ވާހަކަ

ބޭނުންވަނީ ޔާރާ

(3 އެޕްރިލް 2019 އާ ގުޅޭ)

އޭނަ ވިސްނަމުންދިޔައީ ދާއިންގެ މަސައްކަތުގައި އޭނައަށް އެހީ ފޯރުކޮއްދެވޭނެ ގޮތަކާއިމެދުއެވެ. ކުރިއަށްއޮތް ތިންދުވަހަށް ދާއިންގެ ޝެޑިއުލް ރާވާލުމަށްފަހު މަންހާ ދާއިންގެ ކެބިންއަށް ގޮސްވަނެވެ.

"ސަރ، އަޅުގަނޑު ވާހަކައެއް ބުނަންވެގެން" މަންހާ ދާއިންގެ ޝެޑިއުލް ރާވާލާފައިވާގޮތުގެ ގަނޑެއް ދާއިންއަށް ދިއްކޮއްލަމުން ބުނެލިއެވެ.



"ބުނެބަލަ" ދާއިން މަންހާއަށް ބަލާލަމުން ބުނެލިއެވެ.

"އަޅުގަނޑު ސަރގެ ޕްރޮޖެކްޓު ކުރެހުމުގައި އެހީތެރިވެދެންތޯ" މަންހާ ބޭނުންވިގޮތް ދާއިންއަށް ހުށައެޅިއެވެ.

"މަންހާއަށް....." ދާއިން ފުންނަޒަރަކުން މަންހާއަށް ބަލަންއިނދެ އެއްޗެއް ބުނަން އުޅެފަވެސް ހުއްޓާލިއެވެ.

"ސަރ، އަޅުގަނޑު ޕްރޮމޯޝަނަކަށް ނޫން މިހެންބުނީ، އައި ޖަސްޓް ވޯންޓު ހެލްޕު ޔޫ" މަންހާ ވަރަށް ބޭނުންވެގެން ބުނާފަދަ ގޮތަކަށް ބުނެލިއެވެ. އެކަން ދާއިންއަށް ފާހަގަކުރެވުނީވެސް ކަންނޭގެއެވެ. އޭނަ އިރުކޮޅަކު ވިސްނާލުމަށްފަހު މަންހާގެ އެދުމަށް އެއްބަސްވިއެވެ. އެކަމަކު އޮފީހުގެ ވަގުތުގެ އިތުރުން ގިނަ ވަގުތުތަކެއްގައި އޮފީހުގައި އުޅެން ޖެހިދާނެކަން ދާއިން މަންހާއަށް ވިސްނާދިނެވެ. އެކަމާއި ގަބޫލުނަމަ ޕްރޮޖެކްޓު ނިމެންދެން ރޭގަނޑު އަށެއްޖަހާއިރަށް އޮފީހަށް އައުމަށް ދާއިން ބުންޏެވެ.

ވިޝާލް އާއި މަންހާ ކާރުގައި އިންއިރު ފަހަތު ސީޓުގައި ޖެނީއިނެވެ. އޭނަ ވިޝާލްގެ ފަހަތުން މަންހާ ބަލާދާއިރު ދާންބޭނުންވީ ސަބަބަކާއި ނުލައެއްނޫނެވެ. އެފުރުޞަތުގައިވެސް މަންހާއާއިއެކު އެގެއަށް ވަދެވޭނެތީއެވެ. ޝަރަފް އާއި ބައްދަލުވެވޭނެތީއެވެ. ވިޝާލް މަންހާ އާއި ވާހަކަ ދައްކައްލާން ބޭނުންވިފަދަ ގޮތަކަށް ވާހަކައެއްނުދެއްކުނެވެ. އެހެންނަމަވެސް އޭނަގެ ނަޒަރިއްޔާތު އަދިވެސް މަންހާއާއިމެދު ދެގޮތެއްނުވެއެވެ.

"ދަރިފުޅު ހާދަ ބުރަކޮށޭ ތިއުޅެނީ، ދުވާލު އެހާގިނައިރު އޮފީހުގަ އުޅެފަ، އަނެއްކާ ތިއުޅެނީ ރޭގަނޑުވެސް ދާން، މިހާރު މަންމަ މެންނާއިއެކު ހޭދަކޮއްލާނެ ވަގުތެއްނުވޭ، މަންމަ ހީކުރީ ޝަރަފްކަމަށް އޮފީހާހެދި އުޅެނީ، އެކަމަކު ދަރިފުޅުވެސް އޮފީހާހެދި އެހާވަރު އެބަހުރި" ގެއަށް ވަތްގޮތަށް ކާމޭޒުކައިރީ މަންހާ އިށީނުމުން ވަސީމާ އާއި ޖޫން އޭނަ އަށް ސައިހަދައިދިނުމަށް އަވަސްވެގަތެވެ.

