ރިޕޯޓް

ބޮޑު މޮޅާއެކު އެމްޑީޕީއަށް އުފަލުގެ ކޮޅެއް ނެތް!

ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އަންނަން ފެށުމާއެކު މުޅި ގައުމު ހައިރާން ކޮށްލި އެވެ. އާދަޔާ ހިލާފް ބޮޑު ކާމިޔާބާއެކު އެމްޑީޕީއިން މަޖިލިސް ސްޕަމެޖޯރިޓީ ނަގައި ތާރީހުގައި ލިޔެލައިފި އެވެ. އެއާއެކު އެމްޑީޕީގެ ސަޕޯޓަރުން ނުކުތީ އުފާ ފާޅު ކުރަން މަގުމަށްޗަށެވެ. އަދި މިސްރާބު ޖެހީ ލޮނުޒިޔާރަތްމަގުކޮޅާ ދިމާލު އަޑި ޕާކް ހުސްބިމަށެވެ.

އެމްޑީޕީގެ ސަޕޯޓަރުންނާއެކު ރައީސް މުހައްމަދު ނަޝީދު އެސަރަހައްދަށް ވަޑައިގެންނެވީ ފައި މަގުގައި ހިންގަވާފަ އެވެ. ރައީސް ނަޝީދާއެކު ސަޕޯޓަރުން އައީ "އެޖެންޑާ 19 ތަފާތު ވާނޭ" ގޮވަމުން މަގު މަތީގައި ފޯރި ނަގަމުންނެވެ. ނަޝީދު އަޑި ޕާކް ސަރަހައްދަށް ވަޑައިގެންނެވިއިރު މުޅި ސަރަހައްދު ވަނީ ރީންދޫކޮށްލާފަ އެވެ. އިވެމުންދިޔައީ "އެޖެންޑާ 19 ތަފާތުވާނޭ" ލަވައިގެ އަޑެވެ. ސަރަހައްދު ވަނީ އެލަވައިންނާއި ސަޕޯޓަރުންގެ ފޯރިން ގުގުމާލާފަ އެވެ.

ރައީސް ނަޝީދު އެސަރަހައްދަށް ވަޑައިގެންނެވުމާއެކު ފޯރި ގަދަކޮށްލި އެވެ. ސަޕޯޓަރުން ރައީސް ނަޝީދު ވަށާލައި ބައްދައި، ސަލާމްކޮށް، ފޮޓޯ އާއި ސެލްފީ ނަގަން ފެށި އެވެ. ފޯރިއިތުރަށްވީ ގަދަ އެވެ. ސަޕޯޓަރުން ތިބީ "ކިކް" އަރާފަ އެވެ. އެސަރަހައްދުގައި ހުރި ސްޓޭޖަށް އަރައި އެވަގުތު ގޮނޑި ޔަޖަގީންވެފަ ތިބި ކެނޑިޑޭޓުންނާއެކު ރައީސް ނަޝީދު ބައިވެރިވެވަޑައިގެން ފޯރި ނަގަން ފެށި އެވެ.

އެމްޑީޕީއިން މަޖިލިސް އިންތިހާބަށް ހަދާފައިވާ ލަވަތައް އެ ސަރަހައްދުގައި ދިޔައީ މެދުނުކެނޑި ޖަހަމުންނެވެ. ފޯރީގައި ސަޕޯޓަރުން އަތްޖަހައި ނަށަމުންދިޔައިރު، ރައީސް ނަޝީދު ވެސް ދިޔައީ އެފޯރީގައި އަތްޖަހަމުންނެވެ. ނަޝީދުގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން މެދު ނުކެނޑި ދިޔައީ ފެންނަމުންނެވެ. ކާމިޔާބުވި ފަހަރަކު ކެނޑިޑޭޓަކު ސްޓޭޖް މައްޗަށްއަރައި ރައީސް ނަޝީދާއެކު ފޯރިނެގުމުގައި ބައިވެރިވި އެވެ. އިރުކޮޅެއްނުވެ މުޅި ސްޓޭޖް ފުރާލި އެވެ.

ވަކި ހިސާބަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. ރައީސް އެސަރަހައްދަށް ވަޑައިގެން ރައީސް ނަޝީދާއެކު ސްޓޭޖަށް އަރާވަޑައިގެން ހޮވުނު ކެނޑިޑޭޓުންނާއެކު ފޯރީގައި ބައިވެރިވެވަޑައިގެންނެވި އެވެ. ސަޕޯޓަރުންގެ ފޯރިގަދަވެ ލަވައިގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ.

