ވާހަކަ

އީޝަލް

(4 އެޕްރިލް 2019 އާ ގުޅޭ)

ބޭރީތު ހުރީ އިންތިހާއަށް ރުޅި އައިސްފައިކަން ކަސްދިޔާއަށް އެނގެއެވެ. އެހެންވިޔަސް ރައުލްއާއެކު ހަތޯރު ދާން ނިންމި ނިންމުމުން ބުއްދިއާއި ނަފްސު ހަމައިން ނެއްޓީއެވެ. ރައުލްނޫނީ އީޝަލްގެ އަސަރު އަބަދަށް ޓަކައި ފުހެލުމުގެ ޚިޔާލު ވެރިވީ މާޒީގެ އަނދިރި ހަނދާންތަކުން އާވި ވޭނާއެކުއެވެ.

"ޖިލައްޔާއޭ ކިޔައިގެން ދެން އެންމެ ބަހެއް ބުންޏަސް އަހަރެން މަޑަކުން ނުހުންނާނަން، އަދި ބުނަން، ދުޝްމިނަކަށްވިޔަސް އަހަރެންގެ މެހެމާނެއްގެ ގޮތުގައި ހުއްޓައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިގެންނުވާނެ... އެފަދަ ރޭވުމެއް ރާވައި ޢަމަލުކޮށްފިނަމަ އެކަމުގެ ސަޒާ ދޭނަން، އެއީ ކަލޭ ކަމުގައި ވިޔަސް" ބޭރީތު ބުންޏެވެ.

"އެކަމުން ވެސް އެނގެނީ ކަލޭގެ ކުރިމަތީ އަހަރެންގެ އެއްވެސް އަގެއްނެތްކަމެއްނު، ބޭރީތު... ކަލޭ ކޮންމެ އެއްޗެކޭ ކިޔަސް އަހަރެންނަށް ކެތެއްނުވާނެ އޭނާ އުފަލުގައި އުޅޭތަން ދުށުމަކަށް" ކަސްދިޔާ ބުންޏެވެ.

"ކަލޭ ހަސަދަވަނީ ކޮންކަމަކާތަ؟ އޭނާ ދުނިޔޭގައި ނެތްއިރު، ކަލެއާ އަޅާކިއުމަށް އޭނާ އުފަންކުރީ އަންހެންކުއްޖެއް ވެސް ނޫން، އަހަރެން ކަލެއާ ކައިވެނިކުރީ ކުރަން ބޭނުންވެގެން، ކަލޭގެ ޢާއިލާއާއި ޚުދު ކަލޭގެ ވެސް ރުހުމުގައި، އަހަރެންގެ ގޮތް ނޭނގިއޭ އަހަރެންނާ ކައިވެނިކުރީ ބުނެވޭކަށްނޯންނާނެ، އަހަރެން ނުބުނަންތަ ހުރިހާ ނިންމުންތަކީ ކަސްދިޔާ އެދުނަސް އަހަރެން ބަދަލުކުރާނޭ ކަންކަމެއްނޫނޭ، އަހަރެންނަކީ މީހެއްގެ މުށުގެ ތެރޭ ފިތިފައި ހުންނާނޭ މީހެއްނޫން، ހުރިހާ އަނބިންގެ ތެރެއިން އަހަރެން ކަލޭ ޚާއްޞަކުރިން، އެވަރުން ވެސް ކަލޭގެ ހިތެއް ނުފުރުނު، އަހަރެން ކަލޭގެ ނުބައިކަމަށް މަޢާފުނުކުރަންތަ؟ ހަތޯރަކީ އެކަމުގެ ރަމްޒެއް... ބުނަން ކަސްދިޔާ... އަހަރެންނާއި ޖިލައްޔާއޭ ކިޔައިގެން ވާހަކައެއް އަޑުއިވިއްޖެނަމަ އަހަރެން ކަލެއަށް ދުވަހަކުވެސް މަޢާފެއްނުކުރާނަން، އަދި ކަލެއަށް ދީފައިވާ ޚާއްޞަކަން އަބަދަށް ޓަކައި ފިލައިގެންދާނޭކަން ހަނދާންކުރާތި، އަހަރެން ހަޤީޤަތުގައި ވެސް ހަނދާންނައްތާލާނަން ކަލެއަކީ އަހަރެންގެ އަނތްބެއްކަން" ބޭރީތު ބުންޏެވެ.