"އާން މަންމާ، މަންކޮއާއި ޝަރަފްކޮއްކޮގެ ކެއުމާ ނިދުންވެސް ދުވަސްކޮޅަކުން އޮފީހަށް ބަދަލު ކުރާނެކަންނޭގެ، ހެ ހެ ހެ" ޖޫންވެސް ވަސީމާ އާއި އެއްބައިވެ މަންހާ އާއި ސަމާސާކޮއްލިއެވެ. އެވަގުތު ކާމޭޒުކައިރީ ތިބި ވިޝާލް އާއި ޖެނީވެސް މަންހާއާއިއެކު ހޭންފެށިއެވެ.

"ނޫނޭ، ދޮންބެދައްތާ، އަޅުގަނޑު މިދެތިންދުވަހު އެކަނި ރޭގަނޑު އޮފީހަށް ދާން ޖެހިގެން މިއުޅެނީ، ހަމަގައިމުވެސް ތިއްތޭވަރެއް ނުވާނެ، އެހެންއުޅެފަ ތިއްތޭ ކައިވެނިވެސް ކުރާނީ އޮފީހާކަންނޭގެ، ކޮބާތަ ދޮންބެ، ނޫޅެނީތަ........" މަންހާއަށް ޝިމާދު ގޭތެރެއިން ނުފެނުމުން އަހާލެވުނެވެ. މަންހާ ބުނިއެއްޗަކުން ސައިތަށި ތުނބުގައި ޖަހާލި ޖެނީ ކޮށިއެރިއެވެ. ވަސީމާ އަވަސް އަވަހަށް ޖެނީގެ ގާތަށް ޖެހިލަމުން އޭނަގެ ބުރަކަށީގައި ފިރުމަންފެށިއެވެ.

"ޖެނީ، ކިހިނެތް ތިހެދީ، މަންކޮ ކަންތައްދޯ، އަސްލު އެހެން ނުބުނާވަރެއްނޫންތާ" ވަސީމާ ޖެނީގެ ގާތުގައި ހެވިފައިހުރެ ބުނެލިއެވެ.

ކޮޓަރިއަށްވަތް މަންހާ ރީތިގޮތަކަށް މައްޗަށް ނަގާފައިވާ އޭނަގެ ދިގު އިސްތަށިގަނޑު ނިއުޅާލިއެވެ. އަދި ވަރުބަލި ކަމާއިއެކު އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. އެރީތި ތުނުތުނި ދެތުންފަތުން ދާއިންގެ ނަން ނުކުތެވެ. ކައިރީގައި އޮތް ސްޕޮންޖު ބޮބް ބާލީސް ގެނެސް މޭގައި ޖައްސާ ބާރުކޮއްލިއެވެ. އަދި މެޔާއި ދުރުކޮއްލަމުން އެއަށް ބާލާލީވެސް ލޯބިން ފުރިގެންވި ގޮތަކަށެވެ. މަންހާ ދާއިންގެ މޫނު ސިފަކުރަން މަސައްކަތްކުރަނީއެވެ. ދިގު އިންތިޒާރަކަށްފަހު އޭނަގެ އުއްމީދުތައް އަލުން އާލާވާން އުޅޭފަދައެވެ. އެކަމަކު ހިތުގައި ނުފިލާ ރިހުމެއްވެސް އެކުލެވިފައިވެއެވެ. ދާއިން ފެންނަ ކޮންމެ ވަގުތަކު އެކުރެވޭ އިޙްސާސްއަކީ މިހާރު މަންހާގެ ހިތަށް ހަމަޖެހުންގެނުވާ ހަމައެކަނި އިޙްސާސްއެވެ. ކޮންމެ ދުވަހަކު ދާއިންގެ އެރީތި މޫނު ފެނިލުމުގެ ފުރުޞަތު ލިބޭކަމީ އޭނަ އެކަމަށް ޝުކުރުވެރިވާކަމެކެވެ.

