ލައިފްސްޓައިލް

ކުދިން އުޅުނަސް ގޭތެރެ ތަރުތީބު ކުރެވިދާނެ

ގޭތެރޭގެ ތަރުތީބު ކަމުން ހިތްހަމަޖެހުން ހޯދިދާނެ އެވެ. ގޭގައި ކުޑަކުދިން އުޅޭނަމަ ކުދިންގެ ކުޅޭ ސަމާނު މުޅި ގޭ އެތަން މިތަނުގައި އުކާލާފައި ހުރުމަކީ ވަރަށް އާއްމުކޮށް ފެންނަ މަންޒަރެކެވެ. މި ތަކެތި ރަނގަޅަށް ތަރުތީބު ކުރުމަށާއި ރައްކާ ކުރަން "ސްމާޓް" ގޮތްތަކެއް ވެސް އެބަހުއްޓެވެ. ހާއްސަކޮށް ކުދި ތަންތާނގައި އުޅޭނަމަ މިފަދަ އުކުޅުތަކުގެ ބޭނުން ހިފަން ޖެހެއެވެ.

ގޭތެރޭގައި އެއްޗެހި ގިނަވެ ތަރުތީބެއް ނެތްނަމަ ގޭތެރެއިން ލިބެންޖެހޭ ހިތްހަމަޖެހުމާއި އަރާމެއް ނުލިބެ އެވެ. މީހާ ސްޓްރެސްވެ ހާސް ބޮޑު ވެއެވެ. އަދި ކުދިންނަށް ވެސް މިއިން އަސަރު ކުރެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކުޑަކުދިން ކުޅޭ ސާމާނު މާ ގިނަ ނަމަ އެ ކުދިން އެއް ކަމަކަށް ނުވަތަ އެކައްޗަކަށް ސަމާލުކަން ބެހެއްޓުމާއި އެއް ކަމަކަށް ފޯކަސް ކުރަން ދަތިވެއެވެ. ގޭތެރޭގައި ކުޅޭ ސާމާނު ތަރުތީބު ކުރުމަކީ ކުދިންނަށްވެސް މަންފާ އޮތް ކަމަކަށްވާއިރު ތަރުތީބު ގެއްލިޔަ ނުދީ ހިފެހެއްޓުން މުހިއްމު ވެއެވެ.

ކުޅެން ހާއްސަ ޕްލޭ ކޯނަރެއް

ގޭގައި ކުޑަތަންކޮޅެއް ޕްލޭ ކޯނަރެއްގެ ގޮތުގައި ހާއްސަ ދޫލައެއް އަޅާ ވަކި ތަންކޮޅެއް ކުދިންނަށް ސެޓް ކޮށްދޭށެވެ. އެތަނަށް މާ ގިނަ އެއްޗެސް އެއްފަހަރާ ނެގުމުގެ ބަދަލުގައި ފަހަރަކު އެއްޗެއް ކުޅެން ގެން ދިއުމުގެ އާދަ ކުދިންގެ ކިބައިގައި ހަރުލައްވާށެވެ. އަދި އެކަތި ކުޅެ ނިމުމުން ޕެކްކޮށްފައި އެހެން އެއްޗެއް ނެގުމަށް ވެސް އާދަ ކޮށްދޭށެވެ.

ކޮންމެ ދުވަހެއްގެ ނިމުމާއި އެކު ކުޅޭއެއްޗެހި އުކާފައި ބެހެއްޓުމުގެ ބަދަލުގައި ޕްލޭ އޭރިއާ ސާފުކޮށް އެއްޗެހިތައް މަދު ކުރާށެވެ. އާ ދުވަހަކަށް މިގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުމުން ހެނދުނު ހޭލައިގެން މިއަދު ކުޅެން ނަގާނީ ކޮންއެއްޗެއްތޯ އެ ކުދިންނަށް ހިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ވަށިގަނޑުތައް ދޫކޮށްލާ ވަކި ވަކިން ބަހައްޓާ

ހުރިހާ އެއްޗެއް އެއް ވަށިގަނޑަށް އެޅުން ދޫކޮށްލަންވީ އެވެ. ބަދަލުގައި ކުރަންވީ ކަމަކީ އެއްވައްތަރެއްގެ އެއްޗެހި އެކައްޗަށް އެޅުމެވެ. މިގޮތަށް ތަރުތީބު ކުރާއިރު އެތެރެ ފެންނަ ކަހަލަ ކޮންޓެއިނަރު ފާޑު އެއްޗެހީގައި ކުދި ސާމާނު ރައްކާ ކުރެވިދާނެ އެވެ. އަދި މިގޮތަށް ކުޅޭ ސާމާނު ވަކިކޮށްފައި ހުރުމުން އެއްފަހަރުން ހޯދަން ބޭނުންވާ އެތި ފެނެއެވެ. މިގޮތަށް ތަރުތީބު ކުރުމުގައި "ކުދިކާރު" މިގޮތަށް ލޭބަލް ވެސް ކުރެވިދާނެ އެވެ. އޭރުން ކުދިންނަށް ވެސް އެ އެއްޗެއް އޮންނަ ތަނަކަަށް އެ އެއްޗެއް ހޯދުމާއި އަނބުރާލުމަށް ވެސް ދަސްވާނެ އެވެ.