ކަސްދިޔާއަށް ދެއަތުގެ މޫނު ފޮރުވާލެވުމާއެކު އިހުނަށްވުރެ ބޮޑަށް ރޮވިއްޖެއެވެ. ބައިކަލް ކުޅީގެ ތެރެއިން ޒުވާން ބޭރީތު ފުރަތަމަ ފެނިލި ހިނދުން ފެށިގެން ކަސްދިޔާގެ ހިތް އެ ޒުވާން ޖިންނިއަށް ދެވުނެވެ. ނަމަވެސް އޭނާއަށް ބޭރީތުގެ ހިތް މިލްކެއް ނުކުރެވުނެވެ. އެހެންވިޔަސް އެހެން އަނބީންނަށްވުރެ ކަސްދިޔާއަށް ޓަކައި ބޭރީތުގެ ހިތުގައިވާ މަޤާމް ޚާއްޞަކަން އޭނޭގެ ޢަމަލުތަކުން އެނގޭތީ އެވަރުން ހިތްހަމަޖައްސާލައިގެން ހުރީއެވެ. ބޭރީތުގެ އެހެން އަނބިން ވެސް ކަސްދިޔާދެކެ ޖެހިލުންވަނީ އެހެންވެއެވެ. ކޮންމެ ދިމާއަކަށް ދިޔަނަމަވެސް އޭނާ އެނބުރި އައިސް އެންމެ ފުރަތަމަ ހާލުބަލައި އަނތްބަކީ ކަސްދިޔާކަން އެންމެންނަށް ވެސް އެނގެއެވެ. އެންމެންގެ ނަޒަރުގައި ބޭރީތު އެންމެ ލޯބިވަނީ ކަސްދިޔާ ދެކެއެވެ. އެ ހުރިހާ ހިތްހަމަޖެހުމެއް ކަސްދިޔާގެ ނަޒަރުގައި ފޭރިގަތް އަންހެނަކީ ޖިލައްޔާއެވެ. އަންހެނަކަށް ޓަކައި ކަސްދިޔާއަށް ދެމުންއައި އިސްކަމަށް ބަދަލުއައީ ގަނޑުވަރަށް ބޭރީތު ގެނައި ހޫރެއްފަދަ އަންހެން ޖިންނީއެއްގެ ސަބަބުންނެވެ. އޭނާއަށް ޓަކައި ބޭރީތު ހައްދުފަހަނައަޅައި ގޮސްފައިވާ ކަހަލައެވެ. ޖިއްލައްޔާ ނިމިދިއުމަށް ކަސްދިޔާއަށް އެދެވެންފެށުނީ އެހެންވެއެވެ. ހިތުގައި ހަސަދަވެރިކަން އުފެދުނީ ކަސްދިޔާއަށްވުރެ ހުރިހާ ގޮތަކުން ފުރިހަމަ އަންހެނަކަށް ޖިލައްޔާވުމުންނެވެ. ޖިލައްޔާއާ ގާތްވުން ވެސް ބޭރީތު އޮންނަނީ މަނާކޮށްފައެވެ. އޭނާގެ ކަންކަން ކުރުމަށް ހަމަޖެއްސީ އޭނާ ޖިލައްޔާމެންގެ ތެރެއިން ގެނައި މުސްކުޅި އަންހެނެކެވެ. އެ ދެ މީހުން ގަނޑުވަރު ތެރޭގައި އެއްވެސް ވަރަކަށް ހަރަކާތްތެރި ވާތަނެއްނުފެނެއެވެ. ޖިލައްޔާ ވިއްސީ ވެސް އެ އަންހެން މީހާއެވެ. ޖިލައްޔާގެ މަރަށްފަހު އޭނާއަށް ޚިދުމަތްކޮށްދޭން އުޅުނު މުސްކުޅި އަންހެން މީހާއަށް ވީގޮތެއް ނޭނގެއެވެ. އޭނާއަށް ހެދިގޮތެއް ހެދީ ބޭރީތުކަން ކަސްދިޔާއަށް އެނގެއެވެ. އަދި ޖިލައްޔާ ވިހެއީ ކޮންކަހަލަ ކުއްޖެއްކަމާއި އެ ކުއްޖާ ކަސްދިޔާއަށް ވެސް ފެންނަ ވަރުވީ އެއް އަހަރު ފަހުންނެވެ. އޭގެ ކުރިން ބޭރީތު އެކުއްޖާ ގެންގުޅުނީ ކޮންތާކުކަމެއް ނޭނގެއެވެ. އޭގެ ފަހުން އަބަދުވެސް ބޭރީތުގެ ގާތުގައި ރައުލް ބަހައްޓައެވެ.