ރޭގަނޑުއަށެއްޖަހައިފިއެވެ. ކާރުންފައިބަން އެނބުރިލި މަންހާގެ އަތުގައި ވިޝާލް ހިފިއެވެ.

"ދެން ދަނީތަ، އަހަރެން މިރޭ ހާދަ ފޫހިވާނެޔޭ" ވިޝާލް ދެރަވެލައިފާ ބުނެލިއެވެ. މަންހާ ލުއިހިނިތުންވުމަކާއިއެކު ދެފަރާތަށް މަޑުމަޑުން ބޯހޫރުވާލަމުން ވިޝާލްގެ އަތުގެ ތެރެއިން އަތްނެގިއެވެ. އަދި އޮފީހުގެ އިމާރާތުގެ ތެރެއަށް ވަދެގެންދިޔައެވެ.

އަތުގައި އޮތް ތަޅުދަނޑިން އޮފީހުގެ ދޮރުހުޅުވާލަން މަންހާއުޅުނެވެ. އެކަމަކު ދޮރުހުރީ ތަޅުނުލާކަމުން އިސާހިތަކު ދޮރުހުޅުވިގެން ދިޔައެވެ. މަންހާއަށް ދާއިން އޮފީހުގައި އުޅޭކަން އެނގުނީ އެހެންވެއެވެ. އިޙްތިޔާރަކާއިނުލާ ދެފަޔަށް ބާރުލާފައި ހިނގުންއަވަސް ކޮއްލެވުނީ ދާއިންގެ ކައިރިއަށް ދިއުމަށެވެ. މަންހާއަށް ދާއިންގެ ކެބިން ފެންނަން ވާއިރަށް މަންހާގެ ހިތުގެ ހިނގުން އަވަސްވިއެވެ.

"ތިއައީ ދޯ" ދާއިންއަށް ކެބިންގެ ދޮރުހުޅުވާލި މަންހާ ފެނުމުން ބުނެލިއެވެ. އޭނައަށް މަންހާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނެވެ. އެރީތި އަންހެން ކުއްޖާގެ ފަރާތުން އާދަޔާއި ހިލާފު ގާތްކަމެއް ދާއިންއަށް އިޙްސާސްކުރެވެމުންދަނީ ކީއްވެބާއޭ އޭނަގެ ހިތަށްއަރައެވެ. މީގެ ކުރިން އޭނަގެ އެއްވެސް ކަމަކަށް މީހަކު ފާޑެއްނުކިޔައެވެ. އަދި އެއްވެސް ކަމެއް ބަދަލުކުރާކަށްވެސް ނޫޅެއެވެ. އެހެންނަމަވެސް އެހުރިހާ އެންމެނާއި މަންހާ ތަފާތުކަން، އެންމެ ފުރަތަމަ މަންހާ އާއި ދިމާވި ދުވަހުވެސް ދާއިންއަށް އެނގުނެވެ. އޭނަގެ ކެބިންއަށް ގެނައި ބަދަލުގެ ސަބަބުން މަންހާ އޭނަ އާއި ދޭތެރޭ ވިސްނާހެން ދާއިންއަށް ހީވިއެވެ. ނަމަވެސް އެކަން އެނގެން އޭނަ ބޭނުންނުވީއެވެ. އެހެނީ ދާއިން އޭނަގެ ސަމާލުކަން އެހެން އަންހެން ކުއްޖަކަށް ދޭކަށް ބޭނުމެއްނުވެއެވެ. ނަމަވެސް ބައެއްފަހަރަށް ހިތް އޭނައަށް އޮޅުވާލަން މަސައްކަތްކުރަނީއެވެ. މަންހާ ފަދަ ރީތި ޅަނދޮޅުއަންހެން ކުއްޖެއް އެފަދަ ގާތްގޮތަކަށް ފެންނަމުންދާތީ ކަމަށްވެސް ވެދާނެއެވެ.

