ހަބަރު

މިއީ އެންމެ ގިނަ ބަޔަކު ވޯޓްލީ މަޖިލިސް އިންތިހާބު: އީސީ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ، މަޖިލީސް އިންތިހާބުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ނިކުމު ވޯޓްލީ އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެކަން ކަށަވަރު ކޮށްދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީސް އިންތިހާބުގައި ޖުމްލަ 212079 މީހުން ވޯޓްލާފައިވާ ކަމަށެވެ. އަދި އެއީ މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ ވޯޓްލީ އިންތިހާބު ކަމަށެވެ.

ޝަރީފު ކުރެއްވި ޓުވީޓް

އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީއްޖާތައް ދައްކާ ގޮތުން އެމްޑީޕީން ވަނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ހާސިލްކޮށްފަ އެވެ. އެގޮތުން މިހާތަނަށް މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އެމްޑީޕީން ވަނީ 67 ގޮނޑި ހޯދާފަ އެވެ. އެ އިންތިހާބުގައި ޖޭޕީއަށް މިހާތަނަށް 7 ގޮނޑި، އެމްޑީއޭއަށް 1 ގޮނޑި އަދި ޕީޕީއެމް އަށް 4 އަދި ޕީއެންސީއަށް 1 ގޮނޑި ލިބޭނެ ކަމަށް ދައްކައެވެ. މީގެ އިތުުރުން މިނިވަން މެމްބަރުންނަށް 6 ގޮނޑި އަދި ރައީސް މައުމޫންގެ ތާއިދާއެކު ނިކުތް 1 ބޭފުޅަކަށް ގޮނޑި ލިބޭނެ ކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންހާބުގެ ނަތީއްޖާތައް ފެންނަ އަވަސްގެ އެޑިޝަން

އިލްކެޝަންސް ކޮމިޝަނުން އިންތިހާބު ގެންދިޔަ ގޮތާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެކޮމިޝަނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުުޅު ދައްކަވާފައެވެ. އެގޮތުން އެ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ސޯލިހު ވިދާޅުވީ، ފެނިގެންދިޔައީ އެއްވެސް ނުފޫޒެއްނެތި އެ ކޮމިޝަނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ ނަތީއްޖާ ކަމަށެވެ.