"ކަސްދިޔާ!..." ރޮމުންދިޔަ ކަސްދިޔާއަށް ބަލަން އިރުކޮޅަކު ހުރެފައި ބޭރީތު ގޮވާލިއެވެ.

"އަހަރެންގެ ހަތޯރު ސަލާމަތްކޮށްދީ، އޭނާ ކުރަން އުޅޭކަމެއް ކަލެއަށް ވެސް އެނގިފައިކަން އޮތީ އެނގޭ... ހެޔޮނުވާނެ ބޭރީތު، އަހަރެންގެ ދަރިފުޅު އެ މީހުންނާއެކު ދިޔަނުދީ، ރައުލް އަހަރެންގެ ދަރިފުޅު ހަލާކުކޮށްލައިފި، އެކުއްޖާގެ ހެޔޮ ވިސްނުންވަނީ ގެއްލިފައި، އެ އަންހެނާއާ ކައިވެނިކުރަން އުޅެނީ ރައުލް... އެކަމާ އަހަރެންގެ ހަތޯރުއާ ކޮންގުޅުމެއް އޮތީ، އެ މީހުންގެ ތެރެއަށް ހަތޯރު ގެންދިއުމުގެ ބޭނުމަކީ ކޮބާ؟... ބޭރީތު، އާދޭސްކުރަން... އެއީ ކަލޭގެ ވެސް ދަރިއެއްނު، އަހަރެމެންގެ އެ ދަރިފުޅު މަގު ގެއްލި ހަލާކުގެ ތެރެއަށް ނުވެއްޓެނީސް އެކުއްޖާ ހުއްޓުވާ" ކަސްދިޔާ ތެދުވެ ބޭރީތަށް ބަލާލަމުން ދެއަތް ޖޯޑުކޮށްލިއެވެ. ޖިލައްޔާ ގަނޑުވަރަށް ގެނެސް އޭގެ ދުވަސްކޮޅެއް ފަހުން އެއީ ބޭރީތުގެ އަނތްބެއްކަން އިޢުލާން ކުރުމުން ބޭރީތުގެ ގާތުގައި ކަސްދިޔާ ރުއި ހަނދާން އޭނާވިއެވެ. އޭގެ ފަހުން ކަސްދިޔާ ދެރަވެގެން އެ އަސަރުގައި ރޯތަން ދުށީ އަދިކިރިޔާއެވެ. މަޑުމަޑުން އައިސް އެނދުގައި އިށީނދެ ކަސްދިޔާގެ ކޮނޑުގައި ދެއަތުން ހިފާލައި ގެނެސް ބޭރީތުގެ ގަޔާލައި ބޮނޑިކޮށްލިއެވެ.

"ކަސްދިޔާ!... ރޭގައި ގަނޑުވަރުގެ އުތުރުބައިގައި ކަމެއް ހިނގައިފި، އެކަމުގެ ހަޤީޤަތަކީ ކޮބާ؟" ކަސްދިޔާ ހަމައަކަށް އެޅުމުން އޭނާގެ ގައިގާ ބައްދާލައިގެން އިނދެ ބޭރިތު އެއްސެވެ.

"އަހަރެން އެއްވެސް ކަމެއްނުކުރަން... ރޭގައި މި ކޮޓަރިން ނުވެސް ނުކުންނަން، އަހަރެން ކަމެއްނުކުރަނީސް އަހަރެންގެ މައްޗަށް ޝައްކުކުރަނީތަ؟" އިސްއުފުލައި ބޭރީތަށް ބަލާލަމުން ކަސްދިޔާ ބުންޏެވެ. މަޑުމަޑުން ބޭރީތު ދެ ފަރާތަށް ބޯހޫރުވާލީއެވެ.