ކެނޑިޑޭޓަކަށްފަހު ކެނޑިޑޭޓެއް ސްޓޭޖް މަތީގައި ހަދާފައިވާ އެމްޑީޕީގެ ބިޔަ ބޮޑު "ލަޝްކަރާއި" ގުޅެމުންދިޔަ އެެވެ. އަދި މިސަރުކާރުގެ މިނިސްޓަރުންވެސް ދިޔައީ އެސަފާއި ގުޅެމުންނެވެ. ފޯރި އިތުރަށް ގަދަކޮށްލީ ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައިސް އަލީ ވަހީދު ސްޓޭޖަށް ވަޑައިގެންނެވުމުންނެވެ. އެމްޑީޕީގެ ސަޕޯޓަރުން މަރުހަބާގެ އަޑު އެސަރަހައްްދުގައި އެވަގުތު ގުގުމާލި އެވެ.

އެމްޑީޕީގެ ފަހަރަކު ލަވައެއް ޖަހަމުންދިޔައިރު، ރައީސް ސޯލިހާއި ނަޝީދާއި އެހެން ބޭފުޅުން ވެސް ދިޔައީ އަތްޖަހައި ފޯރި ނަގަމުންނެވެ. އެއާއެކު ރައީސް ސޯލިހް ވަނީ އެމަނިކުފާނު އާދައިގެ މަތިން ކުރައްވާ އެއް ކަންތައް ކަމަށްވާ "ސެލްފީ" ނަންގަވަން ފައްޓަވާފަ އެވެ. ސްޓޭޖްގެ ކަނާތް ފަރާތުގައި ތިއްބެވި ސަޕޯޓަރުން ކައިރިއަށް ޖެހިވަޑައިގެން ސަޕޯޓަރެއްގެ ފޯނުން ސެލްފީ ނެންގެވި އެވެ. އޭގެ ފަހުންވެސް ރައީސް ނަޝީދާއެކުވެސް ވަނީ ސްޕޯޓަރުން ފަހަތަށް އަރާގޮތަށް ސެލްފީ ނަންގަވާފަ އެވެ.

ލަވައިގެ ފޯރީގައި ރައީސް އާއި ސަޕޯޓަރުން ތިއްބައި، އެމްޑީޕީގެ ސަފާ ގުޅިވަޑައިގެންނެވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. މުޅި އެސަރަހައްދުގައި ސަޕޯޓަރުން ދިޔައީ ފައިސަލްގެ ނަމުން އަޑު ގަދަކުރަމުންނެވެ. ސަފު ފުރިހަމަކޮށްލައި ފައިސަލް ނަސީމް ހުންނެވީ ރައީސް ނަޝީދުގެ އަރިހުގައި އެވެ.

ލަވައިގެ އަޑު މަޑުކޮށްލުމަށްފަހު ރައީސް ސަޕޯޓަރުންނާއި މުހާތަބު ކުރެއްވި އެވެ. އިބްރަތްތެރި ވާހަކަތަކާއި ވައުދުތަކާއި އުންމީދުތަކަކާއެކު ސަޕޯޓަރުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނެވެ. ރައީސްގެ ވާހަކައަށްފަހު ނަޝީދު ސަޕޯޓަރުންނާއި މުހާތަބު ކުރެއްވި އެވެ. ނަޒާހަތްތެރި މަޖިލީހަކާއެކު އެމްޑީޕީ ވަޑައިގެންނެވިކަން ހާމަކޮށްދެއްވައި ސަޕޯޓަރުން ހެއްވާލުމަށްފަހު ސްޓޭޖުން ވަކިވި އެވެ.

ރައީސް ސޯލިހާއި ނަޝީދު އެ ސަރަހައްދުން ވަޑައިގެންނެވި ފަހުން ވެސް ސަޕޯޓަރުން ދިޔައީ އެ ސަަރަހައްދުގައި ފޯރިނަގަމުންނެވެ. ކެނޑިޑޭޓުންނާއެކު ސެލްފީ ނެގުމުގައި ސަޕޯޓަރުން އެސަރަހައްދުގައި ވަރަށް ގިނަ އިރު ހޭދަ ކުރި އެވެ. މިހާތަނަށް މަޖިލިސް އިންތިހާބުގައި ޕާޓީއަކުން ހޯދާފައިނުވާ ވަރުގެ ބޮޑު ކާމިޔާބީއެއް އެމްޑީޕީން ހޯދައިފި އެވެ. އެޖެންޑާ 19 ހަމަ އަސްލުވެސް މިފަހަރު ތަފާތުވެއްޖެ އެވެ.