ދާއިން ހުއްޓިލައިގެން ހުރި މީޓިން ޓޭބަލްގެ އަނެއްފަރާތުން ދާއިން އާއި ކުރިމަތިވާގޮތަށް މަންހާ ހުއްޓިލިއެވެ. އަދި ކުރަން ހުރި މަސައްކަތާއިމެދު ވާހަކަދައްކަން ފެށިއެވެ. ދާއިން އޭނައަށް ހުރިހާ ކަމެއްކިޔާދެމުންދިޔައެވެ. މަންހާގެ ހުރިހާ ސަމާލުކަމެއް މޭޒުމަތީގައި ހުރި ކުރަހަންފަށާފައިވާ ކަރުދާސްތަކަށް ހުއްޓިގެންދިޔައެވެ. ދާއިން އާއިއެކު މަސައްކަތް ކުރުން އުނދަގޫކަމަށްނުވިއެވެ. މަންހާ ހުރީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. ކުއްލިއަކަށް ދާއިން އޭނައަށް ފޯނެއް އައުމާއިއެކު މަންހާ އާއި ދުރަށް އެއްފަރާތަކަށް ޖެހިލިއެވެ. އޭގެ ވިއްސަކަށް މިނެޓުފަހުން ދެން ފެނުނީ ޒައުލް އައިސް އެކެބިންނަށް ވަތްތަނެވެ.

"ތަޅުނުލާ އޮފީހުގަ އުޅެނިކޮށް ވަގަކު މިތަނަށް ވަތްނަމަ ކިހިނެތް ހަދާނީ، އަހަރެން މިއައީ ދޮރު ތަޅުލާފަ" ޒައުލް ވަތްގޮތަށް މީޓިން ޓޭބަލްގެ ކައިރިއަށް ޖެހިލަމުން އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އެވެސް މަންހާ ހުރި ފަރާތުގައެވެ.

"މިއޮފީހަށް އަދި ވަގަކު ނުވަދޭ، މިގެއަށްވެސް އަދި ވަގަކު ނުވަދޭ" ދާއިން ހިނިއައިސްފައި އެއްޗެއް ބުނެލިއެވެ.

"ހަމަ ވަދެދާނެއެއްނު، އަހަރެންވެސް މިއޮފީހުން ވައްކަން ކޮއްފާނެއެއްނު" ޒައުލް މަންހާއަށް ބަލަހައްޓައިގެން އިންގޮތަށް ގޮނޑީގައި އިނދެ ބުނެލިއެވެ. އެއާއިއެކު ދާއިން ހީގަތް އަޑުއިވުމާއިއެކު މަންހާއަށް ބަލާލެވުނީ ދާއިންއަށެވެ. އެފަދަ ގޮތަކަށް ދާއިން ހޭތަނެއް މަންހާ އަދި ނުދެކެއެވެ. ޔަގީނުންވެސް ޒައުލްއަކީ ދާއިން ވަރަށް އިތުބާރުކުރާ ގާތްމީހެއްކަން މަންހާއަށް އެހީލުމުންވެސް އެނގިގެންދިޔައެވެ. މަންހާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

"މިތާނގަ ޒައްލޭ ވަގަށް ގެންދާނެ އެއްޗެއް އެބަހުރިތަ، ޒައްލޭ ވަގަށްނުގެންދިޔަކަސް އަހަރެން އެ އެއްޗެއް ދީފާނަމޭ" ދާއިން މަންހާގެ ކުރިމަތީ ހުރި ގޮނޑީގައި އިށިންނަމުން ބުނެލިއެވެ.

"އަހަރެން މިއޮފީހުން ވަގަށް ނަގަން ބޭނުންވަނީ މިހިރަ އަންހެން ކުއްޖާ، ހެލޯ، އައިމް ޒައުލް، ދާން'ސް ބެސްޓު ފުރެންޑު، އަހަންނާ އިންނަންވީނު" ޒައުލް މަންހާއަށް އަތްދިއްކޮއްލަމުން ބުނެލިއެވެ. މަންހާ ހައިރާންކަމާއިއެކު ޒައުލްއަށް ބަލާލިއެވެ. އަދި ދެވަނަ ނަޒަރަކުން ދާއިންއަށް ބަލާލިއެވެ.

"ހީސް ޖޯކިންގ، ޒައްލޭ، ޔޫ މަސްޓު ރެސްޕެކްޓް ހާރ" ދާއިން މަންހާއަށް ބަލާލަމުންނާއިއެކު ޒައުލްއަށް އެކަންހުއްޓުމަށް ބުންޏެވެ.

