ސަރުކަރު ހިންގާ ކޯލިޝަންގެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮވެ ޖުމްހޫރީ ޕާޓީއިން ކުރަމުން އައި ޝަކުވާއަކީ ޕާޓީތަކުވެފައިވާ "ވައުދާއި އަހުދާ" ހިލާފުވެ، އެމްޑީޕީ އިން ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމެވުމެވެ. ސަރުކާރު ކޯލިޝަނެއްގެ ތެރޭގައި ހުރިހާ ޕާޓީތައް ގުޅިގެން އަދި ހުރިހާ ޕާޓީއަކަށް ވެސް ހަަމަހަމަ ފުރުސަތު މަޖިލީހުގައި ދީގެން އިންތިހާބު ކާމިޔާބު ކުރެވެން އޮއްވާ، އެމްޑީޕީ ޕާޓީތަކަށް އިތުބާރު ނުކޮށް ޖޭޕީ ވެސް ނިކަމެތިކޮށްލި ކަމުގެ ޝަކުވާ އެވެ. އެމްޑީޕީއާ އެއް ފަދައިން ޖޭޕީއިން ވެސް ހުރިހާ ދާއިރާއަކަށް ވާދަކޮށްފި ނަމަ ގިނަ ގޮނޑިއެއް ނުލިބޭނެކަން އެނގެ އެވެ. އެހެންކަމުން އެ ޕާޓީ ބަލި ކުރެވޭނެ އެހެން ހިސާބެއް ޖަހަން މަޖުބޫރުވި ކަމަށް އެ ޕާޓީގެ އިސްވެރިންނަށް ވިސްނިވަޑައިގަތެވެ.
ޖޭޕީއަށް ރޭ ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، ލީޑާޝިޕާ މެދު ހިތްހަމަނުޖެހިފައި ހުރި މެންބަރަކު "އަވަސް" އަށް ވިދާޅުވީ ޖޭޕީއަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކަށް ފެނުނީ ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ބައިތު ހިފުމެވެ. ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީ ލިބިވަޑައިގަތް ނަމަވެސް ގިނަ ވޯޓުތަކެއް ސަލާމަތްކޮށް، ތާއީދު އޮތް ކަން ވަނީ ސަބިތުކޮށްދީފަ އެވެ. އެހެންކަމުން އެމްޑީޕީއާ ކިރިޔާ އަރާ ހަމަ ކުރެވޭނީ ވެސް ޕީޕީއެމްއާ ގުޅިގެން ވާދަކޮށްގެނެވެ. އެއީ މާޒީގެ ތަޖުރިބާއަށް ބަލާފައި، ކާމިޔާބު ވާނެ ކަމަށް ވަރަށް ބޮޑަށް ގާބޫލު ކުރެވުނު ފޯމިއުލާއެކެވެ.
ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޖޭޕީ އިން ހެދި ގޯހަކީ އެއީ އެވެ. އޭގެ ތެރޭގައި ހުދު ޖޭޕީގެ ގިނަ ކައުންސިލް މެންބަރުން ވެސް ހިމެނެ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ޖޭޕީ ނާކާމިޔާބުވީ ރައްޔިތުން ނޫނެކޭ ބުނެފައި އޮތް "ކޮރޮޕްޓު" ލީޑަރެއް ފަހަތްޕުޅަށް އެރީމަ އެވެ. ޔާމީންއާ ޖޭޕީ ގުޅިގެން ނިކުންނާނެ ނަތީޖާ ގޯސްވާނެ ކަން ރައްޔިތުންނަށް އެނގުމެވެ. އިތުބާރު ނެތް ބައެއް ފަހަތްޕުޅަށް އެރުމުން ޖޭޕީގެ ވެސް އިތުބާރު ގެއްލުނީ ކަމަށް ގިނަ މެންބަރުން ވިދާޅުވެ އެވެ.
ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވުމުގެ އިތުރުންް ޕީޕީއެމްގެ އެތެރެ ވެސް އޮތީ ސްޓޭބަލްކޮށެއް ނޫނެވެ. ހަގީގަތުގައި ޖޭޕީއަށް ޕީޕީއެމް ބޭނުންވި ވަރަށް ވުރެ ބޮޑަށް ޕީޕީއެމްއަށް ޖޭޕީގެ ބޭނުން އޮތީ ބޮޑުވެފަ އެވެ. ޕީޕީއެމްގެ ލީޑާޝިޕާމެދު އުފެދުނު ސުވާލުތަކާއެކު ދެ ޕާޓީއަކަށް ބެހިފައި އޮތުމާއި، އެ ޕާޓީތަކުގެ ތެރެއިން ވެސް ގިނަ ކެންޑިޑޭޓަކު ވަކިން ވާދަ ކުރަން ނިންމުމާ ގުޅިގެން ގިނަ ވޯޓުތަކެއް ވެސް ބައިބައިވެގެން ދިޔަ ކަން ރޭގެ ނަތީޖާއިން އެނގެ އެވެ. އެގޮތަށް ބެހިގެންދާ ވޯޓުތަކަކީ ދެން ހުރި ކެންޑިޑޭޓުންނަށް ބޮޑު އެޑްވާންޓޭޖެކެވެ. އެފަދަ ނާޒުކު ފައްތަރަކަށް އޮތް ޕާޓީއަކަށް ޖޭޕީ ބަރޯސަވުމަކީ އެ ޕާޓީއިން ހެދި "ޅަ އެއްޗެކެވެ." އެހެންކަމުން ޖޭޕީ ނާކާމިޔާބުވީ ރައީސް ޔާމީންގެ ފަހަތްޕުޅަށް އެރުމުންނޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.
ނަމަވެސް އެއީ ޖޭޕީއަށް ހެދުނު ގޯހަކީ ހަމައެކަނި އެއީއެއް ނޫނެވެ. ބޮޑެތި ތުހުމަތުތައް ކުރެވުނު އިދިކޮޅު ލީޑަރެއްގެ ފަހަތަށް އެރުމުގެ އިތުރުން ޖުމްހޫރީ ޕާޓީން އިންތިހާބުގެ ދުވަސްކޮޅު ދިޔައީ އެ ޕާޓީ ވާދަ ކުރާ އެމްޑީޕީ އިން ދެއްކި ހުރިހާ ވާހަކަތަކެއް ހަގީގަތަކަށް ހަދަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އެމްޑީޕީގެ މެޖޯރިޓީއެއް މަޖިލީހުގައި ނެތިއްޖެ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ނުފުއްދޭނެ އެވެ. ނުވަތަ ފުއްދަން ހުރަސް އަޅާނެ އެވެ. ޖޭޕީގެ ބާރުވެރިކަން އޮވެ، މަޖިލީހުގައި ހިނގައިދިޔަ އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ޕާޓީ އިން އަމަލުކޮށްފައި ވަނީ ސީދާ ރައީސް ނަޝީދު ވިދާޅުވި ގޮތަށެވެ. އެމްޑީޕީގެ މެޖޯރިޓީއެއް ނެތެވެ. ޖޭޕީ އިން ދިޔައީ ރައީސް ސޯލިހުގެ ބޮޑެތި ވައުދުތައް ފުއްދުމާ ދެކޮޅު ހައްދަމުންނެވެ. ސަަރުކާރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތި ކުރުވާ ވަޒީރުން ވަކި ކުރާ ހިސާބުގަ އެވެ.
ޖޭޕީ އިން އެގޮތަށް އެޅި ކޮންމެ ފިޔަވަޅެއްވީ "އެޖެންޑާ 19" ހިޔާރު ކުރަން ލިބޭ އިތުރު ސަބަބަކަށެވެ. އެކަން ރައީސް ނަޝީދު ދިޔައީ ކޮންމެ ރަށެއްގައި ވަރަށް ރީތިކޮށް މިސާލު ނަންގަވައި ސާބިތު ކޮށްދެއްވަމުންނެވެ. ޖުމްހޫރީ ޕާޓީ އެޅި ކޮންމެ ފިޔަވަޅަކަށް އެމްޑީޕީ އިން ހުރީ ތިން ފިޔަވަޅު ކުރީގަ އެވެ. ކޯލިޝަން އާއި އިދިކޮޅުގެ ދެމެދުގައި ޖޭޕީ އޮވެ، އެންމެ ފަހުން އެއްވެސް ކޮޅެއްގައި ނުޖެހި ލިބުނީ ބޮޑު ނާކާމިޔާބީ އެވެ.
މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ސަރުކާރުގެ ތާއީދާއެކު މުސްތަގުބަލު އުޖާލާކޮށް އޮތް ޕާޓީ އިން، މިއަަދު އޮތީ ސިޔާސީ ގޮތުން ވެއްޓޭ އެންމެ ދަށަށް ވެއްޓިފަ އެވެ. އެއީ އެ ޕާޓީއަށް ގެއްލުނީ މަޖިލީހުގެ ގޮނޑިތަކެއް އެކަންޏެއް ނޫނެވެ. އަމިއްލަ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ކުރިމަތީގައި ވެސް ޕާޓީގެ ލީޑާޝިޕް ފެއިލްވީ އެވެ.