އއ. މަތިވެރީގައި ހަދާފައިވާ އެންމެ ބޮޑު ގެސްޓް ހައުސް "ކާސާ މިއާ މޯލްޑިވްސް" ގެސްޓް ހައުސްގައި ރޯކޮށްލާފައިވަނީ ގަސްތުގައި ކަމަށާއި، އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އެ ގެސްޓްހައުސްގެ ވެރިޔާ އަދި ކާށިދޫ ދާއިރާއަށް އިންތިހާބުވެފައިވާ އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު "އަވަސް" އަށް ވިދާޅުވީ އެ ގެސްޓް ހައުސް އަކީ އޭނާ މީހެއްގެ އަތުން ބައްލަވައިގެން އޭނާގެ ނަންމައްޗަށް ބަދަލު ކުރުމުގެ މަރުހަލާ ހިނގަމުން އަންނަ ތަނެއް ކަމަށެވެ. އަދި އެކަންތައް ޝަރުއީ މަރުހަލާގެ ތެރެއިން ހިގަމުން ދަނިކޮށް، އެތަނުގައި ރޯކޮށްލާފައިވަނީ މަތިވެރި ކައުންސިލުން ކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ޖާބިރު ވިދާޅުވީ، އެތަނުގައި ރޯކޮށްލީ ކުލި ނުދައްކާ ކަމަށްބުނެ، ކައުންސިލުން ކަމަށާއި، އެކަމުގެ ހެއްކާއެކު އެމައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަަމަށެވެ. އަދި އެކަމަކީ ގެސްޓް ހައުސް ޓުއަރިޒަމްއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައިި ޖާބިރު ވަނީ ސިފަކުރައްވާފައެވެ. ޖާބިރު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި، ޓުއަރިޒަމް މިނިސްޓްރީއާއި، ހޯމް މިނިސްޓްރީއާވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ސަރުކާރުން އެފަދަ ކަންކަން ހުއްޓުވަން ޖެހޭނެ ކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ އެތަނުގައި ރޯވުމުގެ ސަބަބުން މިލިއަނުން ގެއްލުން ވެފައިވާއިރު، އެތަނުގައި ތިބި އޭނާގެ މުއައްޒަފުންނަށްވެސް ކައުންސިލުން ގެއްލުންދީފާނެތީ ފުލުހުން ކިބައިން ރައްކާތެރިކަން މިހާރު ހޯދާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ބަހެއް އަދި މިކަމުގައި ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ އެ ގެސްޓްހައުސްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާކަމަށާއި، އެތަނުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ އެރަށުގައި ތަމްރީނުކޮށްފައިތިބި ސިވިލް ފަޔާ ޓީމާއި، އެ ރަށު ރައްޔިތުންގެ އެހީގައި ކަމަށެވެ. އެތަނަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް އަދި ލިބިފައެއްނުވެއެވެ.