ޒައުލް އައުމުގެ ސަބަބުން މަންހާއަށް އުނދަގޫވިއެވެ. އޭނަ ދާއިން އާއިއެކު ހޭދަކޮއްލަން ލިބުނު ވަގުތުކޮޅުވެސް ގެއްލުނީތީއެވެ. ޒައުލް އާއި ދާއިންގެ ވާހަކަތަކުގައި މަންހާއަށްވެސް ބައިވެރިވާން ޖެހުނީއެވެ. ދާއިންއަށްޓަކައެވެ. މަންހާއަށް ޒައުލްގެ މިޒާޖެއް އެހާ ކަމަކު ނުދެއެވެ. އަންހެނުންނާއި ދޭތެރޭ އޭނަ ދެކޭގޮތް މަންހާއަށް ކަމުނުދަނީއެވެ. ދާއިން އޭނަގެ އެއްވެސް ކަމެއް މަންހާ އާއި އަމާޒުވިޔަނުދީ އެކަމެއްހުއްޓުވައެވެ.

ގެއަށް ދިއުމުގެ ކުރިން ވިޝާލް ބޭނުންވީ މާލޭގެ މަގުތަކުގައި މަންހާ ގޮވައިގެން ދުއްވާލަންދާށެވެ. އެކަމާ މަންހާ ދެކޮޅެއް ނުހެދިއެވެ. ވިޝާލް މަންހާގެ ދުވަސް ދިޔަގޮތާއި ގުޅިގެން ސުވާލުކުރިއެވެ. އެހެންނަމަވެސް އެކަމާއި މަންހާ ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. ވިޝާލް މަޢުލޫ ބަދަލުކޮއްލިއެވެ. ގެއަށް އާދެވުމާއިއެކު ގޭތެރެއަށް ވަންނަން މަންހާ އަވަސްވެ ގަތެއްކަމަކު ވިޝާލްއިނީ މަންހާ އެހާ އަވަހަށް ފޮނުވާލާ ހިތަކުން ނޫނެވެ. އޭނަގެ ހިތް މަންހާއަށް އެދޭވަރު ބަޔާންކުރަން ކޮންމެ ފަހަރަކު އެދެއެވެ. ދިއުމުގެ ކުރިން އެއަތުގެ ތެރެއަށް މަންހާ ގެނެސްލުމަށް އެހިތްއެދެއެވެ. އެރީތި ދެލޮލުގައި ބޮސްދޭން ބޭނުންވެއެވެ. އެހެނީ ނިދީގަވެސް ހުވަފެނެއްކަމުގައި އޭނަގެ ހިޔާލުތައް ވުމަށެވެ. އެހެންނަމަވެސް ވިޝާލް ބަލަބަލާ އިންދާ މަންހާ ގޭތެރެއަށްވަދެ ދޮރުލައްޕައިފިއެވެ.

ހަފްތާ ނިމެންވިއިރު މަންހާ ދާއިންގެ މަސައްކަތް އެއްކޮށް ނިންމާލިއެވެ. އޭނަގެ އަމިއްލަ ހިޔާލަށް ކުރެހިކުރެހުންތަކާއި ދާއިން އާއި ކާއިލް ކުރަހަންފަށާފައިވާ ކުރެހުންތައްވެސް އޭނަ ނިންމިއެވެ. ރޭގަނޑު ހޭލާ ހުރެގެން އޭނަ ދާއިންގެ މަސައްކަތް ކޮއްދިނީ އޭނަގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކެގެންނެވެ. ހެނދުނު އޮފީހަށް އައިއިރު އޭނަގެ ލޮލުންވެސް ނިދިނުލިބިފައިވާކަން ހާމަވަމުންދިޔައެވެ. އޮފީހަށް އައިގޮތަށް އޭނަ ދާއިންއަށް ގުޅާފައި އެއުފާވެރި ހަބަރު ދިނެވެ.

"މަންހާ ބަލީތަ؟" ދާއިންއަށް މަންހާ ފެނުމާއިއެކު އަހާލެވުނެވެ.

"ނޫން ސަރ، އަޅުގަނޑު އެއްޗެއް ސަރއަށް ދައްކާލަން ބޭނުން" މަންހާ ބުނެލިއެވެ.

"ކޮންއެއްޗެއް؟ މި އާއި ގުޅޭ އެއްޗެއްތަ؟" ދާއިން އިމާރާތްތަކުގެ ފައިނަލް ކުރެހުންތަކަށް ބަލަންހުރެ ބުނެލިއެވެ. އޭނަ ވަނީ ހިތްހަމަ ޖެހިފައެވެ. ހީކުރިވަރަށްވުރެ ފަސޭހަ ކަމާއިއެކު ރާވާފައިވާ އެއްވެސް ކަމަކަށް ބުރުލެއް ނާރާ އެކަންނިމުނީތީއެވެ.

