ހަބަރު

މިރޭ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާނެ: އީސީ

ނިމިގެން މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް މިރޭ އިއުލާން ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ބުނެފި އެވެ.

ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާނަ ކަމަށް ވިދާޅުވީ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ނަމަވެސް ނަތީޖާ އިއުލާން ކުރަން ފަށަނީ ކޮން ވަގުތެއްގައި ކަމެއް ޝަރީފް ވިދާޅެއް ނުވެ އެވެ. އީސީ އިން މިހާރު ވެސް އަންނަނީ އެ ކޮމިޝަންގެ ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ނަތީޖާތައް ޝާއިއު ކުރަމުންނެވެ.

ޝަރީފް ކުރެއްވި ޓްވީޓު

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މަޖިލިސް އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ހޯދާފައި ވަނީ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށެވެ. އަދި އެ ނަތީޖާއަށް މާ ބޮޑު ބަދަލެއް އިތުރަށް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެމްޑީޕީއާ ވާދަ ކުރި ޖުމްހޫރީ ޕާޓީއަށާއި ޕީޕީއެމް ޕީއެންސީ އަދި އެހެން ޕާޓީތަކަށް ލިބުނީ މަދު ގޮނޑިތަކެކެވެ.

މި އިންހާބުގައި 264،442 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އަދި ރިޔާސީ އިންތިހާބާ އަޅާކިޔާއިރު މި އިންތިހާބުގައި ވޯޓުލި މީހުންގެ އަދަދު މަދު ނަމަވެސް މިއީ އެންމެ ގިނަ މީހުން ވޯޓުލި މަޖިލިސް އިންތިހާބެވެ.