހަރު އެ ޕާޓީ އިން ކުރަން ޖެހުނު ހިތި ތަޖުރިބާ އަލުން ކުރަން ޖެހިދާނެ ކަމެވެ. ރައިސުލްޖުމްހޫރިއްޔާ ކަމުގައި ރައީސް މުހައްމަދު ނަޝީދު ހުންނެވި އިރު ރައްޔިތުން މަަޖިލީހުގެ އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ ހެދި އެ ޕާޓީއަށް ނިޒާމްގެ ތެރެއިން ލިބެން ޖެހޭ ފުރިހަމަ ބާރވެރިކަން ނުލިބުމެވެ. ނަތީޖާއަކަށް ސަރުކާރު ހިންގަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި އިތުރު ގޯސްތަކެއް ހެދި ވެރިކަން ތިން އަހަރުން ނިމިގެން ދިޔައީ އެވެ.

އެކަން ތަކުރާރުވިޔަ ނުދިނުމަށް އެމްޑީޕީ އިން މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެންމެ ގިނައިން ދެއްކީ އެ ވާހަކަތަކެވެ. މަސްހުނިވެފައިވާ މި ނިޒާމްގައި މަޖިލީހުގެ ބާރު ސަރުކާރަށް ނުލިބިއްޖެ ނަމަ، ރައްޔިތުން ސަރުކާރު ހޮވުމުގެ ބޭނުން ކެނޑިގެންދާނެ ކަމާއި އެއްވެސް ވައުދެއް ނުފުއްދޭނެ ކަމަށް ބުނަމުން ދިޔަ އެވެ. އެ ވާހަކަތައް ހިފައިގެން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ދަތުރު ކުރެއްވީ އެކަން އެންމެ ބޮޑަށް ތަޖުރިބާ ކުރެއްވި ރައީސް ނަޝީދު އެވެ.

"އިންސާފު ހޯދަން ކޯޓުތައް އިސްލާހު ކުރެވޭނީ އެޖެންޑާ 19 އިން. ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދެވޭނީ އެޖެންޑާ 19 އިން. ސަރުކާރަށް ވައުދުތައް ފުއްދޭނީ އެޖެންޑާ 19 އިން. ވަގުން ހިފޭނީ އެޖެންޑާ 19 އޮވެގެން. އެހެންވެ އެމްޑީޕީއަށް ފުރިހަމަ އަގުލަބިއްޔަތު ބޭނުންވޭ." މިއީ މުޅި ކެމްޕެއިން ބިނާވި ވާހަކަތަކެވެ.

އެމްޑީޕީ އިން މާޒީގައި ކުރަން ޖެހުނު ދަތުރު އަލުން އިއާދަވާ ކަމަށް ލަފާ ކުރެވޭ ގޮތަކަށް ވެސް ސިޔާސީ މަސްރަހު އެނބުރިގެން ދިޔަ އެވެ. ކޯލިޝަންގައި އޮވެ، ހިތްހަމަނުޖެހުންތަކާ ހެދި ޖުމްހޫރީ ޕާޓީ އިން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ފެށި އެވެ. އަދި މަޖިލީހުގެ ތެރެއިން ސަރުކާރަށް ގޯނާ ކުރަން ފެށި އެވެ. އޭގެ ސަބަބުން މިދިޔަ ދެ މަހެއްހާ ދުވަސް މިދިޔައީ ސަރުކާރަށް ހަމަޖެހުމެއް ނުލިބި އެވެ. ވައުދުތައް ފުއްދަން އުނދަގޫތަކާއެކުގަ އެވެ.

ނަމަވެސް މިފަހަރު ކޯލިޝަންގެ ތަޅާފޮޅުމަށް ގައުމު "ހަލާކުވާން" ދޫކޮށް ނުލާ، ތަފާތު ދެއްކީ ރައްޔިތުންނެވެ. އެމްޑީޕީގެ ސިޔާސީ ހަޔާތް ފެށުނީއްސުރެ އެ ޕާޓީ އިން އެންމެ ބޭނުންވި ގޮތަށް ސަރުކާރާއެކު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ވެސް ހިބަކޮށް ދިނީ އެވެ. އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުވެގެން ވެސް ގާތްކޮށް ނުލެވޭހާ މިންވަރަށް އެމްޑީޕީ އޮތީ ބާރުގަދަވެފަ އެވެ.

މިއަދު މިއޮތީ އެމްޑީޕީ އިން ބޭނުންވި ފުރުސަތު އެ ޕާޓީގެ އަތަށް އަރައިފަ އެވެ. ނިޒާމުގެ ތެރެއިން ލިބޭނެ އެންމެ ފުރިހަމަ ބާރުވެރިކަން އެ ޕާޓީއަށް ލިބިފަ އެވެ. މިއީ އެ ޕާޓީގެ ތާރީހުގައި ވެސް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. ވެރިކަން ވެއްޓިދާނެ ކަމުގެ ބިރު ފަހަނާ ގޮސް، ރައްޔިތުންނަށް ހިދުމަތް ކުރަން ލިބޭ ފުރުސަތެކެވެ.

ސަރުކާރާއި މަަޖިލީހުގައި މެޖޯރިޓީއެއް މީގެ ކުރިން ލިބުނީ ޕީޕީއެމްއަށެވެ. ނަމަވެސް މަޖިލީހުގެ ތެރޭގައި ސުޕަ މެޖޯރިޓީ އެ ޕާަޓީއަށް ވެސް ހޯދުނީ ޖޭޕީގެ ބޮޑު ރޯލެއް އުވެގެނެވެ. އެއާ ހިލާފަށް މިފަހަރު މުޅި ސަރުކާރުގައި ވެސް އަދި މަޖިލީހުގައި ވެސް އޮތީ އެމްޑީޕީގެ ބާރެވެ.

އެމްޑީޕީއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފަންވީ ވަގުތު އައިސް މިއޮތީ ޖެހިފަ އެވެ. ބާރުތައް ހަވާލު ކުރުމާއެކު ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއެކު ގައުމު އިންސާފުގެ މަގަށް އަޅުވާށެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ނިކުމެ، ތަރައްގީއާ ތަހުޒީބުގެ މަގަށް އަޅާށެވެ.