"ކަސްދިޔާ، އަހަރެން ދާންޖެހިއްޖެ، އެ މީހުން މާދަމާ ހެނދުނު ދަތުރުފަށާނެ، އަހަރެން ކުރަންވެފައި ހުރި އެތައްކަމެއް އެބަހުރި، މިގޮތަށް ކަލޭގެ ގާތަށް އަންނަން އަހަރެންނަށް މަޖުބޫރުނުކުރާތި، އަހަރެންނަށް ވަގުތުވުމުން ކަލޭގެ ޚަބަރު ބަލަން އަންނާނަން" ކަސްދިޔާ ދުރުކޮށްލަމުން އެނދުން ބޭރީތު ތެދުވިއެވެ. ކަސްދިޔާގެ ފަރާތުން ޖަވާބެއް ބޭނުންވެފައި ހުރި ފަދައިން ބޭރީތު ބަލަން ހުންނަން ފެށުމުން އޭނާ މަޑުމަޑުން ބޯޖަހާލިއެވެ. ބޭނުންވީ ޖަވާބު ލިބުނު ކަހަލައެވެ. ބޭރީތު އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

"ލާވީ..." ބޭރީތު ގޮވާލިއެވެ. އޭނާ ހުރީ ބަންދު ކޮޓަރީގެ ތެރޭގައެވެ. އެއީ ސިއްރުތައް ބަދަލުކުރެވޭ ކޮޓަރިއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އެތަނުން ލާވީ ފާޅުވިއެވެ.

"ކޮބާ އެނގިއްޖެއްތަ؟" ބޭރީތު ސުވާލުކުރިއެވެ. ލާވީ ވަގުތުން ބޯޖަހާލިއެވެ. އޭނާގެ މޫނުން ފެންނަނީ ހާސްކަމެވެ.

"ހަކީމްއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ގެއްލިގެން އެބައުޅޭ، އޭނާގެ ހަށިގަނޑެއް ނުފެނުނު... ރޭ ނިދަން ދިޔައިރު އޭނާގެ ބައްޕަގެ ފޮށީގައި ހުރި ފަތްފުތްތަކެއް ހާވަން އިންދާ ދުށްކަމަށް ހަކީމުބުނި، އަދި ނިދިފައި ހޭލެވުނުއިރު ގޭގައި އޭނާ ނެތްކަމަށް، އޭރު މެންދަމުން އަލިވެއްޖެކަމަށް" ލާވީގެ ވާހަކަ ހުއްޓުނީ ބޭރީތު ކުރި ސުވާލުންނެވެ.

"އޭނާ ގަނޑުވަރަށް އައިސް ގޮސް ވޭތަ؟" ބޭރީތު އެއްސެވެ.

"ހަކީމްއާއެކު ބައެއްފަހަރު އައިސް ހަދާކަމަށްވަނީ، ބޭރީތު... ރޭގައި ބޭރު ކޮއިލުގެ ދަންފަޅި ނިންމާފައި ބާންދީއަކާއެކު ދިޔަ ފާރަވެރިއަކަށް ގަނޑުވަރުގެ އުތުރު ފަރާތުން ދަތުރުކުރާ ގިއްނޯސް އައިނު ކައިރީ ދެ މީހަކު ބައްދަލުކުރަނިކޮށް ފެނުނުކަމަށްވަނީ، ކައިރިއަށް ދާން އުޅެފައި އަޅާނުލީ އެތަނުން އެކަކު... އެކަކު... ވަކިކުރަން އެނގުނީމަ، މީހާއަށް ވުރެ އޭނާގެ ކަމަރުގައިވީ ކަނޑި ފެނުނީ" ލާވީ ކަންބޮޑުވިއެވެ.

"އެހެންވީމަ ބަޔަކު އެ މީހުންނާ ދިމާކުރީތާ... ލާވީ... ހަމަ މިހާރު އެމީހުން ދަރުބާރަށް ގެނޭ" ބޭރީތު ބުންޏެވެ.

"ބޭރީތު" ލާވީ ގޮވާލި ގޮތުން ބޭރީތަށް އިތުރަށް ވިސްނާލަން ޖެހުނެވެ.

"ކިހިނެއްވީ؟ އެ މީހުން ފިލީތަ؟... ހަކީމް އެބުނާ ފޮތްތަކުގައި ހުރީ ކޮންއެއްޗެއް" ބޭރީތު އެއްސެވެ.

