ހަބަރު

80 ޕަސެންޓް މީހުން ވޯޓުލާން ނުކުތް

Apr 8, 2019
1

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 ޕަސެންޓް މީހުން މިދިއަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފެށުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހެއްގެ އިންތިހާބެއްގައި އެންމެ ގިނައިން ވޯޓުލާން މީހުން ނުކުތް އިންތިހާބު ކަމަށެވެ.

އިންތިހާބުގައި 105،077 އަންހެނުން ވޯޓުލާފައިވާއިރު 107،002 ފިރިހެނުން ވެސް ވޯޓުލުމަށް ނުކުތެވެ. ދެ ޖިންސުން ވެސް ގާތްގަނޑަކަށް އެއް ހަމަހަމައަކަށް ވޯޓުލާން ނުކުމެފައިވާތީ ޝަރީފް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ.

ނިމިގެންދިޔަ އިންތިހާބުގެ ކަންކަން ސުލްހަވެރިކަމާއި އަމާންކަމާއެކު ނިމިގެން ގޮސްފައިވަތީ އޮބްޒާވަރުންނާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގައި ކުދިކުދި ޝަކުވާތައް ހުރި ނަމަވެސް އިންތިހާބު ނިމިގެން ދިޔައީ ވަރަށް އަމާންކޮށް ކަމަށެވެ. އެކަމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއެކު ލިބުނު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ސަލާމަތީ ކަންކަން ބެލެހެއްޓި ފުލުހުންނާއި ހޭލުންތެރިކުރަން މީޑިއާގެ މަސައްކަތް ޝަރީފް ފާހަގަކުރެއްވި އެވެ.

އިންތިހާބުގައި ވޯޓުލާން ގިނަ ބަޔަކު ނުކުތީ މެންދުރުފަހު އެވެ. ވޯޓުލުން 6:00 އަށް އިތުރު ވެސް ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު ތަނުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީއިންނެވެ. އެގޮތުން 65 ގޮނޑި އެ ޕާޓީއިން ވަނީ ކަށަވަރުކޮށްފަ އެވެ.