ވަށިގަނޑުގެ ބަދަލުގައި ހަރުގަނޑެއް

އަބަދު ކުޅުމަށް ނަގާ ސާމާނު ވަށިގަނޑަކަށް އެޅުމުގެ ބަދަލުގައި ހަރުގަނޑެއްގައި ބަހައްޓަންވީ އެވެ. މިގޮތަށް ދިގަށް ބެހެއްޓުމުން ޖާގަ ނުގެއްލި އަދި ޒަމަނީ ލުކެއްވެސް ގެނެއެވެ. މި ފަދަ ހަރުތަކުގައި ފޮތާއި ކުޅޭއެއްޗެސް އެތުރުމަށް ބޭނުން ކުރެވިދާނެ އެވެ.

ކުޅޭ ސާމާނު އަޅާ ކަބަޑުގައި ވަށިގަނޑު ބޭނުން ކުރުން

ކުޅޭ ސާމާނު އަޅަން ހާއްސަ ކަބަޑެއް ބަހައްޓާނަމަ އެއަށް ފިޓުވާ ވަށިގަނޑުތަކެއް ހޯދާށެވެ. އަދި ކުޅޭ އެއްޗެހި ސީދާ ކަބަޑަށްލުމުގެ ބަދަލުގައި މި ވަށިތަކަށް އަޅާފައިލުމުން ފޮތާއި، ސޮފްޓް ޓޯއިސް އަދި ކުޅޭ ސާމާނު ވަކިކުރަން ވެސް ފަސޭހައެވެ. ކުދިންނަށް އަމިއްލައަށް ނެގޭ ހިސާބުގައި ހުރުމުން ކުޅެ ނިމުމުން އެކުދިންނަށް ވަށިގަނޑުތަށް އަލުން އަނބުރާ ލުމަށްވެސް ހަނދާންކޮށް ދެވިދާނެ އެވެ.

ކުޑަ ޖާގައެއްގައި އުޅޭ ނަމަ ބަންކް ބެޑެއް

ކުޑަ ޖާގައެއްގައި އުޅޭނަމަ ދަރިފުޅު ނިދަން ބަންކް ބެޑެއް ހޯދާށެވެ. މި އެނދުގެ ތިރީބައިގައި ކުޅޭ ސާމާނު ރައްކާ ކުރުމަށް، ނުވަތަ ކުޅުމަށް ހާއްސަ ދޫލައެއް އަޅާ އެ ޖާގަ ބޭނުން ކުރެވިދާނެ އެވެ.

ތަރުތީބު ކުރަން ފޮތް ހަރެއް

ފޮތަކީ ކުޑަކުދިންނަށް އެންމެ ތުއްތުއިރުން ފެށިގެން އެކުދިންގެ ޝައުގުވެރިކަން ހުންނަ އެއްޗަކަށް ހަދަން ޖެހެއެވެ. ފޮތަކީވެސް އެކި ތަންތާ ބަހައްޓާނަމަ ގޭތެރޭގެ ތަރުތީބު ގެއްލޭ ކަމެކެވެ. ކުދިންގެ ކިބައިގައި ކިޔުމުގެ އާދަ އަށަގަނުވަން ފޮތް ހަރެއް ހޯދައިދީ ރަނގަޅު ފޮތްތަކެއްވެސް ހޯދައިދޭން ވެއެވެ.

އަދި ނިދާ އެނދުގައި ފޮތް ކިޔަން ބޭނުންނަމަ ފަރުނީޗަރު ފިހާރައިން ވިއްކާ "ސްޕައިސް ޝެލެފް" އެނދު ކައިރީ ހަރު ކުރެވިދާނެ އެވެ. މިގޮތަށް އެއިރަކު ކިޔާ ފޮތެއް ކޮޓަރީގައި ވެސް ކިޔާލެވި ފޮތް ކިޔާ ނިމުމުން ރީތިކޮށް ތަރުތީބުކޮށް ބެހެއްޓޭނެ އެވެ.

ކުދިންތިބޭ ނަމަ ތަރުތީބުކޮށް ގޭތެރެއެއް ނޯންނާނެއެވެ. މިހެން ބުނާ އަޑުއަހަމެންނުން ހެއްޔެވެ. އެހެންނަމަވެސް ކުޅޭ ސަމާނު ރައްކާކުރުމަށާއި ތަރުތީބު ކުރުމަށް މި ސްމާޓްގޮތްތަށް ބޭނުންކޮށްގެން މި ދެކަންވެސް ހާސިލް ކުރެވިދާނެ އެވެ.