ދުނިޔެ

ބްރެޒިލް: ފެރީއަކުން ޖެހި ބްރިޖެއްގެ ބައެއް ވެއްޓިއްޖެ

Apr 7, 2019

ރިއޯޑިޖެނޭރޯ ( އޭޕްރީލް 7) - ފެރީއަކުން ޖެހިގެން ބްރެޒިލްގެ އުތުރުން އޮންނަ ސްޓޭޓެއްގައި އޮންނަ ކޯރެއް ހުރަސްކޮށް އަޅާފައި އޮތް ބުރިޖެއްގެ ބައެއް ވެއްޓިއްޖެ އެވެ.

މަންޒަރުދުށް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ ބުރިޖުގެ ބައެއް ވެއްޓުނީ، އެ ކޯރުން ދަތުރުކުރި ފެރީއެއް ބުރިޖުގެ ތަނބެއްގައި ޖެހުމުންނެވެ. ބުރިޖުގެ އެއްބަޔާއެކު ދެ ކާރުވެސް ކޯރަށް ވެއްޓިފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޯރަށް ވެއްޓުނު މީހުން ސަލާމަތްކުރަން ޑައިވަރުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ ހާދިސާގައި ބުރިޖުގެ ތަނބުގައި ޖެހުނު ފެރީގައި ތިބި ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިނުވާކަމަށްވެ އެވެ.

"އަހަރެމެންގެ އެންމެ އިސް ވާޖިބަކީ އެ ހާދިސާގައި ކޯރަށް ވެއްޓުނު މީހުން ހޯދައި، އާއިލާތަކަށް ބޭނުންވާ ސަޕޯޓު ދިނުން،" އެ ސަރަހައްދުގެ ގަވަރުނަރު މީޑީއާއަށް ވިދާޅުވި އެވެ.

އެމެޒަން ސަރަހައްދުގައި އަޅާފައިވާ ބުރިޖު ގުޅާލާފައިވަނީ ބްރެޒިލްގެ އެންމެ ބާރުބޮޑު ބަނދަރާ އެވެ. ކޯރަށް ވެއްޓުނު ބުރިޖުގެ ބައިތައް ނެގުމުގެ މަސައްކަތް ކުރެވެމުންދާއިރު، ބުރިޖު މަރާމާތު ކުރެވެންދެން، ކަމާބެހޭ ފަރާތްތަކުން ދަނީ މީހުން އުފުލުމަށް ބާޖުތަކެއް ބޭނުންކުރަމުންނެވެ.

ބްރެޒިލްގެ ނޫސްތަކުން ބުނާގޮތުގައި، އެ ބުރިޖު ތަނބުތައް ބަލިކަށިވެފައިވާކަމަށް އެ ބުރިޖު ހާލަތު ބެލުމަށް ދާދިފަހުން ކުރި ދިރާސާއަކުން ވަނީ އިންޒާރުދީފަ އެވެ. ބުރިޖު މަރާމާތުކުރަން ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން ހުށަހެޅި ނަމަވެސް، އެ ބުރިޖު ބަންދުކޮށްފައެއް ނުވެ އެވެ.