"ސަރ....މީ.....މީ އަޅުގަނޑުހެދި މެއިން ފްރޭމް، އަޅުގަނޑަށް ބައެއްކަންތައްތައް ބަދަލުކޮއްލުމުން އަދިވެސް ފުރިހަމަވާނެ ކަމަށް ފެންނާތީ މިކުރެހުން ހެދީ.... އިފް ޔޫ ޑޯންޓް މައިންޑް..." މަންހާ ޖެހުލުންވާގޮތްވިއެވެ. ދާއިން އޭނަގެ ގާތުގައި އިތުރުބަދަލުތަކެއް ގެނައުމަކަށް ނުބުނެއެވެ. އޭނަ ހަދަންބޭނުންވިގޮތް މަންހާއަށް ކިޔާދީފައި އެކަމުގައި އެހީތެރިވުމަށް އެދުނީއެވެ.

"ލެޓް މީ ސީ" ދާއިން މަންހާގެ ކުރެހުންތައް ބެލުމަށް ޝައުގުވެރިވިއެވެ.

މަންހާ ހީކުރި ގޮތާއި ހިލާފަށް ދާއިންއަށް މަންހާގެ މަސައްކަތް ވަރަށް ކަމުދިޔައެވެ. އޭނައަށް މަންހާގެ ކުރެހުންތަކުން މީގެކުރިން ފާހަގަނުކެރިފައިވާ ކުދިކުދި މައްސަލަތައް އޭނަގެ އަމިއްލަ ކުރެހުމުން ފާހަގަވިއެވެ. އޭނަގެ މޫނުމައްޗަށް އާދަޔާއި ހިލާފު ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. މަންހާއަށް ދާއިންގެ ދުލުން ފުރަތަމަ ފަހަރަށް ތަޢުރީފުގެ ބަހެއް ބުނެލިއެވެ. މަންހާގެ ހުނަރާއިމެދު އޭނަ ހުރީ އަޖައިބުވެފައެވެ. ހަމައެކަނި މޮޅެތި ސެޓްފިކެޓްތަކެއް ހިފައިގެން އުޅޭ އަންހެން ކުއްޖެއް ނޫންކަން މިއަދު ދާއިންއަށް އެނގުނެވެ. އޭނަ އަވަސް އަވަހަށް ކޮމްޕެނީގެ އަހަރީ ޕާޓީ ލަސްނުވާނެކަމަށް ހުރިހާ ސްޓާފުންނަށް އެންގުމަށް ބުނެލިއެވެ.

"ސޮރީ ސަރ، އަދި އެއްވެސް މުވައްޒަފަކަށް ނޭގޭނެ އަހަރީ ޕާޓީ ލަސްކުރަން ޖެހުނުކަމެއް، އެންމެންވެސް ހީކުރާނީ މާދަމާ ރޭ ޕާޓީ އޮތްކަމަށް، އައި އެމް ސޮރީ، އެކްޓުއަލީ އައި ހޭވް ފައިތް އިން ޔޫ........އޭރުވެސް އެނގޭ މިކަން ސަރއަށް ވާނެކަން، އާފްޓަރއޯލް އައިމް ޔޯ ޕީއޭ، އަޅުގަނޑު ސަރއަށް ކޮންމެކަމެއްގަވެސް އެހީތެރިވާނެ އެއްނު" މަންހާގެ ބަހުގެ ޔަގީންކަން މިއަދު ދާއިންއަށް އެނގިއްޖެއެވެ. ހަގީގަތުގައި އޭނައަށް މަންހާފަދަ ކިޔަވައިގެން ހުރި ތަނަވަސްހިޔާލުތަކެއް ލިބިފައިވާ ފަރާތެއް ބޭނުންވެއެވެ. އޭނަގެ ކޮމްޕެނީގެ ކުރިއެރުންކަމުގައި އެފަދަ ޒުވާނުން އޭނަ އާއިއެކު މަސައްކަތް ކުރުންވާނޭކަން ޔަގީނެވެ. ހުދު އޭނައަށްވުރެވެސް މަންހާގެ ހިޔާލުތައް ތަނަވަހެވެ. އޭނަގެ މަސައްކަތް އެހާވެސް ފުރިހަމައީއެވެ.