"ބޭރީތު... އެބުނާ ޒުވާނާއާ ބައްދަލުކުރުމަށް ގަނޑުވަރުން ނުކުމެ ހުރީ މީހެއްގެ ކަމަރުގައިވީ ޒަގަންގެ ކަނޑި" ލާވީ ބުންޏެވެ. ބޭރީތު ބަސްހުޓުނީއެވެ. ނަމަވެސް އޭނާގެ ސިކުނޑި މަސައްކަތްކުރިއެވެ. ޒަގަންއަކީ ޖެހިލުންކުޑަ ޒުވާނެކެވެ. އެހެންވިޔަސް އޭނާ އެފަދަ ކަމެއް ކުރަންޖެހުނު ސަބަބެއް ބޭރީތަކަށް ނުވިސްނުނެވެ.

"ޒަ... ޒަގަން... މިއަދު އެއްގޮތަކަށް ވެސް ނުފެނޭ... ލާވީ!... ކޮބާ އޭނަ؟" ބޭރީތު ސުވާލުކުރިއެވެ.

"ރަށުތެރޭގައި" ލާވީ އިސްޖަހާލަމުން ބުންޏެވެ.

"އެ ކަސްބީންގެ ތެރޭގައިތަ" ހިތްހަމަނުޖެހިފައި ހުރި ގޮތަކަށް ބޭރީތު އަހާލިއެވެ.

"ނޫން..." ލާވީ ބުންޏެވެ. ބޭރީތު ފުންނޭވާއެއް ދޫކޮށްލުމާއެކު ދެ ކޮޅަށް ހިނގަންފެށިއެވެ.

"ބޭރީތު... ޒަގަންއާ ސުވާލުކުރަން އަހަރެންނަށް ފެނޭ" ލާވީ ބުންޏެވެ. އެއާއެކު ބޭރީތު ހުއްޓި ދެއަތް ފުރަގަހަށްލައި އެއްއަތުން އަނެއްއަތް ހިފަހައްޓާލައިގެން ހުރެ ލާވީއަށް ބަލާލިއެވެ.

"ރައުލްއާ ދެ މީހުންގެ ދެމެދުގައި އޮތް ކޯޅުމެއްކަން އެނގޭ، ސަމިއާނާ އައިސް ހުރިއިރު ވެސް ޒަގަން އުޅުނުގޮތް އަހަރެން ދެނަހުރިން، ރައުލް ގަޔާނުވާނޭކަން އެނގިހުރެ އޭނާގެ ކޮޓަރިއަށް ސަމިއާނާ ވެއްދީ ޒަގަން.... ހިތަށް އަރަނީ މީ ވެސް އޭނާ ރައުލްއަށް ކުރި ޖެއްސުމަކަށްވެދާނޭ" ބޭރީތު ބުންޏެވެ.

"ޒިޔަޒެލްމެން މިކަން ލުއިކޮށެއް ނުނަގާނޭކަން އެނގެއެއްނު، ޒަގަން އިތުރުކަމެއް ކުރަން ނުވިސްނަނީސް އޭނާއަށް ނަސޭޙަތްތެރިވާން ފެނޭ" ލާވީ ބުންނެވެ. ބޭރީތު އެކަމާ އެއްބަސްވިއެވެ.

"ޒަގަން ގެނޭ" ބޭރީތު ބުންޏެވެ. އެއާއެކު ލާވީ ޣައިބުވީ ޒަގަންގެ ގާތަށް ދިއުމަށެވެ.

* * * * *

ލޮނުގެ ރިވެލި އެޅޭ ގޮތަށް ހާމަކޮށް ހަދާފައި ހުރި ބައިގެ ތަނބެއްގައި ލެނގިލައިގެން ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރި އީޝަލްއާ ރައުލްގެ ނަޒަރު ވަތްކެއްނުވެއެވެ. އެ ބަޔަށް ނުކުމެގެން ހުރި ދޮރުކައިރީ ލާމިއާ މަޑުކޮށްލައިގެން ހުއްޓެވެ. އެ ދޮރުކަނީގެ ވައަތް ފަރާތުގައި ހުރި ރައުލް އެނބުރިލައި ލާމިއާއާ ކުރިމަތިލިއެވެ.

"ރޭގައި އީޝަލްއަށް ކަމެއްވީތަ؟" ސިއްރުން ކަހަލަ ގޮތަކަށް ރައުލް އެހީ ލާމިއާގެ ގާތުގައެވެ. އެހިނދު އޭނާ އީޝަލްއަށް ބަލާލާފައި ރައުލްއާ ނަޒަރު ސީދާކޮށްލައި ބޯޖަހާލިއެވެ.

