ހަބަރު

ވައުދުވީ ޕްރޮޖެކްޓްތައް ފަށާނަން، އިންވެސްޓަރުން ކާށިދުއަށް އާދޭ: ޖާބިރު

ކާށިދޫ ދާއިރާގައި ހިންގަން ވައުދުވީ ޕްރޮޖެކްޓްތައް ފަށާނެ ކަމަށާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހުރިހާ އިންވެސްޓަރުންވެސް ކާށިދޫ ދާއިރާއަށް އިންވެސްޓް ކުރުމަށް ދައުވަތު ދޭ ކަމަށް ކާށިދޫ ދާއިރާއަށް އިންތިހާބު ވެފައިވާ އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

އިންތިހާބުވުމަށް ފަހު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރިންވެސް ކުރައްވާފައިވާ ޖާބިރު ވިދާޅުވީ ކޭބަލް ކާރު މައްސަލަައިގައި ސޯޝަލް މީޑިއާގައި ޖޯކް ޖަހަމުންދާ ފަރާތްތަކަކީ ޓެކްނޮލޮޖީގެ ގޮތުން އެހާ އަހުލުވެރި ބައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދުނިޔޭގައި އެޓެކްނޮލޮޖީ އެބަހުރި ކަމަށާއި އެ ބޭނުން ކުރަމުންދާކަން ފާހަގަ ކުރައްވާ ޖާބިރު ވިދާޅުވީ، އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރަމުންދާތަން ފެންނާނެ ކަމަށެވެ. އަދި ކާށިދޫގައި އެއާޕޯޓެއް އެޅުމަށާއި، ކާށިދޫ ފަޅުތެރޭގައި ރިސޯޓް އެޅުމުގެ ކަންތައް ސަރުކާރަށް ހުށަހަޅާނެ ކަމަށާއި، އެކަންކަމަށް ސަރުކާރުން ހުއްދަ ދިނުމާއެކު މަސައްކަތް ފަށައިގަންނަނާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

" ކޭބަލް ކާރަކީ އެޅޭ އެއްޗެއް، ފަހަރެއްގައި ތަންދޮރު ނުފިލާ ބަޔަކު އެއަށް ޖޯކު ޖަހާފާނެ. އަބުދުﷲ ޖާބިރު މި ގޮނޑި ނަގާފާނެއޭ ބުނީމަވެސް އެކަމަށް ޖޯކު ޖެހިތާ ބަޔަކު. އަބުދުﷲ ޖާބިރު ސަރުކާރެއް ބަދަލު ކުރަން ނިކުތީމަވެސް ޖޯކު ޖެހިތާ ބަޔަކު، އަބުދުﷲ ޖާބިރު މެޖޯރިޓީ ނަގަން ނިކުތީމަވެސް ޖޯކު ޖެހިތާ ބަޔަކު، ހުރިހާ ކަމެއްވެސް ޖޯކުގެ ތެރެއިންތާ މި ކާމިޔާބު ކުރަމުން މި އަންނަނީ." ޖާބިރު ވިދާޅުވި އެވެ.

މިހާރުން މިހާރަށް ރާއްޖޭގައި ތިބި ވިޔަފާރި ވެރިންނާއި، ބޭރުގެ އިންވެސްޓަރުން ކާށިދޫއާއި ގާފަރަށް އިންވެސްޓްމަންޓްތައް ކުރަމުން ގެންދިއުމަށް އެދޭކަމަށާއި، ކާށިދޫއާއި ގާފަރަށް ކުރާ އިންވެސްޓްމަންޓްގެ އައި.އާރު.އާރު (އިންޓާނަން ރޭޓް އޮފް ރިޓާން އޮފް އިންވެސްޓްމަންޓް) އުޅޭނީ 22 އިންސައްތައަށްވުރެ މަތީގައި ކަމަށެވެ. އަދި އެއީ އިންޓަނޭޝަނަލް ނޯމްސްއާއި ސްޓޭންޑެޑަށްވުރެ މާރަނގަޅު އަދަދެއްކަން ޖާބިރު ފާހަގަ ކުރެއްވި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ބައެއް ބޭފުޅުންނަށް މާލީ ގޮތުން އެހީތެރިވެދީފައިވާނެ ކަމަށާއި، އެމެމްބަރުންވެސް މަޖިލީހަށް ހޮވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީކަންވެސް ކުރައްވާ ޖާބިރު ވަނީ ވިދާޅުވެފަ އެވެ. އަދި އެހުރިހާ މެމްބަރުންނަށްވެސް މަރުހަބާ ދަންނަވާ ކަމަށާއި، އެމްޑީޕީއަށް ލިބުނު ފުރިހަމަ ކާމިޔާބީއާއި މެދު އުފާކުރައްވާ ކަމަށާއި، އަދިވެސް އެމަނިކުފާނަކީ އެމްޑީޕީގެ މެމްބަރެއް ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.