"ތެންކްޔޫ، އައި ރިއަލީ އެޕްރިޝޭޓެޑް، ތެންކިޔު........." ދާއިންއަށް މަންހާއަށް އެތަށްފަހަރަކު ޝުކުރުއަދާކުރެވުނެވެ. މަންހާއަށް ލިބިފައިވާ ވަރުބަލިކަންވެސް ފިލައިގެން ދިޔަކަހަލައެވެ. ދާއިންގެ ދުލުން އޭނައަށް ތައުރީފު ހައްގުވާވަރުގެ ކަމެއް ކުރެވުނީތީ އޭނަގެ ހުރީ އުފަލުންނެވެ.

އަރިއަތޮޅު ޕްރޮޖެކްޓުގެ ނަމުގައި ނަންދީފައިވާ ޕްރޮޖެކްޓު ހުށައަޅާދިނުން އޮތީ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެކިތަންތަނުގެ ވެރިންތިބި އިރު އެދުވަހުގެ މީޓީންގައި ކާއިލްއަށްވެސް ބައިވެރިވެވޭގޮތްވިއެވެ. މަންހާ އިނީ ދާއިންގެ ފަހަތުގައި ޔައުމިއްޔާގައި ހިމަނާ ނޯޓްސްތައް ލިޔުމުގައެވެ. ދާއިން ޕްރޮޖެކްޓާރގެ އެހީގައި ކުރެހުންތައް ދައްކަމުންދިޔައެވެ.

މީޓިން ނިމިގެން ދިޔައީ ވަރަށްވެސް ކާމިޔާބުކަމާއިއެކުއެވެ. މަސައްކަތް ހަވާލުކުރި ފަރާތުން ދާއިންގެ ކުރެހުމާއި ދޭތެރޭ ވަރަށްވެސް ހިތްހަމަޖެހުނެވެ. އެކި ބޭފުޅުންނާއި ސަލާމް ކުރަމުން ދިޔައިރުވެސް ދާއިން ދޭތެރެއަކުން މަންހާއަށް ބަލާލައެވެ. އެހުރިހާ ވަގުތަކުވެސް މަންހާގެ ނަޒަރު ހުއްޓިފައިވަނީ ދާއިންއަށެވެ. ހީވާގޮތުން ދާއިން މަންހާ އާއި ވާހަކަދައްކަން ބޭނުންވެފައިހުރި ކަހަލައެވެ. އެހެންނަމަވެސް ކާއިލްއަށް އެދެމެދަށް ހުރަސްއެޅުނީ އެކަން އެނގިހުރެއެއްނޫނެވެ. އޭނަ މަންހާގެ ގާތަށް އައިސް ވާހަކަދައްކަންފެށިއެވެ.

"ވާވު، ވަޓް އަ މީޓިން، ކިރިޔާދޯ މިސަލާމަތްވީ، އަހަރެން ހީވެސް ނުކުރަން ދާއިން އެކަނިމާއެކަނި އެހުރިހާ ކުރެހުންތައް ކުރަހާ ނިންމާލެވޭނެކަމަށް، އިޓްސް އޯލް މައި ފޯލްޓް، ދާއިން ހަމަނިދި ނިދާލިހެންވެސް ހީނުވޭ، އެހެންނޫންމަ މިޕްރޮޖެކްޓް ފެއިލްވާނެ، ބަހުގެ އިތުބާރު ގެއްލުނީސް" ކާއިލް އެހެން ބުނެލުމާއިއެކު މަންހާ ހިނިތުންވެލިއެވެ. އަދި ކޮންމެ މީހަކުވެސް ބަލިވެދާނެކަމުގައި ބުންޏެވެ.

ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން އައިސްތިބި އިސްވެރިން ކޮންފަރެންސް ރޫމުން ނުކުންނަން ފެށުމުން ކާއިލް ދާއިންގެ ގާތަށް ޖެހިލިއެވެ. މަންހާ އޭނަގެ ޒިންމާތަކަށް އަވަސްވެގަތެވެ. މީޓިން ނިމުމާއިއެކު އޭނަ މޭޒުތަކުގައި އަތުރާފައި ހުރި ބިއްލޫރި ތަށިތަކާއި ފެންފުޅިތަށް ނެގުމަށް އޮފީހުގައި މަސައްކަތް ކުރަން އުޅޭ ބިދޭސީ މީހާއަށް އެންގިއެވެ. އޭނަ ދާއިން އާއި ކާއިލްއަށް ފުރުޞަތު ދެމުން އޭނަގެ ވޯކް ސްޓޭޝަންގައި މަޑުކޮއްލައިގެން އިނެވެ. ދާއިން އާއި ކާއިލް އައިސް ދާއިންގެ ކެބިންއަށްވަނީވެސް މަންހާ އިންދައެވެ. އެހިނދު މަންހާ އާއި ދާއިންގެ މެދުގައި ވަރަށްވެސް ތަފާތު މާނަފުން ބަލާލުމެއް ބަދަލުކޮއްލެވުނެވެ. ދާއިން ހިނިތުންވެލަން ބޭނުންވިއެވެ. އެކަމަކު އޭނަގެ ތުންފަތް ހަރަކާތެއް ނުކުރިއެވެ. ކީއްވެ ކަމެއް ނޭގެއެވެ. މިއަދުވެސް އޭނައަށް މަންހާއަށް ބަލާލެވުނީ ކިތަށް ފަހަރު ކަމެއްވެސް ނޭގެއެވެ. މަންހާ އިނީ ދާއިންގެ އިޝާރާތަކަށް ކެތްތެރިކަން ކުޑަވެފައެވެ. އެކަމަކު އޭނަ ބޭނުންވާފަދަ އިޝާރާތެއް އަންނާނީ ކޮންދުވަހަކުން ކަމެއް ނޭގެއެވެ.

އަހަރީ ދުވަހާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ހަފްލާ އޮތީ ރިސޯޓެއްގައެވެ. އެކަމުގެ ހުރިހާ ކަމެއް ރޭވީ މަންހާ އާއި ދާއިން ގުޅިގެންނެވެ. ދެމީހުންގެ ހިޔާލުގެ މައްޗަށް ދާއިންގެ ތަޖުރިބާ އާއިއެކުއެވެ. ލޯންޗު ހަމަޖެހިފައި އޮތީ އިރުއޮއްސި ހަގަޑި ފަނަރައަށެވެ. މަންހާ އޮފީސް ފަރާތުން ރިސޯޓަކަށް ދާން އުޅޭތީ ވިޝާލް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. އޭނައަށް މަންހާގެ ގާތުގައި ނުދާށޭ ބުނަން ނުކެރުނު ކަމުގައިވިޔަސް ވަރަށް ގިނަ ޝަކުވާތަށް ކުރިއެވެ. އަދި އެހާމެ ގިނަ ބަހަނާދެއްކިއެވެ. ވިޝާލްއަށް މަންހާ އޭނަދެކެ ލޯބި ނުވިއެއްކަމަކު އޭނަ އާއި މަންހާ އާއި އޮންނަ ގާތްކަމެއްގެ ސަބަބުން އޭނައަށް ބައެއްފަހަރު މަންހާގެ މައްޗަށް ބަސްބުނެވޭގޮތްވެއެވެ. އޭނަގެ ހަޔާތުގެ އެއްބައިކަމުގައި މާބޮޑަށްވެސް އިޙްސާސްކުރެވެނީއެވެ. އަނެއްކޮޅުން މަންހާގެ އޮފީހުގައި ކާއިލްފަދަ ރީތި ޒުވާނުން އުޅުމަކީވެސް އެކަމަކާ ވިޝާލް ކަންބޮޑުވާކަމެކެވެ. މަންހާގެ ހިޔާލު ބަދަލުވާ ދުވަހަކުންވެސް އޭނަ ބެނުންވަނީ މަންހާގެ ދިރިއުޅުމަށް އައުމުގެ ފުރުޞަތު ހަމައެކަނި އޭނައަށް ލިބުމެވެ. ކާއިލްފަދަ ޒުވާނަކަށް އެފުރުޞަތު ލިބިދާނެތީ އޭނަ ބިރުގަނެއެވެ.

ނުރުހުނުކަމުގައި ވިޔަސް ކާރުގައި މަންހާ ގެންގޮސް ފާލަން ކައިރިއަށް މަޑުކުރީ ވިޝާލްއެވެ. ވިޝާލް އެތަށް ފަހަރެއްގެ މަތިން އޭނައަށް ގުޅުމަށް އެދުނެވެ.

(ނުނިމޭ)