"ކިހިނެއްވީ؟" ރައުލް އެއްސެވެ. އޭނާގެ މޫނުގައިވީ ހާސްކަމާއި ކަންބޮޑުވުން ލާމިއާއަށް ކަމެއް ޔަގީންކޮށްދިނެވެ.

"ޒިޔަޒެލްމެން ކިޔަނީ (المتسلل ليلا ) އޭ... އެއީ އޭނާ ސިފަކުރި ގޮތް" ލާމިއާ ބުންޏެވެ. ރައުލް އާގަމަވެފައި ހުރި ގޮތުން ލާމިއާ ބުނި އެއްޗެއް އެއްވެސް ވަރަކަށް ރައުލްއަށް ފަހުމެއްނުވިކަން އެނގުނެވެ.

"ނިދީގެ ހިމޭންކަމުގެ ތެރެއިން ނަފްސު ކާލުމަށް ޓަކައި ރޭގަނޑަށް ތިލަވި ފަންޏެއް އެއީ... އޭގެ ބޭނުމަކީ ކޮބައިކަމެއް ނޭނގޭ، އެކަން ކުރީ ކަލޭމެންގެ ތެރެއިން މީހަކު" ލާމިއާ ބުންޏެވެ.

"އަހަރެމެންގެ ތެރެއިން..." ރައުލްއަށް ލިބުނު ހައިރާންކަމުގައި ލާމިއާ ބުނި އެއްޗެއް ތަކުރާރުކޮށްލެވުނެވެ.

"އީޝަލް... އީޝަލް ބުނިތަ އެކަންކުރި މީހަކު؟ އަހަރެމެންގެ ތެރެއިން އެކަން ކުރި މީހަކު އެނގޭނަމަ ބުނެބަލަ" ކެތްތެރިކަން ކުޑަވެފައިވާ މީހަކުހެން ރައުލް ވާހަކަދެއްކީ ނިކަން އަވަސްއަރުވާލާފައެވެ. އެ މީހަކު އެނގެން ރައުލް ބޭނުމެވެ. އީޝަލްގެ ހަމަޖެހުން އެ މީހަކު ނަގައިލައިފިކަން ރައުލްއަށް ޔަގީންވާތީއެވެ.

"އީޝަލް ގާތު އަހާބަލަ" ލާމިއާ ބުންޏެވެ. ރައުލްއަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ދޮރުކަނީގައި އަރިއަކަށް ޖެހިލައިގެން ހުރެ އެ މީހުންނަށް ފުރަގަސްދީގެން ހުރި އީޝަލްއަށް ރައުލް ބަލާލިއެވެ.

"އެހެންވެތަ އަހަރެންނާ ދުރުން ތިއުޅެނީ... އަހަރެމެންގެ ތެރެއިން މީހަކު އީޝަލްއަށް ކީއްކުރީ؟... އަހަރެންނާ ގުޅުން ހުރި މީހަކު... އެއީ ކާކު؟... ސޭމެސް، ހަތޯރުތަ؟... ނޫނީ ދާރިއުސްތަ؟... ރާވިން ނޫނީ ޔާފިއާތަ؟... އެ މީހުންގެ ތެރެއިން މީހަކުތަ؟... އަހަރެންގެ ކުށެއް އެކަމުގައި އޮތީތަ؟... އީޝަލް، އަހަރެން... އަހަރެން..." ޚިޔާލުތަކާއެކު ރައުލްގެ ހިތް ފިތެމުންދިޔަ ފަދައެވެ. ހަމައެއާއެކު ނަފްސުގެ މައްޗަށް ރުޅިވެރިކަން ވެރިވަމުންދިޔައެވެ. އީޝަލް ރައްކާތެރިކުރަން ބޭނުންވެ އެކަން ނުވުމުންނެވެ. އީޝަލްއާ ނަޒަރު ވަކިކޮށްލައި ރައުލް ހިނގައިގަތެވެ.

ޒިޔަޒެލްމެންނާއެކު ތިބުމަށް ހަމަޖެހިފައިވާ ބައިގައި ރައުލް ނިދާ ކޮޓަރީގެ ތެރެއަށް އޭނާގެ ހުރިހާ އެކުވެރިން ޖާމާކުރިއެވެ. އެއިން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ރައުލް ބަލާލިއެވެ.

(ނުނިމޭ)